ނ. އަތޮޅު މާޅެންދޫގެ ކަރަންޓް ކޭބަލް ނެޓްވޯކް އާކޮށް، ހއ. އުލިގަމުގައި އާ އިންޖީނުގެއެއް އެޅުމަށް ފެނަކަ ކޯޕަރޭޝަނުން މިއަދު ދެ ކުންފުންޏަކާ އެކު ސޮއިކޮށްފި އެވެ.
މިއަދު ފެނަކަ ކޯޕަރޭޝަން ގައި އޮތް ރަސްމިއްޔާތެއްގައި ނ. މާޅެންދޫގެ ކޭބަލް ނެޓްވޯކް ބަދަލުކުރުމަށް ހަވާލުކޮށްފައިވަނީ އެމްއެމްއެކްސްޕޯޓް ޕްރައިވެޓް ލިމިޓެޑާ އެވެ. އެ މަޝްރޫއުގެ އަގަކީ، 1.8 މިލިއަން ރުފިޔާ އެވެ. އެ މަސައްކަތް 35 ދުވަހުގެ ތެރޭގައި ނިންމަން ޖެހެ އެވެ.
އުލިގަމު އިންޖީނުގެ އެޅުމަށް ހަވާލުކޮށްފައިވަނީ ވެލްޑިން އެންޑް ކޮންސްޓްރަކްޝަން ވޯކް ޕްރައިވެޓް ލިމިޓެޑާ އެވެ. އެ މަސައްކަތުގެ އަގަކީ 4.4 މިލިއަން ރުފިޔާ އެވެ. އަދި ލަންދޫގެ އިންޖީނުގެ އެޅުމަށް ވެލްޑިން އެންޑް ކޮންސްޓްރަކްޝަން ވޯކް ޕްރައިވެޓް ލިމިޓެޑަށް ދީފައިވަނީ އެއް އަހަރު ދުވަހުގެ މުއްދަތެކެވެ.
ސޮއިކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ފެނަކައިގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަރީފް ވިދާޅުވީ، މާޅެންދޫގެ ކަރަންޓް ކޭބަލް އާކުރުމުގެ މަސައްކަތަކީ އެރަށުގެ ކަރަންޓްގެ ހާލަތު ރަނގަޅުކުރުމުގެ ގޮތުން މިވަގުތަށް ކޮންމެހެން ކުރަންޖެހިފައިވާ މަސައްކަތެއް ކަމަށެވެ. އެ މަސައްކަތް ނިމުމުން އެކުންފުނިން ފަށާފައިވާ "ޕަވާ ހައުސް ރިލޮކޭޝަން" ޕްރޮޖެކްޓްގެ ދަށުން އާ އިންޖީނުގެއެއް އެޅުމަށް ޓެންޑާ އަށް ހުށަހަޅާނެ ކަމަށް ވެސް އެމްޑީ ވިދާޅުވި އެވެ.
މާޅެންދުއަކީ އެންމެ ކުރިއްސުރެވެސް ވަރަށް އާދައިގެ ކޭބަލް ނެޓްވޯކެއްގެ އެހީގައި ކަރަންޓުގެ ހިދުމަތް ދެމުންއަންނަ ރަށެކެވެ.
އުލިގަމުގައި އަަޅާ އިންޖީނުގެއާ ބެހޭގޮތުން ޝަރީފް ވިދާޅުވީ، އެ މަޝްރޫއު ހިންގުމަށް މީގެ ކުރިން އެ ފަރާތާ ހަވާލުކޮށްފައިވީ ނަމަވެސް ބިން ދޫކުރުމުގައި ދިމާވި މައްސަލައަކާ ގުޅިގެން އެކަން ނުކުރެވި ލަސްވެގެން ދިޔައީ ކަމަށެވެ. ނަމަވެސް މިހާރު އެކުންފުންޏަށް ބިން ދޫކޮށް މަސައްކަތް ކުރިއަށްގެންދިއުމަށް ފުރިހަމަކުރަންޖެހޭ ހުރިހާ ކަމެއް ނިންމާފައިވާ ކަމަށް ވިދާޅުވި އެވެ.