ހަބަރު

ގާސިމާއި އަދީބާއި އުއްޗު ބައްދަލުކޮށްފި

Mar 2, 2015

ޖޭޕީ ލީޑަރު ގާސިމް އިބްރާހިމާއި ޓޫރިޒަމް މިނިސްޓަރު އަދީބާއި ޗަމްޕާ މުހައްމަދު މޫސާ (އުއްޗު)، އޭނާ ދިރިއުޅުއްވާ ބިލްޑިންގުގައި ބައްދަލު ކުރައްވަމުން އެބަގެންދަވަ އެވެ.

މިރޭ ގާތްގަނޑަކަށް 10:00 ގައި އެ ބިލްޑިންގަށް ފުރަތަމަ ވަޑައިގަތީ ގާސިމް އިބްރާހީމެވެ. އޭގެ ފަހުން 10:30 ގައި ދެން ވަޑައިގެންނެވީ ޕީޕީއެމްގެ ނައިބު އަދި ޓުއަރިޒަމް މިނިސްޓަރު އަހުމަދު އަދީބެވެ.

ތިން ބޭފުޅުންގެ ބައްދަލުވުން ކުރިޔަށް ދަނީ އުއްޗު އާދަވެ އިންނަވާ ކެންޓީނުގެ ތެރޭގައެވެ. އަދި މި ބައްދަލު ކޮށްލެވުމަކީ ރަހުމަތްތެރި ކަމުގެ ބައްދަލުވުމެއް ކަމަށް ވެއެވެ.

މިރޭގެ ބައްދަލުވުމާ ބެހޭ ގޮތުން އަދީބު ވިދާޅުވެފައި ވަނީ ބައްދަލުވުމުގައި މަޝްވަރާ ކުރި ކަންކަމާއި އެއްބަސްވި ކަންކަން އެއީ ސިއްރެއް ކަމަށާއި އެކަންކަން އަދި ހަމަ ކުރެވެން ނެތް ކަމަށެވެ. 

މިރޭގެ ބައްދަލުވުމަށްފަހު ގާސިމް ވިދާޅުވީ އުއްޗުއަކީ ގާތް ރަހުމަތްތެރިއެއް ކަމަށާއި މިރޭގެ ބައްދަލުވުމުގައި ރަހުމަތްތެރި ކަމުގެ ވާހަކާއި ފައިސާގެ ވާހަކަތަކުގެ އިތުރުން ސިޔާސީ ވާހަކަތައް ވެސް ދެކެވުނު ކަމަށެވެ. މިރޭގެ ބައްދަލުވުމަށްފަހު ފަހު ގާސިމް ނުކުމެ ވަޑައިގަތުމުން ބަޔަކު ވަނީ "ގައުމު ވިއްކާލީ" ކަމަށް ގޮވާ ހަޅޭއްލަވާފައެވެ. 

ގާސިމް ލީޑަރުކަން ކުރައްވާ ޖޭޕީ އާއި އެމްޑީޕީން އެކުގައި މަސައްކަތް ކުރަން ފެށި ފަހުން އަދީބާއި ގާސިމާ ދެމެދު ވަރަށް ގިނަ ބަހުގެ ހަމަލާތައް ހިނގަ އެވެ. އެގޮތުން ގާސިމްގެ ރަށްތައް އަނބުރާ ނަގައި ދައުލަތަށް 100 މިލިއަން ޑޮލަރު ދައްކަން އެންގި މައްސަލައިގައި ގާސިމް އަދީބަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައިވެ އެވެ. އަދި އަދީބު ވެސް ގާސިމަށް ވަރަށް ގިނަ ބަހުގެ ހަމަލާތައް ރައްދު ކުރައްވާފައިވެ އެވެ.

މީގެ ކުރިން ވެސް ގާސިމް ވަނީ އުއްޗުއާ ބައްދަލު ކުރައްވައިފަ އެވެ. އޭރު އެދެބޭފުޅުން މަޝްވަރާ ކުރެއްވީ ސިޔާސީ މަޝްރަހުގައި ހިނގަމުން އަންނަ ކަންކަމާ މެދު އެވެ. ނަމަވެސް މިއީ ގާސިމް އެމްޑީޕީއާ ކޯލިޝަން ހެއްދެވި ފަހުން އަދީބުއާ މިގޮތަށް ބައްދަލު ކުރައްވާ ފުރަތަމަ ފަހަރެވެ.

ޖޭޕީގެ ޑެޕިއުޓީ ޕީޖީ ލީޑަރު އަބްދުﷲ ރިޔާޒް މިރޭ ވިދާޅުވީ ގާސިމާއި އަދީބު އުއްޗުއާއެކު މިރޭ ބައްދަލު ކުރައްވާކަން ޖޭޕީ އާއި އެމްޑީޕީގެ ގުޅިފައިވާ ޕީޖީ ގްރޫޕަށް ގާސިމް ކުރިން އިންފޯމް ކޮށްދެއްވާފައިވާ ކަމަށެވެ.