ފާއިތުވި ފެބްރުއަރީ މަހު މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) އަށް 2.4 މިލިއަން ރުފިޔާ ބަލައިގަނެފި އެވެ.
މި އަދަދަކީ މިދިޔަ އަހަރުގެ މި މުއްދަތުގައި ލިބުނު އާމްދަނީއަށްވުރެ 5.4 ޕަސެންޓް އިތުރު އަދި މި އަހަރުގެ ފެބްރުއަރީ މަހު ލިބޭނެ ކަމަށް އަންދާޒާކޮށްފައިވާ އަދަދަށްވުރެ 5.1 ޕަސެންޓް އިތުރު އަދަދެކެވެ.
ފާއިތުވި އަހަރުގެ ފެބްރުއަރީ މަހާއި އަޅާބަލާއިރު މި އަހަރުގެ ފެބްރުއަރީ މަހު ލިބުނު އާމްދަނީ އިތުރުވުމުގެ މައިގަނޑު ސަބަބަކީ، ލީސް ޕީރިއަޑް އެކްސްޓެންޝަން ފީ ބަލައިގަންނަން ފެށުމާއި، ކުންފުނިތަކާއި އަމިއްލަ ފަރުދުން ނޫން ފަރާތްތަކުން ނަގާ ޓެކުހުގެ އާމްދަނީ އިތުރުވުން ކަމަށް މީރާ އިން ބުނެފައިވެ އެވެ.
މީރާ އިން ބުނީ ކުންފުނިތަކާއި އަމިއްލަ ފަރުދުން ނޫން ފާރާތްތަކުން ނަގާ ޓެކުހުގެ ސުންގަޑި ރަސްމީ ބަންދު ދުވަހަކާ ދިމާވުމުގެ ސަބަބުން، ފެބުރުވަރީ މަހުގެ ދެވަނަ ދުވަހުގެ ނިޔަލަށް މުއްދަތު އިތުރުކުރުމުން މި މުއްދަތުގައި ލިބުނު އާމްދަނީ އިތުރުވެފައިވާ ކަމަށެވެ. މީގެ އިތުރުން ޖަނަވަރީ 2024 އާ އަޅައިބަލާއިރު މި އަހަރުގެ ޖެނުއަރީ މަހު ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިން އިތުރުވުމުން ގްރީން ޓެކުހާއި އެއާޕޯޓް ޓެކުހާއި ފީ ގެ ގޮތުގައި ލިބުނު އާމްދަނީ ވަނީ އިތުރުވެފަ އެވެ،
އަންދާޒާކުރި އަދަދަށްވުރެ އާމްދަނީ އިތުރުވި މައިގަނޑު އެއް ސަބަބަކީ ލީޒް ޕީރިއަޑް އެކްސްޓެންޝަން ފީގެ ގޮތުގައި ލިބުނު އާމްދަނީ އިތުރުވުން ކަމަށް މީރާއިން ފާހަގަކޮށްފައިވެ އެވެ.
މީރާއަށް ފެބްރުއަރީ މަހު ބަލައިގަތް އާމްދަނީގެ އެންމެ ބޮޑު ބައެއް ހިއްސާކުރަނީ ޖީއެސްޓީ އެވެ. ޖީއެސްޓީގެ ގޮތުގައި ފެބްރުއަރީ މަހު 1.23 ބިލިއަން ރުފިޔާ ބަލައިގަތްއިރު އެއީ ޖުމްލަ އާމްދަނީގެ 49.8 ޕަސެންޓެވެ.
އިންކަމް ޓެކުހުގެ ގޮތުގައި މިދިޔަ މަހު 401.4 މިލިއަން ރުފިޔާ ބަލައިގަތްއިރު ލީސް ޕީރިއަޑް އެކްސްޓެންޝަން ފީގެ ގޮތުގައި 307.2 މިލިއަން ރުފިޔާ ވަނީ ބަލައިގަނެފަ އެވެ.
މީގެ އިތުރުން ގްރީން ޓެކުހުގެ ގޮތުގައި 149.7 މިލިއަން ރުފިޔާ، ޑިޕާޗާ ޓެކުހުގެ ގޮތުގައި 102.4 މިލިއަން ރުފިޔާ އަދި އެއާޕޯޓް ޑިވެލޮޕްމަންޓް ފީގެ ގޮތުގައި 98.7 މިލިއަން ރުފިޔާ ލިބުނެވެ.
މީރާއަށް މިދިޔަ މަހު ބަލައިގަނެފައިވާ އާމްދަނީގެ ތެރޭގައި 118 މިލިއަން އެމެރިކާ ޑޮލަރު ހިމެނެ އެވެ.