ރާއްޖެ ކުޅިވަރު

ރާއްޖޭގައި ކްރިކެޓް ފޯރިގަދަ ކުރުމުގެ އާވިސްނުންތަކެއް

ދުނިޔޭގައި އެންމެ ބޮޑަށް ކްރިކެޓްގެ ފޯރި އޮތް އެއް ސަރަހައްދަކަށް ދެކުނު އޭޝިއާ ސަރަހައްދު ވެގެންދާނެއެވެ. ދުނިޔޭގެ ކްރިކެޓް ޗެމްޕިއަނުންގެ ގޮތުގައި މިސަރަހައްދަށް ނިސްބަތްވާ ތިން ގައުމު އެބައޮތެވެ. ދުނިޔޭގެ ކްރިކެޓްގައި އޮސްޓްރޭލިއާއަށް ފަހު އޮތް އެންމެ ވަރުގަދަ ގައުމަކީ އަވައްޓެރި އިންޑިއާއެވެ.

ސަރހައްދުގެ އެހެން ގައުމުތަކުގައި ކްރިކެޓްގެ ފޯރި އޮތްވަރާ ބަލާއިރު ރާއްޖޭގައި އޭގެ އަސަރު ކުޑައެވެ. ސަރަހައްދުގެ އެހެން ގައުމު ތަކެކޭ އެއްފަދައިން ރާއްޖޭގައި ކްރިކެޓްގެ ފޯރި އިތުރު ކުރުމަކީ ސަރުކާރުގެ އަމާޒެކެވެ. އަދި ރާއްޖޭގެ ކްރިކެޓް ބޯޑްގެ އާ ލަނޑުދަނޑިގެ ގޮތުގައިވެސް ކްރިކެޓް ފޯރި އިތުރު ކުރުމަށް ވަނީ ހިމަނާފައެވެ. ކުޅިވަރަކުން އެންމެ ފުރަތަމަ ރަންމެޑަލް ގެނައި ކުޅިވަރަކީ ކުޅިވަރެވެ.

ރާއްޖޭގައި ބައިނަލްއަގްވާމީ ފެންވަރުގައި ވާދަ ކުރާ ކުޅިވަރުގެ ތެރެއިން އޮލިމްޕިކް ކެޓަގަރީގައި ނުހިމެނޭ މައިގަނޑު ކުޅިވަރަކީ ކްރިކެޓެވެ. ނަމަވެސް އޮލިމްޕިކް ކުޅިވަރެއްގެ ގޮތުގައި ކްރިކެޓް ނުހިމެނުނު ނަމަވެސް، ކްރިކެޓް ތަރައްގީ ކުރުމަށް މޯލްޑިވްސް އޮލިމްޕިކް ކޮމިޓީން ވަނީ ތައްޔާރުވެފައެވެ.

"އިންޑިއާގެ ސަފީރާ އެކު އަޅުގަނޑުމެން ކުރި މަޝްވަރާތަކުގައި ވާނީ ރާއްޖޭގެ ކްރިކެޓް ކުޅުންތެރިންނަށް އިންޑިއާ އިން ތަމްރީން ފުރުސަތު ހޯދައިދިނުމަށް މަޝްވަރާ ކޮށްފަ" މޯލްޑިވްސް އޮލިމްޕިކް ކޮމިޓީގެ ޖެނަރަލް ސެކެޓްރީ އަހްމަދު މަރުޒޫ (މަރޭ) ވިދާޅުވިއެވެ.

އޮލިމްޕިކް ކޮމިޓީން އެތުލީޓުން ތަމްރީން ކުރުމުގެ ޕްރޮގްރާމަށް އެހީތެރިކަން ހޯދުމަށް ފަށާފައިވާ "ޕާޓްނާސް ފޯ އެމްވީ ސްޕޯޓްސް" ޕްރޮގްރާމްގެ ތެރެއިން ފުރުސަތު ލިބޭ ވަރަކުން ޓީމު އިވެންޓްގެ ކުޅުންތެރިން ޓްރޭނިންއަށް ފޮނުވުމަކީ މަރޭގެ އަމާޒެކެވެ.

މަރޭ ވިދާޅުވީ ކްރިކެޓުންވެސް ކުޅުންތެރިންގެ ފެންވަރު މަތިކުރުމަށް މަސައްކަތް ކުރައްވާނެ ކަމަށެވެ. އަދި ސަރަހައްދީ ގައުމު ތަކެކޭ އެއްގޮތަށް ރާއްޖޭގައިވެސް ކްރިކެޓް ފޯރިގަދަ ކުރުމަކީ ސަރުކާރުން އިސްކަން ދެއްވާ ކަމެއްގެ ގޮތުގައި ސަރުކާރުން ފާހަގަ ކޮށްފައިވާ ކަމަށް މަރޭ ވިދާޅުވިއެވެ.

ކްރިކެޓް ބޯޑުން އިސްނަގައިގެން ވަނީ ރާއްޖޭއިން ބޭރުގެ ކްރިކެޓް އެސޯސިއޭޝަންތަކާ ގުޅިގެން ރާއްޖޭގެ ކްރިކެޓް ތަރައްގީ ކުރުމަށް މަޝްވަރާ ކޮށްފައެވެ. އެގޮތުން އަޔަލޭންޑްގެ ކްރިކެޓް އެސޯސިއޭޝަނާ ގުޅިގެން ރާއްޖޭގެ ކްރިކެޓް ތަރައްގީކުރުމަށް ދެ ގައުމުގެ ކްރިކެޓް ބޯޑުން މަސައްކަތް ކުރުމަށް ވަނީ އެއްބަސްވެފައެވެ.