ހަބަރު

ނަޝީދު ހައްޔަރު ކުރަން ނެރުނު އަމުރާއި އިޖްރާއީ ނުކުތާގެ މައްސަލަ ހައި ކޯޓުން ބަލައެއްނުގަތް

ކުރީގެ ރައީސް މުހައްމަދު ނަޝީދު ބަންދުކޮށްގެން ކޯޓަށް ހާޒިރުކުރަން ނެރުނު އަމުރާއި ނަޝީދުގެ ފަރާތުން ކްރިމިނަލް ކޯޓުގައި ނެގި އިޖްރާއީ ނުކުތާތައް އިސްތިއުނާފް ކުރަން ހުށަހެޅި މައްސަލަ ބަލައިގެނެވެން ނެތް ކަމަށް ހައި ކޯޓުން ނިންމައިފި އެވެ.

ނަޝީދުގެ ފަރާތުން ހައި ކޯޓަށް ހުށަހެޅީ ކްރިމިނަލް ކޯޓުގެ އިސްގާޒީ އަބްދުﷲ މުހައްމަދު ބަންދުކުރި މައްސަލައިގައި އެމަނިކުފާނުގެ މައްޗަށް ކުރާ ޝަރީއަތުގެ އަޑުއެހުމަށް އެމަނިކުފާނު ހައްޔަރުކޮށްގެން ހާޒިރުކުރަން ކްރިމިނަލް ކޯޓުން ނެރުނު އަމުރާއި އެ މައްސަލައިގެ ޝަރީއަތުގައި ނަޝީދުގެ ފަރާތުން ނެގި އިޖްރާއީ ނުކުތާތަކާ މެދު ނިންމި ނިންމުންތަކެވެ.

ނަޝީދުގެ ފަރާތުން ކްރިމިނަލް ކޯޓުގައި ނެގި އިޖްރާއީ އެއް ނުކުތާއަކީ އެ މައްސަލަ ބައްލަވާ ތިން ފަނޑިޔާރުންގެ ބެންޗުގައި ހިމެނޭ ދެ ފަނޑިޔާރަކު އެ މައްސަލައިގެ ތަހުގީގަށް ބަޔާން ދީފައިވާތީ އެ ދެ ފަނޑިޔާރުން އެ މައްސަލަ ބެލުމުން ދުރުވާން ޖެހޭނެ ކަމަށް ބުނެ ހުށަހެޅި ނުކުތާ އެކެވެ. ދެވަނަ ނުކުތާއަކީ އެ މައްސަލަ ހުޅުމާލޭ ކޯޓުގައި އޮއްވާ ދައުލަތުން ދައުވާ އަނބުރާ ގެނެސް އަލުން ކްރިމިނަލް ކޯޓަށް ހުށަހެޅުމުން ދައުވާ އަނބުރާ ގެންދިއުމަށް ފަހު އަލުން އެ މައްސަލަ ހުށަނޭޅޭނެ ކަމަށް ބުނެ ހުށަހެޅި ނުކުތާ އެކެވެ.

އެ ދެ ނުކުތާގައި ވެސް ކްރިމިނަލް ކޯޓުން ނިންމީ ނަޝީދާ ދެކޮޅަށެވެ. އެހެންވެ އެ ދެ ނުކުތާ އިސްތިއުނާފް ކުރުމަށާއި އެމަނިކުފާނު ހައްޔަރުކޮށްގެން ކޯޓަށް ހާޒިރުކުރަން ކޯޓުން ނެރުނު އަމުރު އިސްތިއުނާފް ކުރަން ނަޝީދުގެ ފަރާތުން ހުށަހެޅީ އެވެ.

ކޯޓަށް ހާޒިރު ކުރުމުގެ އަމުރާ ބެހޭގޮތުން ހައި ކޯޓުން ނިންމި ނިންމުމުގައި ވަނީ ކޯޓަށް ހާޒިރު ކުރުމާއި ހާޒިރުވާން ނެރޭ އަމުރުތައް އިސްތިއުނާފް ނުކުރެވޭނެ ކަމަށް ހައި ކޯޓުން ކުރިން ނިންމާފައިވާތީ އެ މައްސަލަ ބަލައިގަނެވެން ނެތް ކަމަށެވެ.

އިޖްރާއީ ނުކުތާތައް އިސްތިއުނާފް ކުރަން ހުށަހެޅުމުން ހައި ކޯޓުން ނިންމި ނިންމުމުގައިވަނީ އިޖްރާއީ ނިންމުންތައް އިސްތިއުނާފް ކުރެވޭނީ އެ މައްސަލައެއްގެ ހުކުމް ކުރުމުން އެ ހުކުމެއް އިސްތިއުނާފް ކުރާއިރު ކަމަށް ސުޕްރީމް ކޯޓުން ނިންމާފައިވާ ކަމަށެވެ. އަދި ނަޝީދުގެ މައްސަލަ ކްރިމިނަލް ކޯޓުގައި މިހާރު ހިނގަމުންދާ ކަމަށާއި އެ މައްސަލައިގައި އެ ކޯޓުން ހުކުމްކޮށްފައި ނުވާތީ އެ މައްސަލަ ވެސް ބަލައިގަނެވެން ނެތް ކަމަށް ނިންމީ ކަމަށް އެ ނިންމުމުގައިވެ އެވެ.

ހައި ކޯޓުން އެގޮތަށް ނިންމިއިރު ނަޝީދުގެ ޝަރީއަތުގެ ހަތަރު ވަނަ އަޑުއެހުން މިރޭ ބާއްވަން ވަނީ ހަމަޖައްސައިފަ އެވެ.