ވިޔަފާރި

ފެނަކަޔަށް ހަމައެކަނި އެސްޓީއޯ އިން ތެޔޮ ގަންނަން ނިންމައިފި

ފެނަކަށް ބޭނުންވާ ހުރިހާ ތެލެއް ހަމައެކަނި އެސްޓީއޯ އިން ގަތުމަށާއި ފެނަކައިގެ ތެޔޮ ރައްކާ ކުރާ ތާންގިތަކުގައި ތެޔޮ ހުންނަ މިންވަރު ބަލައި ރެގިއުލޭޓް ކުރާނެ ނިޒާމުތައް ގާއިމްކޮށް މެއިންޓެއިން ކުރުމަށް އެސްޓީއޯއާ އެކު އެ ކުންފުނިން މިއަދު އެއްބަސްވުމެއްގައި ސޮއިކޮއްފި އެވެ.

އެއްބަސްވުމުގައި ސޮއި ކުރުމަށް މިއަދު އެސްޓީއޯގެ ހެޑްއޮފީހުގައި ބޭއްވި ހަފްލާގައި އެސްޓީއޯގެ ފަރާތުން ސޮއި ކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓާ އަހްމަދު ޝަހީރު އެވެ. އަދި ފެނަކާގެ ފަރާތުން މި އެއްބަސްވުމުގައި ސޮއި ކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓާ އަހްމަދު ޝަރީފް އެވެ.

މި އެއްބަސްވުމުގެ ދަށުން ފެނަކައިން ކަރަންޓު ގެ ހިދުމަތް ފޯރުކޮއްދެމުން އަންނަ 148 ރަށެއްގެ ހުރިހާ އިންޖީނުގެ ތަކަށް އަންނަ މަހު އެކަކުން ފެށިގެން ތެޔޮ ފޯރުކޮއްދިނުމަށް ހަމަޖެހިފައިވަނީ އެސްޓީއޯއިންނެވެ. އަދި ތެޔޮ ޓޭންކް ތަކުގައި ތެޔޮ ހުރިވަރު ބެލޭނެ މިންގަނޑެން ގާއިމް ކުރުމުގެ މަސައްކަތް ކުރުމަށް އެ ކުންފުނިން ވަނީ ހަވާލުވެފަ އެވެ. އެ ގޮތުން 50،000 ލީޓަރުން މަތީގެ ޓޭންކް ތައް ޖޫން ގެ ނިޔަލަށް ކެލިބަރޭޓް ކޮށް އިންޝުއާ ކުރާނެކަމަށާއި މިއަހަރު ސެޕްޓެމްބަރު އައުމުގެ ކުރިން ފެނަކައިގެ ހުރިހާ އިންޖީނުގެތަކުގެ ޓޭންކްތައް ކެލިބަރޭޓް ކޮށް ނިންމާނެކަމަށް އެސްޓީއޯ އިން ބުންޏެވެ.

އެސްޓީއޯ ގެ އެމްޑީ އަހްމަދު ޝަހީރު މި ހަފްލާގައި ވިދާޅުވީ އެއްބަސްވުމުގެ އެ ކުންފުނިން ކޮންމެ އިންޖީނުގެއެއްގައި އެއްމަސް ދުވަހަށް ބޭނުންވާ ތެޔޮ ރައްކާ ކުރެވޭނެ ވަސީލަތްތައް ގާއިމް ކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ. އަދި ފެނަކަ އަކީ މި އެއްބަސްވުމުގެ ކުރިންވެސް އެސްޓީއޯއާއި ގާތްގުޅުމެށް އޮންނަ ކުންފުންޔެއް ކަމަށާއި މިއަދު ވެވުނު އެއްބަސްވުމާއެކު އެ ކުންފުނީގެ މަސައްކަތް ތައް ކުރިއަރާނެކަމާއި އިންޖީނުގެތަކަށް މެދުކެނޑުމެއްނެތި ރަނގަޅު ފެންވަރެއްގެ ތެޔޮ ފޯރުކޮއްދޭނެކަމަށް އެސްޓީއޯގެ އެމްޑީ ޝަހީރު ވިދާޅުވި އެވެ.

ފެނަކައިގެ އެމްޑީ އަހްމަދު ޝަރީފް ވިދާޅުވީ އެ ކުންފުނީގެ އިންޖީނުގެތަކަށް ބޭނުންވާ 100 އިންސައްތަ ތެޔޮ އެސްޓީއޯއިން ފޯރުކޮއްދިނުމަށް ނިންމުމާއެކު ބޭނުން ކުރާ ތެޔޮ މެނޭޖު ކުރުމަށް އިތުރު ލުއިފަސޭހަކަމެއް ލިބިގެންދާނެ އެވެ. އަދި ތެޔޮ ހުރިވަރު ބެލޭނެ މިންގަނޑެއް ގާއިމް ވެގެން ދިޔުމާއެކު ކުރިމަތިވެފައިވާ ނާޖާއިޒް ގޮތުގައި ތެޔޮ ބޭނުންކުރުމުގެ މައްސަލަތަކަށް ހައްލެއް ލިބިގެންދާނެ ކަމަށްވެސް ޝަރީފް ވިދާޅުވި އެވެ. މީގެ ސަބަބުން ކަރަންޓް ދިނުމަށް ކުރަން ޖެހޭ ހަރަދު ކުޑަކުރެވޭނެ ކަމަށް ޝަރީފް ވިދާޅުވި އެވެ.

އެސްޓީއޯ އަކީ ރާއްޖެއަށް ތެޔޮ ފޯރުކޮއްދޭ އައިއެސްއޯ މިންގަނޑުން ބަލައިގަންނަ ހަމައެކަނި ކުންފުންޔެވެ. އަދި މިހާރުވެސް އެ ކުންފުނިން އަންނަނީ ފެނަކައިގެ އިންޖީނުގެތަކަށް ބޭނުންވާ 50 ޕަސެންޓް ތެޔޮ ފޯރުކޮއްދެމުންނެވެ.