ހަބަރު

ސިޔާމާ މަޝްވަރާ ކުރަން މައުމޫން އެދިއްޖެ

ކުުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބާ ބެހޭގޮތުން އެމްޑީއޭގެ ލީޑަރު އަހްމަދު ސޔާމް މުހައްމަދު އާ މަޝްވަރާ ކުރުމަށް ޕީޕީއެމްގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް އެދިވަޑައިގެންފި އެވެ.

މައުމޫން މިއަދު ވަނީ ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގެ ކަންތައްތަކާއި ބެހޭގޮތުން ދެ ޕާޓީގެ ލީޑާޝިޕްގެ ދެމެދުގައި މަޝްވަރާކުރަން ބޭނުންވާ ކަމަށް ވިދާޅުވެ ސިޔާމަށް ސިޓީއެއް ފޮނުވާފަ އެވެ. މި ސިޓީގައި މަޝްވަރާ ބާއްވާނެ ތާރީހަކާއި ގަޑިއެއް ހަމަޖެއްސާނެ ކަމަށް ވިދާޅުވެފައިވެ އެވެ.

ސިޔާމް އާއެކު މަޝްވަރާކުރަން މައުމޫން އެދިވަޑައިގެންފައި މިވަނީ ކައުންސިލް އިންތިހާބުގައި އިލެކްޝަނުން އަމަލުކުރާނީ ގާނޫނާއި ގަވައިދުތަކާ އެއްގޮތަށް އަދި ވަކި ކަމެއްގައި ކޯޓް އަމުރެއް އޮތް ނަމަ އެ އަމުރަކާ އެއްގޮތަށް ކަމަށް ބުނެފައި އޮއްވަ އެވެ. ޕީޕީއެމްގެ މައްސަލައިގައި ދެ ފަރާތުގެ ކޯޅުން ބޮޑުވެފައިވާއިރު ސިވިލް ކޯޓުގެ އަމުރަކުން ވަނީ ކޯޓުގައި އޮތް މައްސަލަ ވަކި ގޮތަކަށް ނިމެންދެން ޕާޓީ ހިންގުން ޕާޓީގެ މުސްތަޝާރު އަދި ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީންއާ ހަވާލުކޮށްފަ އެވެ. އަދި ޕާޓީގެ ކައުންސިލްގެ ޖަލްސާ އެއް ވެސް މުސްތަޝާރުގެ ބެއްލެވުމުގެ ދަށުން ބޭއްވުމަށް އަމުރުކޮށްފައި އޮތުމުން އެ ބައްދަލުވުންވުން ވެސް ވަނީ ބާއްވާފަ އެވެ.