ރާއްޖެ ހިމެނޭ ގޮތުން ދުނިޔޭގެ 80 ގައުމެއްގެ މީހުން ކުރިން ވިސާ ހެއްދުމެއް ނެތި ގަތަރަށް ދަތުރުކުރެވޭ ގޮތަށް އެގައުމުން ހަމަޖައްސައިފި އެވެ.
ގަތަރުގެ އިންޓީރިއާ މިނިސްޓްރީއާ ހަވާލާދީ ގަތަރު އެއާވޭސް އިން ބުނީ ވިސާއާ ނުލައި ގަތަރަށް ދަތުރުކުރެވޭ 80 ގައުމު ދެގޮތަކަށް ދަރަޖަކޮށްފައިވާ ކަމަށެވެ. އެގޮތުން އޮން އެރައިވަލް ވިސާގައި ގަތަރުގައި ހޭދަކުރެވޭ މިންވަރު ދެދަރަޖައަށް ތަފާތުވާނެ ކަމަށް އެ ގައުމުން ބުންޏެވެ. އާ ސިޔާސަތުގެ ދަށުން އޮން އެރައިވަލް ވިސާ ދޫކުރާނީ އެއްވެސް ފީއަކާ ނުލައެވެ.
ފުރަތަމަ ދަރަޖައިގައި ގަތަރުން ހިމަނާފައި ވަނީ 33 ގައުމެކެވެ. އޮން އެރައިވަލް ވިސާގައި 180 ދުވަހުގެ މުއްދަތަކަށް ގަތަރުގައި އުޅެވޭ އެ ދަރަޖައިގައި ބަހާމާސް ފިޔަވައި ހިމަނާފައި ވަނީ ޔޫރަޕްގެ ގައުމުތަކެވެ. އެގޮތުން ދޫކުރާ އޮން އެރައިވަލް ވިސާގައި އެއް ފަހަރަށް ވުރެ ގިނަ ފަހަރު ދަތުރުކުރެވޭނެއެވެ. އަދި މެދު ނުކެނޑި 90 ދުވަސް ވަންދެން އެގައުމުގައި އުޅެވޭނެއެވެ. ޔޫރަޕްގެ ގެ ގައުމުތަކުގެ ތެރެއިން އަސްކަރީ ގޮތުން އެމެރިކާއާ މާތް ގާތް ގުޅުންތައް އޮންނަ ގައުމުތައް ފުރަތަމަ ދަރަޖައިގައި ހިމަނާފައި ނުވާކަން ފާހަގަ ކުރެވެއެވެ.
ރާއްޖެ ހިމަނާފައި ވަނީ ދެވަނަ ދަރަޖައިގައެވެ. ފާހަގަކޮށްލެވޭ ކަމަކީ އެމެރިކާއާއި އިނގިރޭސިވިލާތާއި ޗައިނާވެސް ހިމަނާފައި ވަނީ އެ ދަރަޖައިގައި ކަމަށް ވުމެވެ. ލިސްޓްގައި ހިމެނޭ އަރަބި ހަމަ އެކަނި ގައުމުކަމަށްވާ ލުބުނާނު ވެސް ހިމަނާފައި ވަނީ ދެވަނަ ދަރަޖައިިގައެވެ. ފާހަގަކޮށްލެވޭ އަނެއް ކަމަކީ ލިސްޓްގައި ހިމެނޭ ގައުމުތަކުގެ ތެރެއިން ގަތަރާ ސިޔާސީ ގުޅުން ކަނޑާލާފައިވާ ހަމަ އެކަނި ގައުމަކީ ރާއްޖެ އެވެ.
ދެވަނަ ދަރަޖައިގައި ހިމެނޭ ގައުމުތަކުގެ މީހުންނަށް އޮން އެރައިވަލް ވިސާގެ ގޮތުގައި ލިބޭނީ 30 ދުވަހެވެ. އަދި ގަތަރަށް ދަތުރުކުރުމަށް ފަހު އެ 30 ދުވަސް ހަމަވުމުން އިތުރު 30 ދުވަސް ހޯދަން މި ދަރަޖަގައިގައި ގައުމުތަކުގެ މީހުންނަށް ހުށަހެޅޭނެއެވެ.
ގަތަރު ހުޅުވައިލުމުގެ މިހާ ބޮޑު ޕްްރޮގްރާމެއް އެގައުމުން ތައާރަފްކޮށްފައި މިވަނީ އަވަށްޓެރި އަރަބި ހަތަރު ގައުމަކުން ގަތަރާ ގުޅުން ކަނޑާލައި އެގައުމުތަކުގެ ވައިގެ ސަރަހައްދާއި ކަނޑުގެ ސަރަހައްދު އެގައުމަށް ބަންދުކޮށްފައި ވަނިކޮށެވެ.