ޓޫރިޒަމް

ޓޫރިސްޓުންގެ އަަދަދު އިތުރުވެ، އޮކިއުޕެންސީ 77 ޕަސެންޓުގައި

Oct 15, 2016
3
  • އެންމެ ގިނަ މީހުން އައީ އިނގިރޭސިވިލާތުން
  • ޗައިނާ ޓޫރިސްޓުންގެ އަދަދު 11.5% ދަށަށް
  • ރާއްޖޭގައި 28،000 އަށްވުރެ ގިނަ އެނދު އެބަހުރި

މި އަހަރުގެ އޮގަސްޓް މަހުގެ ނިޔަލަށް ރާއްޖެ އަށް ޒިޔާރަތްކުރި ޓޫރިސްޓުންގެ އަދަދު 2.3 ޕަސެންޓް އިތުރުވެ، ޓޫރިސްޓު ރިސޯޓުތަކުގެ އޮކިއުޕެންސީ ރޭޓް ހުރީ 75 ޕަސެންޓުގައި ކަމަށް ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކައިފި އެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން މި އަހަރުގެ މި ހާތަނަށް، ޖެނުއަރީ އިން އޮގަސްޓް މަހު ގެ ނިޔަލަށް 842،635 ޓޫރިސްޓުން ޒިޔާރަތް ކޮށްފައިވެ އެވެ. ނަމަވެސް މިދިޔަ އަހަރުގެ މި މުއްދަތުގައި ޒިޔާރަތް ކޮށްފައިވަނީ 823،766 މީހުންނެވެ. މިއީ 2.3 ޕަސެންޓް އިތުރު އަދަދެކެވެ.

އޮގަސްޓް މަހު އެކަނި ބަލަނަމަ މި އަދަދު އުޅެނީ 112،282 ގަ އެވެ. މިދިޔަ އަހަރުގެ އޮގަސްޓް މަހު ޒިޔާރަތް ކޮށްފައިވަނީ 110،144 މީހުންނެވެ. މިއީ 1.9 ޕަސެންޓް އިތުރު އަދަދެކެވެ.

ހިސާބުތައް ދައްކާ ގޮތުން ރާއްޖެއަށް އެންމެ ގިނައިން ޓޫރިސްޓުން އަންނަ މުހިންމު ބައެއް ގައުމުތަކަށް ބަލާއިރު މި އަހަރުގެ މިހާތަނަށް ރަޝިޔާ އިން 28،835 މީހުން ޒިޔާރަތް ކުރި އެވެ. ނަމަވެސް މިދިޔަ އަހަރު ޒިޔާރަތް ކޮށްފައިވަނީ 28،655 މީހުންނެވެ. މިއީ 0.6 ޕަސެންޓް އިތުރު އަދަދެކެވެ.

އިނގިރޭސިވިލާތުން 68،286 މީހުން ޒިޔާރަތް ކުރި އެވެ. ނަމަވެސް މިދިޔަ އަހަރު އައިސްފައިވަނީ 61،720 މީހުންނެވެ. މިއީ 10.6 ޕަސެންޓް އިތުރުވުމެކެވެ.

އިޓަލީން މި އަހަރު 47،750 މީހުން ޒިޔާރަތް ކުރި އިރު، މިދިޔަ އަހަރު ޒިޔާރަތް ކުރީ 43،995 މީހުންނެވެ. މިއީ 8.5 ޕަސެންޓް އިތުރު އަދަދެކެވެ. ޖަރުމަނު ވިލާތުން 66،797 މީހުން ޒިޔާރަތް ކުރި އެވެ. ނަމަވެސް މިދިޔަ އަހަރުގެ މި މުއްދަތުގައި ޒިޔާރަތް ކުރީ 65،414 މީހުންނެވެ. މިއީ 2.1 ޕަސެންޓުގެ އިތުރު އަދަދެކެވެ.

އެހެން ނަމަވެސް ރާއްޖެއަށް އެންމެ ގިނަ ޓޫރިސްޓުން އަންނަ، ޗައިނާ މާކެޓަށް ވަނީ ހީނަރުކަން އައިސްފަ އެވެ. އެގޮތުން މިއަހަރުގެ މިހާތަނަށް އެ ގައުމުން އައީ 230،437 ޓޫރިސްޓުންނެވެ. ނަމަވެސް މިދިޔަ އަހަރު ވަނީ، 260،491 ރާއްޖެ އައިސްފަ އެވެ. އެއީ 11.5 ޕަސެންޓް ދަށް އަދަދެކެވެ.

ޓޫރިޒަމްގެ އިސްއަލިތައް

  • ޗައިނާ މާކެޓު ވަނީ 11.5 ޕަސެންޓް ދަށްވެފަ
  • އިނގިރޭސިންގެ އަދަދު 10.6 ޕަސެންޓް އިތުރު
  • ރަޝިޔާ މާކެޓު ވަނީ 0.6 ޕަސެންޓް އިތުރުވެފަ
  • ޖަރުމަނު މާކެޓު ވަނީ 2.1 ޕަސެންޓް އިތުރުވެފަ
  • އިޓަލީ މީހުންގެ އަދަދުވެސް 8.5 ޕަސެންޓް އިތުރު

ޓޫރިޒަމް މިނިސްޓްރީގެ ހިސާބުތައް ދައްކާ ގޮތުގައި އޮޕަރޭޓް ކުރަމުން ގެންދާ 110 ރިސޯޓާއި 13 ހޮޓާ އަދި 84 ގެސްޓްހައުސްގެ އިތުރުން 87 ސަފާރީގައި ޖުމްލަ 28،568 އެނދު އެބަހުއްޓެވެ. އަދި ޓޫރިސްޓުން ރާއްޖޭގައި ހޭދަކޮށްފައިވަނީ 4,773,540 ރޭ އެވެ. އަދި ރިސޯޓުތަކުގައި އޮކިއުޕެންސީ ރޭޓް ހުރީ 77.8 ޕަސެންޓުގަ އެވެ.