ހަބަރު

ސަރުކާރުން ގާސިމަށް އަނިޔާ ކުރާއިރު މައުމޫން ލަދު ގަންނަންޖެހޭނެ: އިމްރާން

ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމަށް ސަރުކާރުން އަނިޔާ ކުރާއިރު ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ލަދުގަންނަންޖެހޭނެ ކަމަށް އަދާލަތު ޕާޓީގެ ރައީސް ޝައިހް އިމްރާން އަބްދުﷲ މިއަދު ވިދާޅުވެއްޖެ އެވެ.

އިމްރާން އެގޮތަށް ވިދާޅުވީ އޭނާ ދެންމެ ކުރެއްވި ޓްވީޓެއްގަ އެވެ. އެ ޓްވީޓްގައި އޭނާ ވިދާޅުވެފައިވަނީ ރިޔާސީ އިންތިޚާބުގައި ރައީސް އަބްދުﷲ ޔާމީނަށް ތާއީދުކުރަން ގާސިމް ނިންމީ މައުމޫން އާދޭސް ކުރައްވައިގެން ކަމަށެވެ. އެހެންވެ ޕީޕީއެމްގެ ވެރިކަމުގައި ގާސިމަށް އަނިޔާވެރިވާތީ މައުމޫން ލަދު ގަންނަންޖެހޭނެ ކަމަށް ވެސް އެ ޓްވީޓްގައި އިމްރާން ވިދާޅުވެފައިވެ އެވެ.

ސަރުކާރު ކޯލިޝަންގައި ހިމެނޭ އަދާލަތު ޕާޓީ ރައީސް އިމްރާން ދަނީ ފަހަކަށް އައިސް ސޯޝަލް މީޑިއާގައި ސަރުކާރަށް ފާޑު ވިދާޅުވަމުންނެވެ. ނަމަވެސް އެ ޕާޓީއަށް ނިސްބަތްވާ އިސްލާމިކް މިނިސްޓަރު ޝައިހް މުހައްމަދު ޝަހީމް ދަނީ ސަރުކާރުގެ ދިފާއުގައި ތަކުރާރުކޮށް ވާހަކަ ދައްކަވަމުންނެވެ.