ރާއްޖެ ކުޅިވަރު

ރެޑްބުލް 'ކެޗް ދަ ފެރީ'ގެ އެއް ވަނަ އެމްއެންޑީއެފްގެ ފަޒީލަށް

Sep 24, 2016

މިއަހަރު ތަފާތު ގޮތަކަށް ބޭއްވި ރެޑްބުލް ކެޗްދަ ފެރީ އެމްއެންޑީއެފްގެ މެރިން ކޮޕްސްގައި މަސައްކަތް ކުރަމުން އަންނަ ހުސައިން ފަޒީލު ކާމިޔާބު ކޮށްފި އެވެ.

މިފަހަރުގެ ރޭހުގައި، ހުޅުމާލެއާއި މާލޭ އަދި ވިލިމާލޭ ސަރަހައްދުތަކުގައި ދުވެ، ކަނޑައެޅިފައިވާ ވަގުތައް ފެރީ ހޯދުމަށްފަހު ރޭސް ނިންމުން އޮތީ ހުޅުމާލޭ ސެންޓްރަލް ޕާކަށެވެ. މިދިޔަ އަހަރު ރޭސް ނިންމަފައިވަނީ ރާޅުގަނޑު ސަރަހައްދަށެވެ.

ހުރިހާ ފެރީއެއް ކެޗް ކުރެވުނު ބައިވެރިން ވަނީ 13.78 ކިލޯމީޓަރުގެ ސަރަހައްދެއް ހުރަސްކޮށްފަ އެވެ. ޖުމުލަ 150 އެތުލީޓުން ބައިވެރި މި ދުވުމުގައި، ހުރިހާ ފެރީ އެއް ކެޗް ކުރެވި ހުރިހާ މަރުހަލާއެއް ކަޑަތު ކުރެވުނީ 26 ދުވުންތެރިންނަށެވެ.

ކެޗް ދަ ފެރީގެ ދެ ވަނަ ހޯދީވެސް އެމްއެންޑީއެފް މެރިން ކޮޕްސްގައި މަސައްކަތް ކުރަމުން އަންނަ ޝިފާޒު މުހައްމެދެވެ. ތިން ވަނަ ހޯދީ މޯލްޑިވްސް ޕޮލިސް ސާވިސްގެ ޒައިދު ޝަރީފެވެ. އަންހެން ފިރިހެން ވަކިން ވަނަ ތައް ހޮވުމަށް ހަމަޖެހިފައިވީ ނަމަވެސް އެއްވެސް އަންހެން އެތްލީޓަކަށް މުޅި ރޭސް އެއްކޮށް ފުރިހަމަ ކުރެވިފައެއް ނުވެ އެވެ.