މާލޭގެ މޫނު މަތީގައި ކުރިން "ނަސަންދުރަ ޕެލަސް" ހުރި ތަނުގައި ހަދާފައިވާ ފައިވް ސްޓާ ފެންވަރުގެ ހޮޓާ ހުޅުވަން ތައްޔާރުވެއްޖެ އެވެ.
ސްޕެއިންގެ ހޮޓެލް ޗެއިނެއް ކަމަށްވާ ބާސެލޯއިން ހިންގާ މި ހޮޓާ މިމަހު ހުޅުވަން ތައްޔާރުވަނީ "ބާސެލޯ ނަސަންދުރާ މާލެ"ގެ ނަމުގައެވެ.
ބާސެލޯ އަކީ ސްޕޭންގެ އިތުރުން ޔޫރަޕްގެ ބައެއް އެހެން ގައުމުތަކާއި ތައިލެންޑް، ޔޫއޭއީގައިވެސް ޓޫރިސްޓް ހޮޓާ ތަކެއް ހިންގަމުންދާ ކުންފުންޏެކެވެ.
ދެ އިމާރާތެއް ގޮތަށް އެކަމަކު މެދުން ދެ އިމާރާތްވެސް ގުޅާލާފައިވާ މި ހޮޓަލަށް ގާތްގަނޑަކަށް 90 މިލިއަން ޑޮލަރު ހަރަދުކޮށްފައިވެ އެވެ.
ބާސެލޯ ނަސަންދުރައިގެ ހާއްސަ ބައެއް ކަންކަން
- ދެ ކޮޓަރި އާއި ތިން ކޮޓަރީގެ އެޕާޓްމަންޓް / ޕެންޓް ހައުސް
- މީޓިންތަކާއި އިވެންޓްތައް ބާއްވަން ހާއްސަ ހޯލެއް
- މާލޭގެ ފުރަތަމަ އޯޝަން ފްރަންޓް ސުވިމިން ޕޫލް
- ސުޕީރިއާ އޯޝަން ރޫމް
- ލަގްޒަރީ ހަ ޓްރީޓްމަންޓް ކޮޓަރި
- ޕްރެޒިޑެންޝަލް ވިލާތައް
- ފެމެލީ ރޫމް
- ޕްރެޒިޑެންޝަލް ވިލާތައް
- ސުޕީރިއާ އޯޝަން ފްރަންޓް ރޫމް
- ތަފާތު ވައްތަރުގެ ކެއުންތައް ލިބޭ ތިން ރެސްޓޯރެންޓް
ކުރިން މި ހޮޓަލްގެ ބައެއް އެޕާޓްމަންޓްތައް މީހުން ދިރިއުޅެން ވިއްކާ ގޮތަށް ނިންމާފައިވީ ނަމަވެސް މިތަނުގައި ހުންނަ ޖުމްލަ 126 ކޮޓަރި އާއި 118 ސާވިސް އެޕާޓްމަންޓް ދުވަހު ކުއްޔަށް ނެގޭ ގޮތަށް ހުޅުވާލުމަށް މިހާރު ވަނީ ނިންމާފަ އެވެ.
ބާސެލޯ ނަސެންދުރާ އިން ރޫމްތައް ކުއްޔަށް ދޫކުރަން ނިންމާފައިވަނީ ދުވާލަކަށް 270 ޑޮލަރާއި 350 ޑޮލަރާ ދެމެދުގެ ރޭޓެއް ގައެވެ.
ދިވެހި އަދި ލަންކާ ވިޔަފާރިވެރިންތަކެއްގެ ހިއްސާ އޮންނަ އެންޕީއެޗް ކުންފުނީގެ ބާސެލޯ ނަސަންދުރާ ހުޅުވުމާ އެކު އެ ހޮޓާ ވެގެންދާނީ މާލެ ސަރަހައްދުގައި ހުރި އެންމެ ބޮޑު ޓޫރިސްޓް ހޮޓަލަށެވެ.
ނަސަންދުރަ ޕެލަސް ހުރި ބިމުގައި ޒަމާނީ ފެންވަރުގެ ޓޫރިސްޓް ހޮޓަލެއް އެޅުމަށް ބަޔަކާ ހަވާލުކުރީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި 2015 ވަނަ އަހަރު އެވެ.