މީގެ ފަސް އަހަރު ކުރިން ޖެނުއަރީ، 2010 ގައި މާލޭގައި ހަދަމުން ދިޔަ އިމާރާތެއްގެ ތެރެއަށް މަރާލުމަށް ފަހު އެއްލާލާފައި އޮތް މަރިޔަމް ޝީރީނުގެ މަރުގެ ދައުވާލިބޭ މުހައްމަދު ނަޖާހުގެ މައްޗަށް ހުކުމް ކުރަން ތާވަލްކުރި އަޑުއެހުން ކެންސަލްކޮށްފި އެވެ.
މަރާލުމަށް ފަހު ޝީރީން ކުނިތަކެއްގެ ތެރެއަށް އެއްލާލާފައި އޮއްވާ ފެނުނު މައްސަލައިގައި އޭނާގެ އޭރުގެ ލޯބިވެރިޔާ ކަމަށް ލ. ކަޅައިދޫ އޯޝަންވިލާ ނަޖާހުގެ މައްޗަށް ކުރަނީ ގަސްދުގައި މީހަކު މެރިކަމުގެ ދައުވާ އެވެ.
އެ މައްސަލައިގެ އަޑުއެހުމެއް އެންމެ ފަހުން ބޭއްވީ މިދިޔަ އަހަރުގެ މާޗް މަހުގެ ތެރޭގަ އެވެ. އެދުވަހު އެ މައްސަލަ ބައްލަވާ ގާޒީ ވިދާޅުވެފައިވަނީ އެ އަހަރުގެ އޭޕްރީލް މަހުގެ ދުވަހެއްގައި އެ މައްސަލައިގެ ހުކުމް އިއްވަވާނެ ކަމަށެވެ.
އޭގެ އަހަރެއްހާ ދުވަސްފަހުން މިއަދު ހެނދުނު ބާއްވަން ތާވަލްކުރި އަޑުއެހުން ކެންސަލްކުރީ އެ މައްސަލަ ބައްލަވާ އެ ކޯޓުގެ އިސްގާޒީ އަބްދުﷲ މުހައްމަދު ޗުއްޓީގައި ހުންނެވުމުން ކަމަށް ކްރިމިނަލް ކޯޓުން ބުންޏެވެ. ދެން އެ މައްސަލަ ތާވަލްކުރީ ކޮން ދުވަހަކަށް ކަމެއް ވެސް ސާފެއް ނުވެއެވެ.
އެ މައްސަލަ ބައްލަވާ އަބްދުﷲ ގާޒީ ޗުއްޓީ ނެންގެވީ ކުރީގެ ރައީސް މުހައްމަދު ނަޝީދާއި އިތުރު ބޭފުޅުންތަކެއްގެ މައްޗަށް ޓެރަރިޒަމްގެ ދައުވާގެ ޝަރީއަތެއް އެ ކޯޓުގައި ހިނގަމުންދާތީ ކަމަށް ބުނެއެވެ. އެ ބޭފުޅުންގެ މައްޗަށް އެ ދައުވާ އުފުލަނީ އަބްދުﷲ ގާޒީ ބަންދުކުރި މައްސަލައިގަ އެވެ.
ޝީރީންގެ މަރުގެ މައްސަލައިގައި ނަޖާހުގެ ކިބައިން ބޭނުންވަނީ މަރަށް މަރު ހިފަން ކަމަށް ޝީރީންގެ ވާރިސުން ވަނީ ބުނެފަ އެވެ. އެ މައްސަލައިގެ ޝަރީއަތް ހިންގަމުން ދަނިކޮށް މަސްތުވާތަކެތީގެ މައްސަލައެއްގައި އޭނާ 10 އަހަރަށް ޖަލަށްލާން ކްރިމިނަލް ކޯޓުން ވަނީ 2011 ގައި ހުކުމްކޮށްފަ އެވެ.