ރާއްޖެ ކުޅިވަރު

ކުރިމަތިލާނަން، އެފްއޭއެމަށް ބޭނުންވަނީ ހިތްވަރުހުރި މީހެއް: މެމްބަރު ލަތީފް

Sep 22, 2016
1

އެފްއޭއެމުގެ ރައީސްގެ މަގާމަށް ކުރިމަތިލައްވާނެ ކަމަށާއި އެތަނަށް ބޭނުންވަނީ ހިތްވަރުހުރި މީހަކު ކަމަށް ރައްޔިތުންގެ މަޖިލީހުގެ ދިއްދޫ ދާއިރާގެ މެމްބަރު އަބުދުއްލަތީފް މުހައްމަދު ވިދާޅުވެއްޖެ އެވެ.

އަވަސްއާ ވާހަކަ ދައްކަވަމުން ލަތީފް ވިދާޅުވީ މަގާމު ގެއްލިވަޑައިގަތް ކުރީގެ ރައީސް އަހުމަދު ތޯރިގް (ޓޮމް) ކުރިމަތިލައްވާނަމަ އޭނާ ފަހަތަށް ޖެހިވަޑައިގަންނަވާނެ ކަމަށެވެ.

"އެހެންނޫނީ ކުރިމަތިލާނަން. ބާރުގަދަ ފަރާތަކުން ނުހުއްޓުވަންޏާ ވާދަކުރާނަން. އެފްއޭއެމަށް ބޭނުންވަނީ ހިތްވަރާއި ޖޯޝްހުރިމީހެއް. އަޅުގަނޑު ބޭނުންވަނީ ފުޓްބޯޅަ އަށް ބަދަލުތަކެއް ގެންނަން،" ދިއްދޫ ދާއިރާގެ ތަރައްގީ އަށްގިނަ މަސައްކަތްތަކެއް ކުރައްވަމުން އަންނަ މެމްބަރު ވިދާޅުވި އެވެ.

ލަތީފް ވިދާޅުވީ އޭނާގެ އަމިއްލަ ކުލަބެއް ނެތަސް، ފުރަތަމަ ޑިވިޝަނުގެ ކުލަބުތަކާ އަބަދުވެސް ވަރަށް ގާތްގުޅުމެއް އޮންނަ ކަމަށާއި ތާއީދުކުރާނެ ކަމަށް މިހާރު ވެސް ބޮޑެތި ބައެއް ކުލަބުތަކުން ބުނެފައިވާ ކަމަށެވެ.

"އަޅުގަނޑު ހޮވިއްޖިއްޔާ ސްކޫލުތަކަށް ހާއްސަ އިސްކަމެއްދޭނަނަ. މިހާރަށްވުރެ ކުލަބުތަކަށް ލިބޭ ފައިސާގެ އަދަދު އިތުރުކުރާނަން. ލީގުގެ ގަދަ ހަތަރަކަށް ލިބޭ ފައިސާ އިތުރުވާނެ. ރާއްޖެތެރޭގެ ކުލަބުތަކަށް ހާއްސަ ސަމާލުކަމެއްދީ ރާއްޖެތެރޭގެ ކުލަބުތައް ބޯޅަހޯދަން،ގޯލް ދާގަނޑު ހޯދަން ސަލާންޖަހާކަށް ނުޖެހޭނެ. މޮޅެތި ކުޅުންތެރިންނާއި ކޯޗުން ގެނެސްގެން ރާއްޖެތެރޭގައި ފުޓްބޯޅައިގެ ފޯރި ހިއްޕަދޭނަން،" 80ގެ ތެރޭގައި ދިއްދޫގައި ބޭއްވި ފުޓްބޯޅަ މުބާރާތްތަކުގައި ކުޅުނު ކުޅުންތެރިޔާ ބުންޏެވެ.

މީގެ ދެ އަހަރު ކުރިން މާޒިޔާ ހއ. އަތޮޅަށް ގެންދިއުމުގައި ވެސް އިސްދައުރެއް އަދާކުރެއްވި ލަތީފް ވިދާޅުވީ 24ގަޑިއިރުން 18 ގަޑިއިރު ހޭދަކުރާނީ ފުޓްބޯޅައިގައި ކަމަށެވެ.

"ތިން ވަނަ ވިޔަފާރިއެއް ނުކުރާނަން. އަޅުގަނޑު ބޭނުންވަނީ ފުޓްބޯޅަ ކުރިއަރުވަން. އެހިތްވަރާއި ޖޯޝް އެބަހުރި. އެފްއޭއެމަށް ބޭނުންވަނީ ރަނގަޅު ހިންގުންތެރިއެއް. މިއީ ދިވެހި ފުޓްބޯޅައިގެ އާބަދަލެއްގެ ފެށުން،" ލަތީފް ވިދާޅުވި އެވެ.

ލަތީފްގެ އިތުރުން މަޖިލިސް މެމްބަރު އަދި ކުރީގެ ފީފާ ރެފްރީ ރިޔާޒް ރަޝީދަކީ ވެސް އެފްއޭއެމަށް ކުރިމަތިލުން ވަރަށް ގާތްބޭފުޅެކެވެ. ނަމަވެސް ވަކިއެއްޗެއް ބުނަން މިވަގުތު އޭނާ ބޭނުމެއްނުވެ އެވެ.

އެފްއޭއެމުގެ ރައީސްގެ މަގާމު ހުސްވީ ފީފާއިން ރާއްޖެ ސަސްޕެންޑްކުރާނެ ކަމަށްދިން އިންޒާރާއެކު ބޭއްވި އިންތިހާބަށް ތިން މަސްނުވަނީސް އެއިދާރާގެ އެކްސްކޯގެ ނުވަ މެމްބަރުންގެ ތެރެއިން ފަސް މެމްބަރަކު އިސްތިއުފާދިނުމުންނެވެ. އަސާސީ ގަވާއިދު ބުނާގޮތުން އެކްސްކޯގެ ކޯރަމް ގެއްލިއްޖެނަމަ އާ އިންތިހާބެއް ބާއްވަންޖެހޭނެ އެވެ.