ހަބަރު

ރާއްޖެ ޓީވިގެ ދެ ނޫސްވެރިން ފުލުހުންނަށް ހުރަސް އަޅަނިކޮށް ނުދެކެން: ތިން ހެކިން

ގާނޫނު ތަންފީޒުކުރާ މުއައްޒަފެއްގެ މަސައްކަތަށް ގަސްދުގައި ހުރަސް އެޅުމުގެ ދައުވާ އުފުލާފައިވާ ރާއްޖެ ޓީވީގެ ދެ ނޫސްވެރިން ކަމަށްވާ މުހައްމަދު ވިޝާމާއި ލީވަން އަލީ ނަސީރު ފުލުހުންނަށް ހުރަސްއަޅަނިކޮށް ނުދޭ ކަމަށް ބުނެ ތިން ނޫސްވެރިޔަކު ހެކި ބަސް ދީފި އެވެ.

މިރޭ ބޭއްވި މި މައްސަލާގެ އަޑުއެހުމުގައި ވިސާމާއި ލީވާންގެ ފަރާތުން ހުށަހެޅި ތިން ހެކިވެރިއެއްގެ ހެކި ބަސް ވަނީ ނަގާފަ އެވެ. އެއީ، ރާއްޖެ ޓީވީގެ ސީއޯއޯ ހުސެއިން ފިޔާޒް މޫސާ އާއި ރާއްޖެ ޓީވީގެ ދެ ނޫސްވެރިން ކަމަށްވާ މުރުޝިދު އަބްދުލް ހަކީމް އަދި ހުސެއިން ފަރިޔާޒެވެ.

ދެ ނޫސްވެރިންގެ މައްޗަށް ކޮށްފައިވާ ދައުވާގައި ބުނެފައިވަނީ، މިދިޔަ އަހަރުގެ ނޮވެމްނަރު މަހުގެ ދެވަނަ ދުވަހުގެ ރޭ 7:45 ހާއިރު، ފުލުހުންނާއި ސިފައިން މާލޭގައި ހިންގި ހާއްސަ އޮޕަރޭޝަނެއްގައި މާފަންނު ސްޓޭޑިއަމް ސަރަހައްދު ބަންދުކޮށްފައިވަނިކޮށް އިސްކަންދަރު ކޮށީ ދެއެއް ކައިރީގައި ތިބި މީހުންތަކެއް ދުރަށް ދިޔުމަށް އެންގި ވަގުތު އެތާގައި ހުރި ރާއްޖެ ޓީވީ ސީއޯއޯ ހުސެއިން ފިޔާޒު މޫސާ ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިވުމުން އޭނާ ހައްޔަރުކުރުމަށް ފުލުހުން މަސައްކަތް ކުރަމުން ދަނިކޮށް، ޕޮލިސް ކޯޕްރަލް މުހައްމަދު ޝާހީންގެ ގައިގައި ނޫސްވެރިޔާ ވިސާމް ފަހަތުން ބައްދާލުމަށްފަހު ފަހަތައް ދަމާފައިވާ ކަމަށެވެ. ވިޝާމްއަށް ދައުވާކުރަނީ މިހެންވެ އެވެ.

ލީވާންއަށް ދައުވާކުރަނީ، ދައުވާގައިވާ ގޮތުން، ފުލުހުން ހައްޔަރުކުރަން ފިޔާޒުގެ ގައިން ނޫސްވެރިޔާ ލީވާން، ކޯޕްރަލް ޝާހީންގެ އަތް ނައްޓާލުމުންނެވެ. މި މައްސަލާގައި ފިޔާޒުގެ މައްޗަށް ވެސް ދައުވާކޮށް ޝަރީއަތް ވަނީ ފަށާފަ އެވެ.

ހެކި ބަސް ދެމުން ފިޔާޒު ވިދާޅުވީ، އޭނާ އެ ރޭ އުޅުނީ ލީވާން އަދި ވިސާމާއެކު ކަމަށެވެ. އަދި އެ ސަރަހައްދުގައި ނައްތާލަން މަސައްކަތް ކުރަމުން ދިޔައީ ފޭކް ބޮމެއް ކަމަށް ލިބުނު މައުލޫމާތަކާ ގުޅިގެން އެ ސަރަހައްދު ދޫކޮށް ދިޔުމަށް އޭނާ އާއި ވިސާމް އަދި ލީވާން ހިނގައި ގަތް ކަމަށެވެ. ހިނގާފައި ދަނިކޮށް ފެނުނީ ލީވާން އަދި ވިސާމް މަގު މައްޗަށް ވައްޓާލާފައި އޮތްވާ ކަމަށް ފިޔާޒް ވިދާޅުވި އެވެ. އޭރު އޭނާގެ ކައިރީ ވެސް ފުލުހުން ތިއްބި ކަމަށް ވިދާޅުވި އެވެ. ފިޔާޒު ވިދާޅުވީ، ފުލުހުން އޭނާ ހައްޔަރުކުރަން ބޭނުންވާ ކަމަށް ބުނުމުން ސުލްހަވެރިކަމާއެކު ފުލުހުންނާއެކު ދިޔަ ކަމަށެވެ. އެއްވެސް ގަދައެއް ދައްކާފައިނުވާނެ ކަމަށެވެ.

ފިޔާޒު ވިދާޅުވީ، ވިސާމާއި ލީވާން ފުލުހުންނަށް ހުރަސް އަޅަނިކޮށް އޭނާއަށް ފެނިފައިނުވާ ކަމަށެވެ. އެފަދަ ކަމެއް އެ ސަރަހައްދުގަައި ނުހިނގާ ކަމަށެވެ. ދައުވާގައި ފިޔާޒް ހައްޔަރުކުރަން އުޅުމުން ވިސާމާއި ލީވާން ފުލުހުންގެ ގައިގާ ބެއްދި ކަމަށް ބުނެފައިވީ ނަމަވެސް ފިޔާޒް ވިދާޅުވީ، އޭނާ ހައްޔަރުކުރުމަށް ފުލުހުން މަސައްކަތްކުރިއިރު ވިސާމާއި ލީވާން ތިބީ މަގު މެދުގަ ކަމަށާއި އޭނާ ހުރީ ދުވާރުމަތީގަ ކަމަށެވެ. ހައްޔަރުކުރިއިރު ހައްޔަރުކުރި ސަބަބެއް ފުލުހުން ނުބުނާ ކަމަށް ވެސް ފިޔާޒު ވިދާޅުވި އެވެ.

ހެކި ބަސް ދެމުން ނޫސްވެރިޔާ މުރުޝިދު ބުނީ، އޭނާ އެތަނަށް ދިޔައީ ރާއްޖެ ޓީވީގެ ލައިވް ނެގުމަށް ކަމަށާއި ފިޔާޒާއި ވިސާމް އަދި ލީވާން ހައްޔަރުކޮށްގެން ގެންދިޔަ މަންޒަރު ދުށް ކަމަށެވެ. ނަމަވެސް ފުލުހުންނަށް ހުރަސް އެޅުމަށް ވިސާމާއި ލީވާން އަދި ފިޔާޒް ވެސް މަސައްކަތްކުރަނިކޮށް އޭނާ ނުދެކޭ ކަމަށެވެ. މުރުޝިދު ބުނީ، ފިޔާޒު ހައްޔަރުކުރުމަށް ފުލުހުން މަސައްކަތްކުރިއިރު ވިސާމާއި ލީވާން ފިޔާޒު ކައިރީގައި ތިބި ކަމަށެވެ. އެއީ ދުވާރު ކައިރި ކަމަށެވެ. ފަހުން މަގު މެދަށް އެ ތިން މީހުން ގެނައީ ފުލުހުން ކަމަށް އޭނާ ބުންޏެވެ. މުރުޝިދު ބުނި ގޮތުގައި ތިން މީހުންގެ ވެސް ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔައީ ގަދަކަމުންނެވެ.

ރާއްޖެ ޓީވީ ސްޕޯޓްސް ޖާނަލިސްޓް ފަރިޔާޒު ވެސް ބުނީ، ވިސާމާއި ލީވާން ފުލުހުންނަށް ހުރަސް އަޅަނިކޮށް ނުދެކޭ ކަމަށެވެ.

ތިން ނޫސްވެރިން މިގޮތަށް ހެކި ބަސް ދިންއިރު، ދައުލަތުން ހުށަހެޅި ދެ ހެއްކެއްގެ ހެކި ބަސް މިރޭ ނެގި އެވެ. އެއީ ދެ ފުލުހެކެވެ. ފުރަތަމަ ހެކި ބަސް ދިން ޝިފާން މުހައްމަދު ބުނީ، އޭނާ ހުރީ އިސްކަންދަރު ކޮށި ކައިރީގައި ކަމަށާއި ފިޔާޒު ހައްޔަރުކުރުމަށް ފުލުހުން މަސައްކަތްކުރުމުން ފުލުހުންގެ ގައިގާ ވިސާމާއި ލީވާން އޮޅުލައިގަތް މަންޒަރު އޭނާ ދުށް ކަމަށެވެ. ނަމަވެސް އެ މަންޒަރު އެހާ ސާފުކޮށް ނުދެކޭ ކަމަށް އޭނާ ބުންޏެވެ.

ދެވަނައަށް ހެކި ބަސް ދިން ފުލުސް މީހާ، އިދުރީސް މޫސާ ވެސް ބުނީ ފުލުހުންގެ ގައިގާ ބަޔަކު އޮޅުލައިގަތް މަންޒަރު ދެކުން ކަމަށާއި އެއީ ލީވާން އަދި ވިސާމް ކަމަށެވެ.

މިރޭ ބޭއްވި މި މައްސަލަ ބެއްލެވީ ކޯޓުގެ އިސްގާޒީ އަބްދުލް ބާރީ ޔޫސުފެވެ. މި މައްސަލާގެ އަޑުއެހުމެއް ދެން އޮންނާނީ އަންނަ ނޮވެމްބަރު މަހުގެ 23 ވަނަ ދުވަހު އެވެ. އެއީ ހުލާސާ ބަޔާން އިއްވުމަށް ބާއްވާ އަޑުއެހުމެކެވެ.