ހަބަރު

ނިއުޒިލެންޑްގެ އެންމެ ނުފޫޒު ގަދަ އަންހެނުންގެ ތެރޭގައި ދިވެއްސެއް!

ނިއުޒިލެންޑުން ހޮވާލާ އެންމެ ނުފޫޒު ގަދަ އަންހެނުންގެ ތެރޭގައި މަޝްހޫރު ވިޔަފާރިވެރިޔާ، މުހައްމަދު އަލީ ޖަނާހުގެ ދަރިކަނބަލުން އާއިޝާ ނޫރައިން ޖަނާހު ހިމެނިއްޖެ އެވެ.

ނިއުޒިލެންޑްގެ "ސްޓަފް" ނޫހުގައި ވާގޮތުން މިއަހަރުގެ އެންމެ ނުފޫޒު ގަދަ އަންހެނުންގެ ތެރޭގައި ނޫރައިންއާ އެކު އެ ގައުމުގެ މަޝްހޫރު ގިނަ އަދަދެއްގެ އަންހެނުން ހިމެނެ އެވެ. މި ލިސްޓަށް މީހުން ނެގުމުގައި "އާޓް އެންޑް ކަލްޗާ" ގެ ބަޔާއި ކުންފުނިތަކުގެ ބޯޑާއި މެނޭޖްމަންޓް އަދި ވިޔަފާރީގެ ބައިގެ އިތުރުން ހިލޭ ސާބަހަށް މަސައްކަތް ކުރާ މީހުނާއި އިނޮވޭޝަން އަދި ސައިންސްގެ ބައެއް ވެސް ހިމަނާފައިވެ އެވެ.

މި ލިސްޓުގައި އާއިޝާ ނޫރައިން ޖަނާހު ހިމެނިވަޑައިގެންފައިވަނީ، ދަރުމައަށް މަސައްކަތް ކުރުމާއި އިޖުތިމާއި މަސައްކަތް ކުރުމުގެ ދާއިރާ ނޫނީ ކޮމިއުނިޓީ / ނޮޓް ފޯ ޕްރޮފިޓްގެ ބައިންނެވެ. މި ބައިގައި ނޫރައިންގެ އިތުރުން ނިއުޒިލެންޑްގެ ބޮޑެތި ކުންފުނިތަކުގެ އަންހެން ސީއީއޯ އިން ވެސް ހިމެނިވަޑައިގަންނަވަ އެވެ.

ނޫރައިން މަސައްކަތް ކުރައްވަމުން ގެންދަވަނީ ނިއުޒިލެންޑްގެ އެންމެ ބޮޑު ޓެކްސްފާމް ކަމަށްވާ ވިލިއަމް ބަކްގަ އެވެ. ކިޔަވައި ވިދާޅުވީ ވެސް އެ ގައުމުންނެވެ. ޗާޓެޑް އެކައުންޓެންޓެއް ކަމަށްވާ ނޫރައިން މަސައްކަތް ކުރައްވާފައިވާ ދާއިރާތަކުގެ ތެރޭގައި އެ ގައުމުގައި ޖޭސީއައި ތަމްސީލްކޮށް ޖޭސީ އައި ބޯޑުގައި ވެސް ހިމެނިވަޑައި ގަންނަވަ އެވެ. އަދި އެ ގައުމުގެ ވައިޓަމަޓާ ކައުންސިލްގައި ވެސް ހިމެނި ވަޑައި ގަންނަވަ އެވެ. ނޫރައިންގެ މަންމައަކީ ހ. ޑްރީމް ލައިފް، ޑރ. ފާތިމަތު އާމިރާ އެވެ. އާމިރާ ކިޔަވާ ވިދާޅުވެފައި ވަނީ ޓޫރިޒަމް މެނޭޖުމަންޓުގެ ދާއިރާއިންނެވެ.

މީގެ އިތުރުން ނޫރައިންވަނީ އދ. ގައި ނިއުޒިލެންޑް ތަމްސީލް ވެސް ކޮށްފަ އެވެ.