ވިޔަފާރި

އަލް ޝާލީ މެރިން އިން މުޅިން އާ ސްޕީޑް ލޯންޗެއް ނެރެފި

Sep 27, 2016
  • ލޯންޗަށް މެރިން އެކްސްޕޯގައި ހާއްސަ އަގެއް
  • މި ލޯޗުގައި 15 މީހުންގެ ޖާގަ، ދުވެލި ބާރު
  • ކުދި އަދި މެދުފަންތީގެ ވިޔަފާރިއަށް އެފޯޑު ކުރެވޭ

އަލް ޝާލީ މެރިން އިން މޯލްޑިވްސް އިން މުޅިން އަލަށް ބާޒާރަށް ނެރެފައިވާ ސްޕީޑް ލޯންޗަށް މެރިން އެކްސްޕޯގައި އޯޑަރު ކުރާ ފަރާތްތަކަށް ހާއްސަ ޑިސްކައުންޓެއް ލިބޭނެ ކަމަށް އެ ކުންފުނިން ބުނެފި އެވެ.

މެރިން އެކްސްޕޯ ފަށަނީ މިއަދު ހަވީރު ހުޅުމާލޭގަ އެވެ.

އަލް ޝާލީ މެރިން މޯލްޑިވްސްގެ އޮޕަރޭޝަން މެނޭޖަރު އިސްމާއިލް ޝަރީފު ވިދާޅުވީ އެ ކުންފުނިން ބާޒާރަށް ނެރުނު 24 ފޫޓުގެ މި ސްޕީޑް ލޯންޗަކީ ބޭނުންކޮށްލަން ފަސޭހަ، ސްޕީޑް ބާރު އުޅަނދެއް ކަމަށެވެ.

"މިއީ ގެސްޓް ހައުސްތަކުގައި ޓޫރިސްޓުން އުފުލަން ވެސް ބޭނުންކޮށްލަން ވަރަށް އެކަށީގެންވާ ސްޕީޑް ލޯންޗެއް،" ޝަރީފު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ކްރޫއިންނާއެކު 15 މީހުންގެ ޖާގައިގެ މި ލޯންޗަށް މެރިން އެކްސްޕޯގެ ތެރޭގައި އޯޑަރު ދޭ ފަރާތް ތަކަށް ގާތްގަނޑަކަށް ފަސް ޕަސެންޓުގެ ޑިސްކައުންޓެއް ލިބޭނެ ކަމަށެވެ.

"މެރިން އެކްސްޕޯގައި މި ލޯންޗު ގަންނަން ކޮންފާމް ކުރުމުން މި ދެނީ ވަރަށް ރަނގަޅު އޮފާއެއް" ޝަރީފު ވިދާޅުވި އެވެ.

އަލް ޝާލީ މެރިން އިން އަލަށް ނެރުނު "ކެނަރީ 24 ޕްލަސް" ގެ ނަން ދީފައިވާ 24 ފޫޓުގެ ހިތްގައިމުގެ މި ލޯންޗު ވިއްކަނީ އިންޖީނާ ނުލައި ގާތްގަނޑަކަށް 395،000ރ. އަށެވެ. އެ ކުންފުނިން ލޯންޗަށް އެއް އަހަރުގެ ވޮރަންޓީއެއް ލިބެ އެވެ.

އަލް ޝާލީ މެރިން މޯލްޑިވްސް އަކީ ތިލަފުށީގައި ފުޅާ ދާއިރާއެއްގައި އުޅަނދު ފަހަރު ބަނދެ، މަރާމާތު ކޮށްދިނުމުގެ ހިދުމަތް ދޭ ކުންފުންޏެވެ. މި ކުންފުނީގެ މައި ކުންފުނި ނިސްބަތްވަނީ ދުބާއީ އަށެވެ. ދުބާއީގެ މަޝްހޫރު އަލްޝާލީ ގްރޫޕަކީ މަލްޓިނޭޝަނަލް ކުންފުންޏެކެވެ.