ހަތިޔާރު ގެންގުޅުނުކަމުގެ ކުށް ސާބިތުވެ 11 އަހަރަށް ޖަލަށްލާފައިވާ ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމްގެ މިނިވަން ކުރުމަށް އާއިލާއިން ކެޕްމެއިންއެއް ފަށައިފި އެވެ.
"ފްރީޑަމް އެންޑް ޖަސްޓިސް ފޯ ކާނަލް ނާޒިމް" ގެ ނަމުގައި އާއިލާއިން ފެށި މި ކެމްޕެއިންއާ ގުޅޭ ގޮތުން ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ނާޒިމްގެ ކޮއްކޮ، އާދަމް އާޒިމް ވިދާޅުވީ ނާޒިމަކީ މިނިވަނެއް ގޮތުގައި ބަހައްޓަން ޖެހޭ މީހެއް ކަމަށް އާއިލާއިން ގަބޫލު ކުރާ ކަމަށާއި އެހެންކަމުން މިއަދު ފަށާ ކެމްޕެއިންގެ ދަށުން ރާއްޖޭގަ އާއި ރާއްޖެއިން ބޭރުގައި ގިނަ ހަރަކާތްތަކެއް ކުރިޔަށް ގެންދަން ރާވާފައިވާ ކަމަށެވެ.
އެގޮތުން މިހާރުވެސް ރާއްޖޭގެ ހުރިހާ ކޯޓުތަކަށާއި ފުލުހުން އަދި މިނިވަން މުއައްސަސާތަކަށް މައްސަލަ ހުށަހަޅާފައިވާ ކަމަށް އާޒިމް ވިދާޅުވި އެވެ. އަދި ހެކިތަކާ ގުޅިގެން ޕީޖީއަށާއި ރައިސުލްޖުމްހޫރިއްޔާއަށް ވެސް ސިޓީއެއް ފޮނުވާ ނާޒިމަށް ކޮށްފައިވާ ދައުވާ އަނބުރާ ގެންދިޔުމަށް މަސައްކަތްތަކެއް ކޮށްފައިވާ ކަމަށް ވެސް އާޒިމް ވިދާޅުވި އެވެ.
"މި މައްސަލަ ހައިކޯޓުގައި ކުރިޔަށް ދިޔަ އިރު ވަރަށް މުހިންމު ހެއްކެއް ދައުލަތުން ހުށަހެޅި. އެއީ ކާނަލް ނާޒިމް ރާއްޖެއަށް އެއްވެސް ހަތިޔާރެއް އެތެރެކޮށްފައި ނުވާ ކަމަށް. އޭގެ އިތުރުން ހަތިޔާރުން އެހެން މީހެއްގެ ޑީއެންއޭއެއް ފެނިފައިވާ ކަންވެސް މިހާރު ވަނީ އެނގިފައި. އެއްވެސް ގުޅުމެއް ނެތް ޕިސްތޯލެއް ނާޒިމްގެ ބޮލުގައި އަޅުވާފައި މިވަނީ ނާއިންސާފުން ކަންތައް ކޮށްފައި. އެހެންވެ ރާއްޖޭގައާއި ރާއްޖެއިން ބޭރުގައި ނާޒިމް މިނިވަން ކުރުމަށް ކުރެވޭ ހުރިހާ މަސައްކަތެއް އަޅުގަނޑުމެން ކުރާނަން،" އާޒިމް ވިދާޅުވި އެވެ.
ނާޒިމް މިނިވަން ކުރުމަށް ބޭރުގައުމުތަކުގައި ކުރަމުންދާ މަސައްކަތްތަކާ ގުޅޭގޮތުން ވާހަކަ ދައްކަވަމުން ނާޒިމްގެ ދަރިފުޅު ވުލާ ނާޒިމް ވިދާޅުވީ މިހާތަނަށް އިންސާނީ ހައްގުތަކާބެހޭ އެތައް ބޭފުޅުންނާއި ރާއްޖެއާ ގުޅުން ހުރި އެކި ގައުމުތަކުގެ ސަފީރުންނާ ވެސް ބައްދަލުކޮށްފައިވާނެ ކަމަށެވެ. އަދި ވިދާޅުވީ އެ މަސައްކަތުގައި އެމްނެސްޓީ އިންޓާނޭޝަނަލްގެ އެހީތެރިކަން ލިބިފައިވާ ކަމަށެވެ.
"އަޅުގަނޑުމެން މިހާރުވެސް ވާނީ ޔޫއެން ވޯކިން ގްރޫޕަކަށް ބައްޕަގެ މައްސަލަ ހުށަހަޅާފަ. އޭގެ ނަތީޖާ ވަރަށް އަވަހަށް ލިބޭނެ ކަމުގެ އުންމީދު އެބައޮތް. އޭގެ އިތުރުން އައިސީއާރްސީއާވެސް ބައްދަލުކޮށް މި ކޭސްއާ ގުޅޭ މައުލޫމާތު ދީފައި. އަޅުގަނޑުމެންގެ އުންމީދަކީ ރާއްޖެއިންވެސް މި ކަމުގެ އެއްބާރުލުން ލިބޭނެ ކަމަށް،" ވުލާ ވިދާޅުވި އެވެ.