ޕީޕީއެމްގެ މުސްތަޝާރު، ރައީސް އަބްދުﷲ ޔާމީނާ ހަވާލު ކުރުމަށް ދަށު ކޯޓުން ކުރި ހުކުމަށް ސުޕްރީމް ކޯޓުން ތާއީދުކޮށްފައި ވަނިކޮށް ޕީޕީއެމްގެ އަހަރީ ދުވަސް ފާހަގަ ކުރުމުގެ ނަމުގައި ޕާޓީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމު ޕާޓީގެ އޮފީހުގައި ބާއްވަން އުޅުއްވި ޖަލްސާ ފުލުހުން ހުއްޓުވައިފި އެވެ.
ބޮޑު ތަކުރުފާނު މަގު ހ. ތެމާގައި ބާއްވަން އުޅުނު ޖަލްސާ ހުއްޓުވާފައިވާއިރު ރައްޔިތުންގެ މަޖިލީހުގެ ފޮނަދޫ ދާއިރާގެމެންބަރު އަބުދުއް ރަހީމް އަބްދުﷲ ވިދާޅުވެފައި ވަނީ ސުޕްރީމް ކޯޓުން ޕާޓީގެ މައްސަލާގައި ވަކި ގޮތަކަށް ނިންމައި ޕާޓީގެ މުޝްތަޝާރާ ޕާޓީ ހަވާލު ކުރުމަށް ތާއީދުކޮށްފައި ވަނިކޮށް މުސްތަޝާރަށް ނާންގައި ރައީސް މައުމޫން އަބްދުލް ގައްޔޫމަށް ޕީޕީއެމްގެ ނަމުގައި ޖަލްސާ ބޭއްވިގެން ނުވާނެ ކަމަށެވެ.
ޕީޕީއެމްގެ އޮފީސް ކައިރީގައި ފުލުހުން ހަރަކާތްތެރިވަމުންދާއިރު އެ ސަރަހައްދުގައި ގިނައީ އެމްޑީޕީއަށް ނިސްބަތްވާ މީހުންނެވެ. ޕީޕީއެމްގެ ރައީސް މައުމޫނުގެ ފަޅީގައި ހިމެނޭ ބައެއް ފަރާތްތައް ވެސް އެ ސަރަހައްދުގައި އެބަތިއްބެވެ. ނަމަވެސް ފުލުހުން ގެންދަނީ އެ ސަރަހައްދު ދޫކޮށް ދިއުމަން އެދެމުންނެވެ.