ވިޔަފާރި

ސްރީލަންކަން އެއާލައިންސްގެ ދަތުރުތައް އިތުރު 11 ސަރަހައްދަކަށް

އޭޝިއާ އާއި މެދު އިރުމަތީގެ އިތުރު 11 ސަރަހައްދަކަށް ސްރީލަންކަން އެއާލައިންސްގެ ދަތުރުތައް ފަށައި ހިދުމަތް ފުޅާކޮށްފި އެވެ.

ސްރީލަންކަން އެއާލައިންސް މެދުވެރިކޮށް ކޮލޮމްބޯއިން ސީދާ ދަތުރުތައް އަލަށް ފެށީ ޕާކިސްތާންގެ ލާހޫރާއި އިންޑޮނޭޝިއާގެ ޖަކާޓާއާ، ބަންގްލަދޭޝްގެ ޑާކާ އައި އޮމާންގެ މުސްކެޓްއާ އަދި އިންޑިގެ ކޮލްތައްތާއާ، މަދުރާއި، ވަރާނަސީއާ، ބޮދް ގަޔާގެ އިތުރުން ބަހްރޭނާއި ސީޝެލްސް އަދި ރާއްޖޭގެ ގަމެވެ.

އާ ދަތުރުތައް ފެށުމާ ގުޅިގެން ސްރީލަންކަން އެއާލައިންސްގެ ޗެއާމަން އަޖިތު ދިއާސް ވިދާޅުވީ އޭޝިއާ އާއި މެދު އިރުމަތީގެ ގައުމުތަކަށް ހިދުމަތް ފުޅާ ކުރަން ނިންމީ އެ ސަރަހައްދުގެ ގައުމުތައް ކުރިއަރަމުން އަންނާތީ އާއި ފުރުސަތުތައް އިތުރުވެފައިވާތީ ކަމަށެވެ. އަދި އޭޝިއާ އާއި މެދު އިރުމަތީގެ ގައުމުތަކަށް ނެޓްވޯކު ގުޅާލުމުން ޕެސެންޖަރުންނަށް ފަސޭހަ ހިދުމަތެއް ލިބި ކުންފުންޏަށް ވެސް ފައިދާތަކެއްވާނެ ކަން ޔަގީންވާ ކަމަށް އަޖިތު ވިދާޅުވި އެވެ.

ލަންކާގެ ޓޫރިޒަމް ޑިވަލޮޕްމަންޓް އޮތޯރިޓީ ސްޓެޓިސްޓިކްސް އިން ދައްކާގޮތުން މިދިޔަ އަހަރު ލަންކާއަށް އައި 1.7 މިލިއަން ފަތުރުވެރިންގެ ތެރެއިން ނުވަ ލައްކައެއްހާ ފަތުރުވެރިންނަކީ އޭޝިއާއާއި މެދުއިރުމަތީގެ ގައުމުތަކުންނެވެ.

ސްރީލަންކަން އެއާލައިންސްގެ ސީއީއޯ ސުރެން ރަވެއްޓަ ވިދާޅުވީ އިތުރު 11 ސަރަހައްދަކަށް އެ އެއާލަންސްގެ ދަތުރުތައް ފެށުމަކީ އޭޝިއާއާއި މެދު އިރުމަތީގެ ދަތުރުވެރިންނަަށް ވަރަށް ފަސޭހަވެގެންދާނެ ކަމެއް ކަމަށާއި ސްރީލަންކަން އެއާލައިންސްގެ އެންމެ ފުރިހަމަ ހިދުމަތްތައް ތަޖުރިބާކޮށްލަން ލިބޭނެ ކަމަށެވެ.

"އަޅުގަނޑުމެން މިހާރު ވާނީ A330-300 ގެ ފްލައިޓުތައް ވެސް އަޅުގަނޑުމެންގެ އެއާލައިންސްގައި ހިމަނާފައި. އަދި A320 ނިއޯ އާއި A321 ނިއޯގެ ފްލައިޓުތައްވެސް ވަރަށް އަވަހަށް ލިބޭނެ. އެހެންކަމުން އަޅުގަނޑުމެންގެ ފްލައިޓުން ދަތުރު ކުރާ ފަތުރުވެރިންނަށް ވަރަށް ފުރިހަމަ އަދި ފަސޭހަ ހިދުމަތެއް ލިބޭނެ،" ސުރެން ވިދާޅުވި އެވެ.