ވިޔަފާރި

ރާއްޖޭގެ އޮފިޝަލް އެކޮމަޑޭޝަން ގައިޑް ނެރެފި

ރާއްޖޭގެ އޮފިޝަލް އެކޮމަޑޭޝަން ގައިޑް، "މޯލްޑިވްސް" މިއަދު އިނގިރޭސި ވިލާތުގައި ލޯންޗުކޮށްފި އެވެ. މިއީ ރާއްޖޭގެ މިފަދަ ގައިޑެއް ލޯންޗުކުރި ފުރަތަމަ ފަހަރެވެ.

މިހާރު ލަންޑަނުގައި ކުރިއަށްދާ ވޯލްޑް ޓްރެވެލް މާކެޓްގައި މިއަދު މި ގައިޑް ލޯންޗުކޮށްދެއްވީ، އެމްއެމްޕީއާރްސީގެ އެކްޓިން އެމްޑީ ހާރިސް މުހައްމަދެވެ. މި ގައިޑް މިއަދު ލޯންޗުކޮށްފައިވާއިރު ގައިޑްގެ މޮބައިލް އެޕް އަންނަ ޑިސެމްބަރު މަހުގެ 31 ވަނަ ދުވަހު ލޯންޗުކުރާނެ އެވެ.

މި ގައިޑް ތައްޔާރުކޮށްފައިވަނީ "ފީލް އިންވެސްޓްމެންޓް" އިންނެވެ.

"ފީލް"ގެ ޑިރެކްޓަރު އައިޝަތު އަލްމާސް މިއަދު ވިދާޅުވީ، "މޯލްޑިވްސް އެކޮމަޑޭޝަން ގައިޑް" ގައި މިހާރު ވެސް ވަރަށް ގިނަ ފަރާތްތަކަކުން އިސްތިހާރު ކޮށްފައިވާ ކަމަށާއި އިސްތިހާރު ކުރުމަށް އަދިވެސް ހުޅުވާލެވިފައިވާ ކަމަށެވެ. އެ ފުރުސަތު މި މަހުގެ 20 ވަނަ ދުވަހުގެ ނިޔަލަށް ހުޅުވާލެވިފައިވާ ކަމަށް ވެސް ވިދާޅުވި އެވެ.

މި ގައިޑްގައި ރާއްޖޭގެ ރިސޯޓްތަކާއި ގެސްޓް ހައުސްތަކާއި ސަފާރީ ފަދަ ތަންތަނުގެ ހުރިހާ މައުލޫމާތުތައް ހިމެނޭނެ އެވެ.

"އަޅުގަނޑުމެން އެދެނީ ވީހާވެސް ގިނަ ފަރާތަކުން މި ގައިޑްގައި އިސްތިހާރު ޖެހުން، ގައިޑްގައި އިސްތިހާރު ޖެހުމުން މޮބައިލް އެޕްގައި ހިލޭ ލިސްޓްވެގެން ދާނެ،" އަލްމާސް ވިދާޅުވި އެވެ.

މި ގައިޑަކީ ރާއްޖެ ބައިވެރިވާ ހުރިހާ ފެއާތަކެއްގައި ބަހާނެ ގައިޑެކެވެ. އަދި ރާއްޖޭގެ އެމްބަސީތަކުގައި ވެސް މި ގައިޑް ހުންނާނެ އެވެ. އޭގެއިތުރަށް އެމްއެމްޕީއާރްސީ އާއި ފީލްގެ ވެބްސައިޓުން ވެސް ޑައުންލޯޑްކުރެވޭނެ އެވެ. ގައިޑް ނެރުމަށް ހަމަޖެހިފައިވަނީ އަހަރަކު އެއް ފަހަރު އެވެ.

ގައިޑްގެ ފައިނަލް އެޑިޝަން ނެރުމަށް ނިންމާފައިވަނީ ކިއުއާރް ކޯޑާ ވެސް އެކުގަ އެވެ. އެ ކޯޑުން ރިސޯޓުތަކާއި ގެސްޓްހައުސްތަކުގެ ވެބްސައިޓްތައް ބަލާލެވޭނެ އެވެ.

އަލްމާސް ވިދާޅުވީ، އަންނަ އަހަރުގެ މެއި މަހު "ފީލް ޑެސްޓިނޭޝަން"ގެ ނަމުގައި އެ ކުންފުނިން އެސްޕޯއެއް ބޭއްވުމަށް ނިންމާފައިވާ ކަމަށެވެ. އެއީ މުޅި ދުނިޔެއަށް ހުޅުވާލައިގެން ބާއްވާނެ އެކްސްޕޯއެކެވެ. އަލްމާސް ވިދާޅުވީ އެ އެކްސްޕޯގައި ރަޖިސްޓްރީވުމުގެ ފުރުސަތު މިހާރު ވެސް ހުޅުވާލެވިފައިވާ ކަމަށެވެ. -- އިނގިރޭސި ވިލާތުން: ނާޒިމް ހަސަން