ލައިފްސްޓައިލް

އެންމެ ފުން ޕޫލް ދުބާއީން ހުޅުވައިފި

ދުބާއީ ގައި 60 މީޓަރު ފުން ޕޫލްއެއް "ޑީޕް ޑައިވް ދުބާއީ" ގެ ނަމުގައި ހުޅުވާލައިފި އެވެ.

ދުނިޔޭގެ އެންމެ އުސް އިމާރާތާއި އެންމެ ބޮޑު ޝޮޕިން މޯލް ވެސް ހުންނަ ދުބާއީން މި ޕޫލް އުފެއްދުމާއެކު ދުނިޔޭގެ އެންމެ ފުން ޕޫލްގެ ރިކޯޑު މުގުރާލައި އެ ލަގަބު ވެސް ދުބާއިއަށް ލިބުނީ އެވެ.

"ޑީޕް ޑައިވް ދުބާއީ" ގެ ކުރިން ދުނިޔޭގެ އެންމެ ފުން ޕޫލަކީ ޕޯލެންޑުގެ "ޕޯލެންޑްސް ޑީޕް ސްޕޮޓް" އެވެ. އެ ޕޫލްގެ ފުންމިނަކީ 45 މީޓަރެވެ. އެ ރިކޯޑް ޑީޕް ޑައިވް ދުބާއީ އިން މުގުރާލީ 15 މީޓަރުގެ ތަފާތަކުންނެވެ.

ސާދަ މިލިއަން ލީޓަރުގެ ފެން އެޅޭ މި ޕޫލަކީ ދުނިޔޭގެ އެހެން ޑައިވިންގް ޕޫލްތަކަށްވުރެ އެންމެ މަދުވެގެ ހަތަރު ގުނަ ބޮޑު ޕޫލެކެވެ. އަދި މި ޕޫލް ފުރާަލުމަށް މަދުވެގެން އޮލިމިްޕިކް ޑައިވިންް ޕޫލް ސައިޒުގެ ހަ ޕޫލްގެ ފެން ބޭނުންވެ އެވެ.

ގިނިސް ވޯލްޑް ރިކޯޑްސް އިން މި ޕޫލްއަށް ދުނިޔޭގެ އެންމެ ފުން ޕޫލްގެ ޝަރަފު ދީފައި ވަނީ މިދިއަ 27 ވަނަ ދުވަހު އެވެ. ޕޫލްގެ ޑޒައިން ގައި ބޭނުން ކޮށްފައި ވނީ ފެނު އަޑީގެ ސިޓީއެކެވެ. އެކި ބައިތަކަށް ބެހިފައިވާ މި ޕޫލްގެ ކޮންމެ ފުންމިނެއްގައި ވެސް ޑައިވަރުންނަށް ކޮންމެ ވެސް ތަފާތު މަންޒަރެއް ފެނިގެން ދެއެވެ. އަދި ތަފާތު ގިނަ ކަންކަން ތަޖުރިބާ ކޮށްލަން ވެސް ލިބޭނެ އެވެ. އެގޮތުން އެންމެ ފާހަގަ ކޮށްލެވެނީ ފުސްބޯލް އާއި ރާޒުވާ ކުޅެވުމެވެ.

"ޑީޕް ޑައިވް ޑުބާއީ" މިހާރު ހުޅުވާފައިވާ އިރު އަދި ޒިޔާރަތް ކުރެވެނީ ހަމައެކަނި ދައުވަތު ލިބޭ ފަރާތް ތަކަށަށެވެ. މި ޕޫލް ހުޅުމަށް ފަހު އެންމެ ފުރަތަމަ ކަސްޓަމަރެއްގެ ގޮތުގައި ޑައިވް ކުރެއްވީ ޑުބައިގެ ވަލީ އަހުދު މުހައްމަދު ބިން ރާޝިދު އަލް މަހްތޫމެވެ.

މުސްތަގުބަލުގައި ޑީޕް ޑައިވް ކުރުމުގެ ޝަރުތު ހަމަވާ ހުރިހާ ފަރަތަތަކަށް ވެސް ބޭނުން ކުރެވޭގޮތް ހުޅުވާލާނެ އެވެ. އަދި ޑައިވް ކުރަން ބޭނުން ނުވާ ފަރާތްތަކަށް ޕޫލް ބެލުމުގެ ފުރުސަތު ވެސް އެ ތަނުގައި ހަމަޖެހިފައިވާއިރު ރެސްޓޯރަންޓެއް ވެސް ހުރެ އެވެ. އާންމުންނަށް ހުޅުވާލާނެ ވަކި ތާރީހެއް އިއުލާން ކޮށްފައެއް ނުވެ އެވެ.