އާންމު ގޮތެއްގައި ކުޅިވަރު ހާއްސަ ކުރެވިފައިވަނީ ޒުވާނުންނަށެވެ. ކުޅިވަރު އިސްތިހާރު ކުރުމާއި ބްރޭންޑަކަށް ހެދުމުގައިވެސް އިސްކަން ދެވެނީ ޒުވާން އާބާދީއަށެވެ. ނަމަވެސް ކުޅިވަރަކީ ވަކި ކުލައަކަށް އޮތް ނުވަތަ ވަކި އުމުރު ފުރައަކަށް އޮތް ކަމެއް ނޫނެވެ. "ކުޅިވަރު" މި ލަފުޒު މާނަކޮށް ދިނުމުގައިވެސް ވަކި އުމުރަކަށް ހާއްސަކޮށްފައެއް ނެތެވެ. ރާއްޖޭގެ ކުޅިވަރު ގާނޫނުގައިވެސް އޮތީ އެހެންނެވެ.
ޒުވާނުންނާއި ކުޅިވަރާ ބެހޭ މިނިސްޓްރީގެ އަޒުމަކީ ވެސް "ސްޕޯޓް ފޯ އޯލް" އެވެ. ވަކި އުމުރު ފުރައަކަށް ކުޅިވަރު ހާއްސަ ނުކުރުމެވެ. ހުރިހާ އުމުރުފުރާގެ މީހުން ވެސް ކުޅިވަރުގައި ބައިވެރިކުރުވުމެވެ.
އެ އަމާޒަށް ދިޔުމަށް ތަފާތު ގިނަ ކުޅިވަރުތަކެއް ހިމެނޭ ގޮތަށް މިއަންނަ މަހު ހަތަކުން އަށަކަށް ފުވައްމުލަކުގައި "ސްޕޯޓްސް ފޯ އޯލް" ކުޅިވަރު ފެސްޓިވަލް ބޭއްވުމަށް މިނިސްޓްރީ އިން މި ވަނީ ނިންމައިފަ އެވެ. މިހާތަނަށް 1000 މީހުން މި ޕްރޮގްރާމްގައި ބައިވެރިވުމަށް ވަނީ ނަން ނޯޓްކޮށްފައެވެ.
ފުވައްމުލައް އަތޮޅު ކައުންސިލާ ގުޅިގެން ޔޫތު މިނިސްޓރީން ހިންގާ ސްޕޯޓްސް ފޯ އޯލް ޕްރޮގްރާމަށް ފުވައްމުލަކުގައި ބޮޑު ފޯރިއެއް އެބައޮތެވެ.
"ވަރަށް ފޯރިގަދަ ކޮށް ދަނީ ތައްޔާރުވަމުން. ބައެއް ކުޅިވަރުތަކަށް ޕްރެކްޓިސް ކުރުން މިހާރުވެސް ވަނީ ފެށިފަ. އަދި ޑޯޓްޑޯ ޖައްސައިގެން މި ޕްރޮގްރާމްގެ މައުލޫމާތު އާންމުންނަށް ފޯރުކޮށް ދިނުމަށް ފުވައްމުލަކުން އިސްނަގައިގެން ކުރުމަށް ވަނީ ހަމަޖެހިފަ" ޔޫތު މިނިސްޓްރީގެ އެސިސްޓެންޓް ޑިރެކްޓާ ނަސްރީނާ އިދުރީސް ވިދާޅުވިއެވެ.
ނަސްރީނާ ވިދާޅުވީ ފުވައްމުލަކުގައި ބަށިބޯޅަ ވަރަށް ބޮޑަށް ވަޅު ޖެހިފައިވުމާއެކު، ސީދާ އެރަށުން އަމިއްލަ އަށް އެދިގެން ބަށި ކުޅުން ޕްރޮގްރާމްގައި ހިމަނާފައިވާނެ ކަމަށެވެ. މިޕްރޮގްރާމްގައި ޓީމުތައް ބަހާލުމަށް ހަމަޖެހިފައިވަނީ އެކި އަވަށްއަވަށުގެ މީހުން ޓީމުތަކުގައި ހިމެނޭ ގޮތަށެވެ. ޓީމުތަކުގައި ހުރިހާ އަވަށަކުން މީހުން ތަމްސީލު ކުރާނެއެވެ.
"ޓީމުތައް ހިމެނޭނީ އަވަށްތައް ވަކިންނެއް ނޫން. ހުރިހާ އަވަށްތަކެއްގެ މީހުން ޓީމުތަކުގައި ހިމެނޭ ގޮތަށް ޓީމެއް ހަދައިގެން ވާދަ ކުރުމުގެ ފުރުސަތު އޮންނާނެ" ނަސްރީނާ ވިދާޅުވިއެވެ.
ޔޫތު މިނިސްޓްރީގެ ޑެޕިޔުޓީ މިނިސްޓާ އަބްދުލް މުހްސިން (ޖޭފޯ) ވިދާޅުވީ މީގެ ކުރިން ބޭއްވުނު ސްޕޯޓްސް ފޯ އޯލް ޕްރޮގްރާމަށް ބޮޑު ތަރުހީބެއް ލިބިފައިވާ ކަމަށެވެ. އެގޮތުން މާލޭގައި ބޭއްވުނު ޕްރޮގްރާމަށް 3000 ވުރެ ގިނަ މީހުން ބައިވެރިކަމަށް ޖޭފޯ ވިދާޅުވިއެވެ.