ވިޔަފާރި

ޑަބްލިއުޓީއެމް ފެއާއަށް ރާއްޖެ ފުރިހަމަޔަށް ތައްޔާރު: އުންމީދުތައް މަތީގައި

  • ރާއްޖޭން 66 ކުންފުނި ބައިވެރިވޭ
  • ޓޫރިޒަމްގެ ގިނަ ފުރުސަތުތަކެއް ހުޅުވޭނެ
  • ފެއާ މިއަދު ލަންޑަންގައި ފަށާނެ

ދުނިޔޭގެ ޓޫރިޒަމްގެ މަޝްހޫރު ފެއާ، ވޯލްޑް ޓްރެވެލް މާކެޓް (ޑަބްލިއުޓީއެމް) މިއަދު ރާއްޖޭގެ ގަޑިން މެންދުރު ދޭއް ޖަހާއިރު ހުޅުވާނެ އެވެ. ފެއާ ހުޅުވާއިރު، މި އަހަރުގެ ފެއާގައި ގިނަ އަދަދެއްގެ ދިވެހި ކުންފުނިތައް ބައިވެރިވެ އެވެ. ގިނަ ކުންފުނިތައް ބައިވެރިވުމުގެ ސަބަބަކީ ފެއާ މުހިންމުކަން ބޮޑުވުމެވެ. ސަބަބަކީ ހާއްސަކޮށް އިނގިރޭސިވިލާތުގެ މާކެޓުން އަންނަ ޓޫރިސްޓުން ގިނަވުމެވެ. އެހެންވެ މި އަހަރުގެ ޑަބްލިއުޓީއެމްއާ މެދު ރާއްޖެ އޮތީ ވަރަށް އުންމީދުގަ އެވެ.

"އަޅުގަނޑުމެން ދެކޭ ގޮތުގައި މިއީ ވަރަށް މުހިންމު ކަމެއް މިފަދަ ފެއާތަކުގައި ބައިވެރިވުމަކީ، އެއީ ރާއްޖެ އަށް ފަތުރުވެރިން ގެންނަން ހުޅުވޭ އިތުރު ފުރުސަތެއް މިއީ، އޭގެ އިތުރަށް އަޅުގަނޑުމެންގެ އޮޕަރޭޓަރުންނަށާއި އޭޖެންޓުންނަށް ވެސް ލިބޭ އޮޕަޗުނިޓީއެއް،" އެމްއެމްޕީއާރްސީގެ ޑެޕިއުޓީ ޑައިރެކްޓަރު ފާތިމަތު ރާހިލް ވިދާޅުވި އެވެ.

މި ބޮޑު ފެއާގައި ރާއްޖެ ގަވާއިދުން ބައިވެރިވަމުން އަންނަނީ މިކަމުން ރާއްޖެއަށާއި ރާއްޖޭގެ އޮޕަރޭޓަރުން އަދި އެޖެންޓުން ނަށް ގިނަ ފައިދާ ތަކެއް ލިބޭތީ އެވެ. އެކި ބައްރުތަކުން އެތައް ގިނަ ގައުމަކުން ބައިވެރިވާ މި ފެއާގައި ރާއްޖޭގެ ސްޓޭންޑް ބެހެއްޓިފައިވަނީ ސްރީލަންކާ އަދި އިންޑިއާގެ ސްޓޭންޑްގެ ދެމެދުގަ އެވެ. އިންޑިއާއަކީ މި ފަހަރުގެ ފެއާގެ ޕާޓްނަރު ގައުމެވެ.

މީހުން ހިތް ކިޔާ ގޮތަށް ތައްޔާރުކޮށްފައިވާ ރާއްޖޭގެ ސްޓޭންޑްގައި މި ފަހަރު 66 ކުންފުންޏެއް ބައިވެރިވެ އެވެ. މިހާ ގިނަ ކުންފުނިތަކެއް ފެއާގައި ބައިވެރިވާއިރު، މި ކުންފުނިތަކަށް މިހާރު ވެސް ހުރީ ގިނަ މީޓިންތަކެއް ހަމަޖެހިފަ އެވެ. ކުންފުނިތަކުގެ ޝެޑިއުލް އޮތީ ވަރަށް ބިޒީކޮށެވެ. މި މީޓިންތަކަކީ ބިޒްނަސް މީޓިންތަކެއް ކަމުން މީގެން ރާއްޖޭގެ ކުންފުނިތަކަށް ވަރަށް ބޮޑު ފައިދާތަކެއް ލިބި، އިތުރަށް ވިޔަފާރި ފުޅާކޮށް ބޭރުގެ އެހެން ގައުމުތަކުގެ އޮޕަރޭޓަރުންނާއި އޭޖެންޓުންނާ ގުޅުން ބަދަހިވެގެންދާނެ އެވެ.

"އަޅުގަނޑުމެންގެ އޮޕަރޭޓަރުންނަށާއި އޭޖެންޓުންނަށް ވެސް ލިބޭ އޮޕްޗުނިޓީއެއް މިއީ ބޭރުގެ އޮޕަރޭޓަރުންނާއި އޭޖެންޓުންނާ ބައްދަލުވެ ވިޔަފާރި މުއާމަލާތް ކުރާނެ ފުރުސަތު ލިބިގެން ދާނެ، މި ފަހަރު އެކަން ވަރަށް ބޮޑަށް ވެސް ފުރިހަމަ ވާނެ،" އެމްއެމްޕީއާރްސީގެ ރާހިލް ވިދާޅުވި އެވެ.

މީގެ އިތުރުން ރާއްޖޭގެ އަމާޒު 1.4 މިލިއަން ޓޫރިސްޓުން މި އަހަރު ތެރޭގައި ރާއްޖެ ގެނައުމަށް އަމާޒު ހިފާފައިވާއިރު އެ އަދަދަށް ވާސިލުވުމަށް ވެސް މިއީ ވަރަށް މުހިންމު ވަރަށް ފެއާއަކަށް ވެގެންދާނެ އެވެ. އެއީ، މި ފެއާގެ ސަބަބުން ރާއްޖެއަށް ޝައުގުވެރިވެ، ރާއްޖެ އަންނާނެ ޓޫރިސްޓުން އިތުރުވެގެންދާނެތީ އެވެ. ރާއްޖެ އާ ބަޔަކަށް އެނގި، ރާއްޖެ އިތުރަށް އިސްތިހާރަށް ވެގެންދާނެ އެވެ.

ރާއްޖެ އިސްތިހާރުކޮށް، ޓޫރިޒަމް ކުރިއެރުވުމަށް އުފައްދާފައިވާ އެމްއެމްޕީއާރްސީއަށް ވެސް މިއީ މުހިންމު، ތަޖުރިބާއަކަށް ވެގެންދާނެ އެވެ. އެއީ އެހެން ގައުމުތަށް އިސްތިހާރުކުރުމަށް ބޭނުންކުރާ އުކުޅުތަކާއި ގޮތްތައް ފެނި އެކަން ރާއްޖެއަށް ވެސް އެޕްލައިކުރުމުގެ ހިޔާލު ލިބިގެންދާނެތީ އެވެ.

ރާއްޖެ ބައިވެރިވާ މި ބޮޑު ފެއާ މިއަދު ލަންޑަނުގެ ގަޑިން ހެނދުނު 10:00 ގައި ފެށިގެން ދާނެ އެވެ. މި ފެއާގައި ރާއްޖެ އިން މުހިންމު ތިން ކަމެއް ލޯންޗުކުރުމަށް ނިންމާފައިވަނީ ވެސް މި ފެއާގެ މުހިންމު ކަމަށްޓަކަ އެވެ. ފުރަތަމަ ލޯންޗުކުރެވޭ "އޮފިޝަލް މޯލްޑިވްސް އެކަމޮޑޭޝަން ގައިޑް" މި ފެއާގައި ލޯންޗު ކުރާނެ އެވެ. އަދި އައްޑޫ ސީޕްލޭން ބޭސްގެ ދަތުރުތައް ފެށުމާއި، ގަން އެއާޕޯޓު ތަރައްގީއާ ގުޅިގެން އަންނާނެ ފުރުސަތު ތަކުގެ މައުލޫމާތު ވެސް ދޭނެ އެވެ.

ޓޫރިޒަމްގެ އެންމެ ފަހުގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން އިނގިރޭސިވިލާތުން ސެޕްޓެމްބަރު މަހުގެ ނިޔަލަށް ވަނީ 76،083 ޓޫރިސްޓުން ޒިޔާރަތް ކޮށްފަ އެވެ. ނަމަވެސް މިދިޔަ އަހަރު ޒިޔާރަތް ކުރީ 68،519 ޓޫރިސްޓުންނެވެ. ގާތްގަނޑަކަށް މިއީ 11 ޕަސެންޓުގެ ކުރި އެރުމެކެވެ.

މި ސަބަބުތަކާއެކު، ރާއްޖޭގެ މި އަހަރުގެ އުންމީދުތައް ވަރަށް ބޮޑެވެ. މި އުންމީދުތަކާއެކު އަންނަ އަހަރު ރާއްޖެއަށްގިނަ ޓޫރިސްޓުން އަންނާނެ ކަމަށް ބެލެވެ އެވެ.

ލަންޑަނުން: ނާޒިމް ހަސަން