ގޮތް ނޭނގޭ ބައްޔެއް ތަހައްމަލުކުރަމުންދާ އިބްރާހިމް ޒާހިލްގެ ފަރުވާއަށް ބެންކޮކަށް ދިއުމަށް ބޭނުންވާ އެހީ އެންސްޕާއިން ހަމަޖައްސައިދީފި ކަމަށް އެ އިދާރާއިން މިއަދު ބުނެފި އެވެ.
އެންސްޕާގެ ސީއީއޯ މުޖުތަބާ އަލީ ޖަލީލް މިއަދު "އަވަސް" އަށް ވިދާޅުވީ، ޒާހިލްގެ ފަރުވާއަށް ބެންކޮކަށް ދާން އެދި އެ އޭޖެންސީއަށް އާއިލާއިން ސިޓީ ހުށަހެޅީ އިއްޔެ ކަމަށެވެ. އެ ސިޓީއާ ގުޅިގެން ޒާހިލްގެ އޮޕަރޭޝަނަށް ބޭނުންވާ ފައިސާ އާއި، ޒާހިލް އާއި އެހީތެރިޔާގެ ދެކޮޅު ޓިކެޓްގެ ހަރަދުތައް ހަމަޖައްސައިދީފައިވާ ކަމަށެވެ. އެހީ ހަމަޖައްސައިދީފައިވަނީ ބެންކޮކްގެ ބަމްރަންގްރާޑް ހޮސްޕިޓަލުން ފަރުވާ ހޯދުމަށް ކަމަށާއި އެއީ އާއިލާއިން އެދިފައިވާ ގޮތް ކަމަށް މުޖުތަބާ ވިދާޅުވި އެވެ.
މުޖުތަބާ ވިދާޅުވީ، ޒާހިލްއަށް ބޭނުންވާ އެހީ އެންސްޕާއިން ހަމަޖައްސައި ނުދެވި އޮތީ، މީގެ ކުރިން އެންސްޕާގައި އެހީ ހޯދުމަށް އާއިލާއިން އެދިފައި ނުވާތީ ކަމަށެވެ.
ޒާހިލްގެ އަސްލު ބައްޔަކީ ކޮބައިކަން ދެނެގަނެވިފައި ނުވާއިރު، އާއިލާއިން ބެންކޮކްގެ ހޮސްޕިޓަލަކަށް ދާން ނިންމާފައިވަނީ، މިދިޔަ ތިން މަހު ފަރުވާ ހޯދަމުންދިޔަ އިންޑިއާގެ ކިމްސް ހޮސްޕިޓަލުން، ޒާހިލްއަށް ދޭނެ "އާ ފަރުވާއެއް" ނެތް ކަމަށް ބުނުމުން، އެ ބައްޔަށް އިތުރު ފަރުވާއެއް އޮތް ތޯ ބެލުމަށް ކަމަށް ޒާހިލްގެ އާއިލާއިން ބުނެފައިވެ އެވެ.
ޒާހިލްގެ ބައްޔަށް ފަރުވާއެއް ހޯދުމަށް އާއިލާއިން ބޭރުގެ ހޮސްޕިޓަލްތަކަށް ލިޔުންތައް ފޮނުވުމުން އެ ބައްޔަށް ފަރުވާއެއް ދޭނެ ކަމަށް ބުނެފައި ވަނީ ބެންކޮކްގެ ހޮސްޕިޓަލަކުންނެވެ. މީގެ ކުރިން އިންޑިއާގެ ކިމްސް ހޮސްޕިޓަލްގައި އާސަންދައިގެ ދަށުން ޒާހިލް ވަނީ ފަރުވާ ހޯދައިފަ އެވެ.
ތައިލެންޑަށް ދާން އެ އާއިލާއިން ނިންމައި އަމިއްލަ ގޮތުން އެކަމަށް ފައިސާ ހޯދަން މަސައްކަތް ފެށީ ބެންކޮކް ހޮސްޕިޓަލް ތަކުން އާސަންދައިގެ ހިދުމަތް ނުލިބޭތީ އެވެ. އެހެން ނަމަވެސް އާސަންދައިގެ ދަށުން ބޭސް ނުކުރެވޭ ބޭރުގެ ހޮސްޕިޓަލްތަކުން ފަރުވާއެއް ކޮންމެހެން ހޯދަން ޖެހިއްޖެ ނަމަ، އެ ފަރުވާގެ ހަރަދުތައް އެންސްޕާއަށް ސިޓީ ހުށަހެޅުމުން އަންނަނީ ހަމަޖައްސައިދެމުންނެވެ.
ޒާހިލްގެ ފަރުވާއަށް ގާތްގަނޑަކަށް 1.8 މިލިއަން ރުފިޔާ ހޭދަވާނެ ކަމަށް ބެލެވޭ ކަމަށް އާއިލާއިން ވަނީ ބުނެފަ އެވެ. ޒާހިލްގެ އާއިލާއަށް ބޭހަށް ބޭނުންވާ އެހީ ހޯދުމަށް ވަރަށް ގިނަ ހެޔޮ އެދޭ ފަރާތްތަކާއި މަދަނީ ފަރާތްތަކުން ދަނީ ހިލޭ ސާބަހަށް މަސައްކަތް ކުރަމުންނެވެ.