ރާއްޖެ ކުޅިވަރު

އެތުލީޓުން ތަމްރީން ކުރަން ގައުމީ ފެން ކުންފުނި ވެސް ބައިވެރިވެއްޖެ

Sep 21, 2016

މޯލްޑިވްސް އޮލިމްޕިކް ކޮމިޓީން އިސްނަގައިގެން ރާއްޖޭގެ އެތުލީޓުން ތަމްރީން ކުރުމަށް ފަށާފައިވާ ކެމްޕޭން "ޕާޓްނާސް ފޯ އެމްވީ ސްޕޯޓްސް" ގައި ގައުމީ ފެން ކުންފުނި އެމްޑަބްލިއުއެސްސީ އިން ބައިވެރިވެއްޖެ އެވެ.

"ޕާޓްނާސް ފޯ އެމްވީ ސްޕޯޓްސް" ގައި އެމްޑަބްލިއުއެސްސީ ބައިވެރިވުމުގެ ގޮތުން "ޕާޓްނާސް ފޯ އެމްވީ ސްޕޯޓްސް" ގެ ރަމްޒީ ބެޓަންއާ ހަވާލުވެވަޑައިގެންނެވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓާ ފަޒުލް ރަޝީދެވެ.

ފަޒުލް ވިދާޅުވީ އެތުލީޓުން ތަމްރީން ކުރުމުގެ ޕްރޮގްރާމްގައި އެ ކުންފުނިން އަންނަ އަހަރު 12،000 ޑޮލަރު ހޭދަ ކުރައްވާނެ ކަމަށެވެ.

އަދި ކުޅިވަރު ދެމެހެއްޓެނިވި ގޮތެއްގައި ތަރައްގީ ކުރުމަށް ފެން ކުންފުނިން ދެމިއޮންނާނެ ކަމަށް ފަޒުލް ވިދާޅުވިއެވެ.

އޮލިމްޕިކް ކޮމިޓީގެ ޖެނަރަލް ސެކެޓްރީ އަހްމަދު މަރުޒޫގް ވިދާޅުވީ "ޕާޓްނާސް ފޯ އެމްވީ ސްޕޯޓްސް" އިއުލާން ކުރުމުން އެކަމަށް އެންމެ ފުރަތަމަ ޝައުގުވެރިކަން ފާޅު ކުރި ކުންފުނިތަކުގެ ތެރޭގައި ގައުމީ ފެންކުފުނި ވެސް ހިމެނޭ ކަމަށެވެ.

ގައުމީ ފެން ކުންފުނީގެ މި އެހީގެ ދަށުން އެއް އަހަރުވަންދެން އެތްލީޓެއްގެ ޓްރެއިނިން ސްކޮލަޝިޕަށް އެހީތެރިކަން ފޯރުކޮށްދޭނެ އެވެ. މި ޕްރޮގްރާމްގައި ޓެލެކޮމް ކުންފުނި އުރީދޫ ވެސް ބައިވެރިވެފައިވެ އެވެ.