ވިޔަފާރި

ޑަބްލިއުޓީއެމްގައި ގެސްޓްހައުސްތައް އިޝްތިހާރުކޮށްފި

Nov 10, 2016

ލަންޑަންގައި ބޭއްވި، ވޯލްޑް ޓްރެވަލް މާޓް (ޑަބްލިއުޓީއެމް) ގައި ރާއްޖޭގެ ގެސްޓްހައުސްތައް އިޝްތިހާރު ކޮށްފި އެވެ.

ރާއްޖޭގެ ގެސްޓްހައުސްތައް އިޝްތިހާރު ކުރުމަށް ހަރަކާތްތެރިވާ، މޯލްޑިވްސް ގެޓަވޭސް އިން ބުނީ ލަންޑަންގައި މިމަހުގެ 7-9 އަށް ބޭއްވި ޑަބްލިއުޓީއެމް ފެއާގައި ރާއްޖޭގެ ގެސްޓް ހައުސްތައް އިޝްތިހާރު ކުރުމުގެ ގޮތުން ޓްރެވަލް އެޖެންޓުންނާއި ޓުއާ އޮޕަރޭޓަރުންނާ ބައްދަލުކޮށްފައިވާ ކަމަށެވެ.

މޯލްޑިވްސް ގެޓަވޭސް އިން ދަނީ ރާއްޖޭގެ ގެސްޓްހައުސްތައް ޕްރޮމޯޓް ކުރަން ގިނަ ފެއާތަކުގައި ބައިވެރިވަމުންނެވެ. މިގޮތުން ބޭރުގެ ބޮޑެތި ފެއާތައް ކަމަށްވާ އައިޓީބީ ބާލިން އާއި ޑަބްލިއުޓީއެމް ފަދަ ފެއާތަކުގައި ރާއްޖެ އިޝްތިހާރު ކޮށްފައިވެ އެވެ.

ޑަބްލިއުޓީއެމްއަކީ ދުނިޔޭގައި ބާއްވާ އެންމެ ބޮޑު އެއް ޓޫރިޒަމް ފެއާ އެވެ. މިފެއާގައި ބައިލައްކައެއްހާ މީހުން ބައިވެރިވެ އެވެ. މީގެތެރޭގައި ބޮޑެތި ޓޫރިޒަމް ކުންފުނިތަކާއި ޓްރެވަލް ދާއިރާގެ މާހިރުން އަދި ބޮޑެތި ޓުއާ އޮޕަރޭޓަރުން ހިމެނެ އެވެ.