ހަބަރު

މޮދީ ރާއްޖެ ވަޑައިގަތުމާ މެދު ގޮތެއް ނިންމާނީ އެންމެ ފަހު ވަގުތު: އޮފިޝަލް

ރާއްޖޭގެ ސިޔާސީ ހަމަނުޖެހުން އިތުރުވެފައި ވާތީ، އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޮދީ ރާއްޖެ ވަޑައިގަތުމާ މެދު ގޮތެއް ނިންމަވާނީ އެންމެ ފަހު ވަގުތު ކަމަށް އިންޑިއާގެ އިސް އޮފިޝަލަކު ވިދާޅުވެއްޖެ އެވެ.

ރާއްޖޭގެ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ މައްޗަށް ކުރާ ޓެރަރިޒަމްގެ ދައުވާއާ ގުޅިގެން އެ މަނިކުފާނު ހައްޔަރުކުރުމުން އިންޑިއާ އިން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ. ވެރިކަމުގައި އިންޑިއާއާ އެކު ގާތް ގުޅުމެއް ބޭއްވި ނަޝީދު ހައްޔަރު ކުރުމާ އެކު ރާއްޖޭގައި ހިނގަމުންދާ ހަމަނުޖެހުންތައް ސުލްހަވެރިކަމާ އެކު ހައްލު ކުރުމަށް އިންޑިއާ އިން ވަނީ ގޮވާލައިފަ އެވެ.

"ރާއްޖެ އަށް ކުރައްވާ ދަތުރުފުޅާ މެދު ގޮތެއް ނިންމަވާނީ އެންމެ ފަހު ވަގުތު. އެއީ އިންޑިއާގެ ކަންބޮޑުވުންތަކަށް ދިވެހި ސަރުކާރުން އިޖާބަދޭ ގޮތެއްގެ މައްޗަށް ބިނާކޮށް،" އިސް އޮފިޝަލަކު ވިދާޅުވި ކަމަށް އިންޑިއާގެ ޓެލެގްރާފް ނޫހުގައި ބުނެފައިވެ އެވެ.

"ދަތުރުފުޅު ހަމަޖެހިފައިވާ ތާރީހަށް ކޮންމެވެސް ހައްލެއް ފެންނާނެ ކަމަށް އިންޑިއާ އިން އަދިވެސް އުންމީދުކުރޭ،" އޮފިޝަލް ވިދާޅުވި ކަމަށް ނޫހުގައިވެ އެވެ.

މޮދީ ރާއްޖެ އަށް ވަޑައިގަތުމަށް ހަމަޖެހިފައި ވަނީ މި މަހުގެ 15 ވަނަ ދުވަހު ކަމަށް އިންޑިއާގެ ބައެއް ނޫސްތަކުން ބުނެފައި ވިޔަސް ރާއްޖޭގެ ފޮރިން މިނިސްޓަރު ދުންޔާ މައުމޫން މީގެ ހަފުތާއެއްހާ ދުވަސް ކުރިން ވިދާޅުވެފައި ވަނީ ތާރީހެއް ހަމަޖައްސާނީ ދެ ގައުމުން މަޝްވަރާ ކުރުމަށް ފަހުގައި ކަމަށާއި އެ މަޝްވަރާތައް ކުރިއަށްދާ ކަމަށެވެ.

މޮދީ މި މަހުގެ 13 ވަނަ ދުވަހު ސްރީ ލަންކާ އަށް ވަޑައިގަންނަވާ ގޮތަށް ހަމަޖައްސާފައި ވާއިރު އެއީ އިންޑިއާގެ ބޮޑުވަޒީރަކު މިދިޔަ 28 އަހަރު ތެރޭ ލަންކާ އަށް ކުރައްވާ ފުރަތަމަ ދަތުރުފުޅެވެ.