- ގިނަ އިމްޕޯޓަރުން ބައިވެރިވި
- ދިވެހިންނަށް ފުރުސަތު ތަކެއް
- ގިނަ ފޯރަމްތައް ބާއްވަން ޖެހޭ
މުދާ އެތެރެ ކުރުމުގެ ވިޔަފާރި ފަށަން ބޭނުންވެ، އެކަމަކު މަގެއް ނުފެނި އެތައް ބަޔަކު އެބަތިއްބެވެ. އެ ފަދަ މީހުންނަށް ފުރުސަތު އެ ވަނީ ހުޅުވިފަ އެވެ. އެއީ ރާއްޖެ އަށް މިހާރު ދަތުރު ކުރަމުން ގެންދާ ތައިލެންޑުގެ ވިޔަފާރިވެރިނާ ބައްދަލުކޮށްގެންނެވެ. ދަރުބާރުގޭގެ ފާށަނާ މާލަމްގައި ތައި ކުންފުނިތަކުން ދަނީ އެ މީހުންގެ އުފެއްދުންތަކާއެކު ހަރަކާތްތެރިވަމުންނެވެ.
"ހަގީގަތުގައި މިއީ ވަރަށް މުހިންމު ކަމެއް ދިވެހިންނާ ވިޔަފާރިވެރިންނާ ގުޅުވައި ދިނުމަށް. މިއީ ރާއްޖެއަށް އިމްޕޯޓު ކުރާ ފަރާތްތަކަށް ރަނގަޅު ފޯރަމެއް،" ޓޫރިޒަމް ވިޔަފާރީގައި ހަރަކާތްތެރިވާ ސައިރިކްސް ޝަރީފު ވިދާޅުވި އެވެ.
ތައިލޭންޑުގެ 30 ކުންފުންޏެއް ބައިވެރިވެގެން ކުރިއަށްދާ މި ފޯރަމްގައި ރާވާފައިވަނީ ތައިލެންޑް ވިޔަފާރިވެރިންނާ ބައްދަލުކޮށް ވާހަކަ ދެކެއްވޭ ގޮތަށެވެ. މި ފޯރަމް ކުރިއަށްދަނީ ހަވީރު 5:00 އާ ހަމައަށެވެ.
ތައިލެންޑުން ރާއްޖެއަށް ޒިޔާރަތް ކުރި ކުންފުނިތަކުގެ ތެރޭގައި "ހޯމް ސްޕާ" ގެ ބާވަތްތައް ވިއްކާ ކުންފުނިތަކާއި ބޮޑެރި ރެފްރިޖަރޭޓަރު ވިއްކާ ކުންފުނިތަކުގެ އިތުރުން ފެބްރިކް މެޓީރިއަލް ބޭނުންކޮށްގެން ގެދޮރު އަޅައިދޭ ކުންފުނިތައް ވެސް ހިމެނެ އެވެ. މީގެ އިތުރުން އެރޯމާ ތެރެފީ އާއި ކަރަންޓު ބައިސްކަލް އަދި ގޭގެ އެތެރެ އާއި ބޭރުގައި ބޭނުންކުރާ ފަރުނީޗަރު އުފައްދާ ކުންފުނިތައް ވެސް ހިމެނެ އެވެ. އަދި ރެސްޓޯރެންޓުތަކުގައި ބޭނުންކުރާ ތެލި ސަމުސާ ވިއްކާ ކުންފުނިތަކުގެ އިތުރުން ގޮދަޑި އުފައްދާ ކުންފުނިތައް ވެސް ހިމެނެ އެވެ. އަދި ކެއުމަށް ބޭނުންވާ ހަނޑުލުގެ ބާވަތްތަކާއި ނޫޑްލުސް އަދި ސޯސްގެ އެކި ވައްތަރުތަކުގެ އިތުރުން ތަރުކާރީ އާއި މޭވާ ވިއްކާ އިމްޕޯޓަރުން ވެސް ބައިވެރިވެ އެވެ.
މި ފޯރަމްގެ ސަބަބުން ދިވެހި ވިޔަފާރިތަކަށް ލިބޭނެ އެންމެ ބޮޑު ފަސޭހައަކީ، ބޭރަށް ނުގޮސް އިމްޕޯޓަރުންނާ ބައްދަލުވުމެވެ.
މި ބައްދަލުވުމަށް ދިޔަ ވިޔަފާރިވެރިއަކު ބުނި ގޮތުގައި މިފަދަ ފޯރަމްތައް ގިނައިން ބާއްވަން ޖެހެ އެވެ.
"ހަގީގަތުގައި ވަރަށް ގިނަ ކުރަން ޖެހޭ މިފަދަ ފޯރަމްތައް. އަޅުގަނޑުމެންނަށް ދަތިވާނެ ޓިކެޓު ނަގައިގެން ގޮސް ހަރަދުތަކެއް ކޮށްގެން ބައްދަލު ކުރަން. އެކަމަކު މިފަދަ ފުރުސަތުތަކެއް ލިބޭނަމަ ވަރަށް ބޮޑު ލުޔަކަށްވާނެ މިއީ،" ވިޔަފާރިވެރިޔާ ބުންޏެވެ.
ތައިލެންޑުގެ ވިޔަފާރީވެރިންނާއެކު ބޭއްވި ބައްދަލުވުމުގައި ބައިވެރިވި ދިވެހި ކުންފުންޏެއް ރިއަން ކުންފުނީގެ ސިވިލް އިންޖިނޭރު މުއާވިއަތު އަބްދުއްސައްތާރު ވިދާޅުވީ މި ފޯރަމުން ފްރީބެކްރިކް މެޓީރިއަލްގެ މައުލޫމާތު ލިބުނު ކަމަށެވެ.
"ރާއްޖެއަށް އަލަށް ތައާރަފު ކުރާ ޕްރީފެބްރިކް މެޓީރިއަލްގެ މައުލޫމާތު ލިބުނު. މިކަމުން ރާއްޖެއަށް ކުރާނެ ފައިދާތައް އެނގުނު. މީގެ އިތުރުން ތައިލެންޑުގެ ލޮޖިސްޓިކްސް މީހުންނާ ވެސް ވާހަކަ ދެކެވުނު. މީގެން އެނގުނު އެންމެ ފަސޭހަ ގޮތުގައި މަސައްކަތް ކުރެވޭނެ ގޮތް،" މުއާވިއަތު ވިދާޅުވި އެވެ.
"އިންވެސްޓަރުންގެ ފޯރަމެއް ވެސް މުހިންމު"
މި ފޯރަމް ބާއްވާފައިވަނީ ރާއްޖެއަށް މުދާ އެތެރެކުރާ މީހުންނަށް ހާއްސަކޮށްގެންނެވެ. ނަމަވެސް އިންވެސްޓަރުންނަށް ވެސް މި ފަދަ ފޯރަމްތައް ރާއްޖޭގައި ބޭއްވުން މުހިންމު ކަމަށް ބައެއް ވިޔަފާރިވެރިން ބުންޏެވެ.
ސައިރިކްސް ޝަރީފު ވިދާޅުވީ ރާއްޖެ އަށް މިވަގުތު ބޭނުންވަނީ އިންވެސްޓްމަންޓްތައް އަންނާނެ ފޯމްތަކެއް ކަމަށެވެ.
"އާއްމު ގޮތެއްގައި ފެންނަނީ ބޭރުގެ ޕްރޮޑަކްޓްތައް ވިއްކަން ގެންނަތަން. މިހެންވުމުން ރާއްޖޭން ފައިސާ ބޭރު ވާނީ. އެކަމަކު މިފަދަ ފޯރަމްތައްވެސް ބާއްވަން ޖެހޭނެ. އެކަމަކު އަޅުގަނޑުމެން އެދެނީ އިންވެސްޓަރުންގެ ފޯރަމެއް،" ޝަރީފު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އެފަދަ ފޯރަމްތައް ބޭއްވިއްޖެނަމަ ދިވެހި ޕާޓްނާޝިޕްތަކަށްވެސް ބޮޑު ކުރިއެރުމެއް ލިބޭނެ ކަމަށެވެ.
"ބޭންކްތަކާއި ފައިނޭންސް ދާއިރާތަކުން ފުރުސަތު ބޭނުންވޭ. އެހެންވެ މި ފަދަ ފަރާތްތަކަށް އިންވެސްޓްމަންޓް ފޯރަމެއް ރާއްޖޭގައި ބޭއްވުން މުހިންމު،" ޝަރީފު ވިދާޅުވި އެވެ.
ތައިލޭންޑުގެ އެންމެ ބޮޑެތި ކުންފުނިތަކާއެކު ބޭއްވި ބައްދަލުވުމުގެ ސަބަބުން ގައިމުވެސް ދިވެހި ވިޔަފާރިތަކަށް ގިނަ ކުރިއެރުންތަކެއް ލިބޭނެއެވެ. މިކަން ވެގެންދާނީ ވިޔަފާރިއަށް ހުޅުވޭނެ އާ މަގަކަށެވެ.