ވިޔަފާރި

ފިނޭންސް ކައިރީގައި ހުރި ބީއެމްއެލް އޭޓީއެމްތައް ބަންދުކުރަނީ

ފިނޭންސް މިނިސްޓްރީގެ އާ އިމާރަތުގެ މަސައްކަތް ފެށުމަށް ޓަކައި، އެ އިމާރާތާ އިންވެގެން ހުރި، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ އަމީނީމަގުގައި ހުރި ސެލްފް ސާވިސް އޭޓީއެމްތައް ބަންދުކޮށްފި އެވެ.

ބީއެމްއެލްއިން މިއަދު ބުނީ ފިނޭންސް މިނިސްޓްރީގެ އާ އިމާރާތުގެ މަސައްކަތް ކުރިޔަށްދާތީ އެތަނުގައި ހުންނަ ބީއެމްއެލް އޭޓީއެމްތައް އަންނަ ބުރާސްފަތި ދުވަހުން ފެށިގެން ބަންދު ކުރާނެ ކަމަށެވެ. އެ އޭޓީއެމް ބަންދު ކުރިނަމަވެސް ބީއެމްއެލްގެ އެހެނިހެން އޭޓީއެމްތަކުގެ ހިދުމަތް ކުރިޔަށް ދާނެ ކަމަށް ބީއެމްއެލް އިން ބުންޏެވެ.

ސެލްފްސާވިސްގެ ހަތަރު އޭޓީއެމް މެޝިން ބަހައްޓާފައި ހުންނަ އެތަން ހުޅުވާފައި ވަނީ މިދިޔަ އަހަރު މެދު ތެރޭގައެވެ.

ފިނޭންސް މިނިސްޓްރީގެ އާ އިމާރަތް އެޅުމަށް އޭޓީއެމްތައް ބަންދުކޮށްފައިވާ އިރު އެ މަސައްކަތް ކުރުމަށް މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިމާރަތުގެ ދެ ފަރާތުން ވެސް ވަނީ ތަޅަން ފަށައިފަ އެވެ. އެ އިމާރަތް 25 ބުރިއަށް ހަދަން ނިންމާފައިވާ އިރު އެ މަސައްކަތަށް 1.8 ބިލިއަން ރުފިޔާ ހަރަދުވާނެ އެވެ.