ރާއްޖެ ކުޅިވަރު

ބެލެނެވެރިން މިއަދު ބޭނުންވަނީ އިންޖީނިއަރުންނާއި ޑޮކްޓަރުން އެކަންޏެއްނޫން: މަރޭ

އަހަރުތަކެއް ކުރިން ބެލެނިވެރިންގެ އުންމީދުތައް ހުންނަނީ އެމީހުންގެ ދަރިންނަކީ ޑޮކްޓަރުންނަށް ނުވަތަ އިންޖިނިއަރުންނަށް ނުވަތަ ލޯޔަރުންނަށް ހަދާށެވެ. މިއީ ގިނަ ބެލެނިވެރިންނަށް އެމީހުންގެ ދަރިންނަށް ދައްކައިދޭން، އެމީހުންނަށް ފެންނަން އޮތް ހަމައެކަނި ޕްރޮފެޝަންއެވެ.

ނަމަވެސް މިހާރުގެ ބެލެނިވެރިންގެ ވިސްނުން ބަދަލުވެއްޖެއެވެ. ދަރިން ޑޮކްޓަރުންނަށާއި އިންޖީނިއަރުންނަށް ހަދަން ބޭނުންވާ ފަދައިން ކުޅިވަރު ޝަހުސިއްޔަތުތަކަށްވެސް ހަދަން ބޭނުންވެއެވެ. ޑޮކްޓަރުކަން ކިޔެވުމަށް ދަރިން ފޮނުވުމަށް މައިންބަފައިންގެ ބޮޑު ހަރަދުތައް ކުރާ ފަދައިން އެމީހުންގެ ދަރިންނަކީ ސްޕޯޓްސް މަނުންގެ ގޮތުގައި ހަދަންވެސް ހަރަދުކުރެއެވެ.

ބެލެނިވެރިންނަށް މިވިސްނުން ވިސްނައިދިނުމަށް މޯލްޑިވްސް އޮލިމްޕިކް ކޮމިޓީން އިސް ނަގައިގެން ކުރި މަސައްކަތް ފާހަގަކޮށްލަންޖެހެއެވެ. އެމްއޯސީ ޖެނަރަލް ސެކްރެޓަރީ އަހްމަދު މަރުޒޫގް (މަރޭ) ވިދާޅުވީ މީގެ ދެތިން އަހަރެއް ކުރިން އެތުލީޓުންނަށް ބޭރުގެ ތަމްރީން ހޯދުމަށް ލިބޭ ފުރުސަތުތައް މައިންބަފައިން ބޭނުންނުވުމުގެ ސަބަބުން ބައެއް އެތުލީޓުންނަށް އެފުރުސަތު ގެއްލިފައިވާ ކަމަށެވެ.

މިސުވާލަށް މަރޭ ހުށަހެޅުވީ ކޮންމެވެސް ވަރަކަށް ހިޔާލު ތަފާތުވުން އުފެދިދާނެ، ނަމަވެސް އެންމެންނަށްވެސް އޮޅުންފިލަން ފަސޭހަ ޕޮއިންޓެކެވެ.

ސްކޫލް ދައުރުގައި ވަރަށް މޮޅަށް ކުޅޭ ކުޅުންތެރިޔަކުވެސް، ސްކޫލް ނިންމާފައި އެރޮނގުން ކުރިއަށް ގެންދިއުމަށް ކުޅިވަރު އެސޯސިއޭޝަންތަކާއި އެމްއޯސީން ބޭނުން ވިނަމަވެސް، މައިންބަފައިންގެ އާނ ބަސް ނުލިބުމުން ސްކޫލް ދައުރަށްފަހު މޮޅެތި ބައެއް ކުޅުންތެރިންވަނީ އެކުޅިވަރު ދޫކޮށް، މުޅިން ތަފާތު އެހެން ދާއިރާތަކަށް ގޮސް އޮބާލާފައެވެ.

"އަހަރުތަކެއް ކުރިން އެތުލީޓުންނަށް ލިބޭ ފުރުސަތުތައް ބައެއް މައިންވަފައިން ގަބޫލު ނުވުމުން އެބަހުރި ފުރުސަތުތައް ގެއްލިފައި. ތަމްރީންތަކުގެ ބޭނުނހިފި އެތުލީޓުން ބައިނަލްއަގްވާމީ މުބާރާތްތަކުން މެޑަލް ގެންނަތަން ފެނުނީމަ ޕޭރެންޓުންނަށް އަންޑަސްޓޭންޑްވޭ އެމީހުން ދަރިން އެތުލީޓުންނަށް ހެދުމުގެ ވިސްނުން" މަރޭ ވިދާޅުވިއެވެ.

"މީ ވަރަށް ކޮންޓްރަވާޝަލް ވާހަކަ އަކަށް ވެދާނެ. [ގައުމީ ކެޕްޓަން އަލީ އަޝްފާގް] ދަގަނޑޭ އާއި ގޯލްކީޕަރު އިމްރަން މުހައްމަދާއި ހަސަން ސާއިދު އާއެކު ކިޔަވަން އުޅުނު ކުދިން ތެރެއިން ސްޓޭޖް މަތިން ރިޕޯޓް ފޯމް ލިބުނު ކުދިން ކޮބާ؟ މިއަދު އެމީހުން ތިބީ ކޮން ހިސާބެއްގައި ހޭ" ޕާޓްނާސް ފޯ އެމްވީ ސްޕޯޓްސް ގައި ގައުމީ ފެން ކުންފުނި ބައިވެރި ވުމަށް މިދިޔަ ބުދަ ދުވަހު އެމްޑަބްލިއުއެސްސީގައި ބޭއްވި ރަސްމިއްޔާތުގައި ނޫސްވެރިޔަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން މަރޭ ވިދާޅުވިއެވެ.

ތެދެކެވެ. ދަގަނޑޭ އާއި އިމްރާން އާއި ސާއިދު އަކީ މިވަގުތު ރާއްޖޭގެ ކުޅިވަރު ދާއިރާގައި ހަރަކާތްތެރިވާ އެންމެ މަގުބޫލު ތިން ނަމެވެ. އަދި އެތިން އެތުލީޓުންނަކީ އެންމެ ބޮޑު އާމްދަނީއެއްވެސް ލިބޭ ތިން އެތުލީޓުންނެވެ.

މަރޭ ވިދާޅުވީ އަހަރުތަކެއް ކުރިން ލިބުނު ފުރުސަތު ބޭނުން ނުހިފި ބެލެނިވެރިން މިއަދު އޭނާއާ ބައްދަލުވުމުން އޭރު އެފުރުސަތު ބޭނުން ކުރެވުނުނަމައޭ މިހާރު ހިތަށް އަރާ ވާހަކަ ބުނާ ކަމަށެވެ.

ދިވެހި ބެލެނިވެރިންގެ ވިސްނުން ބަދަލު ވަމުން އަންނަ ކަން އުރީދޫގެ ސީއީއޯ ވިކްރަމް ސިންހަ ވެސް ވަނީ ފާހަގަ ކޮށްފައެވެ.

"ޑޮކްޓަރުންނާއި އިންޖީނިއަރުންނަށް އެމީހުންގެ ދަރިން ހަދަން ބޭނުންވި ބެލެނިވެރިން މިހާރު ބޭނުންވޭ އެމީހުންގެ ދަރިންނަކީ ސްޕޯޓްސް މަނުން ކަމުގައިވެސް ހަދަން. އެއީ އެދާއިރާއިން ގިނަ ފުރުސަތުތަކެއް ތަނަވަސްވަމުންދާކަން ފާހަގަ ކުރެވުމުން" ޕާޓްނާސް ފޯ އެމްވީ ސްޕޯޓްސްގައި އުރީދޫ ބައިވެރިވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަމަވަމުން ވިކްރަމަ ސިންހަ ވިދާޅުވިއެވެ.

ސްޕޯޓްސް އަކީ ކުޅުންތެރިން ރިޓަޔާ ކުރިޔަސް ފައިސާ ހޯދޭނެ ގޮތްތައް ހުރި ދާއިރާއެކެވެ.