ހަބަރު

ޑީޑޮސް ހަމަލާތަކުން ދިރާގާއި އުރީދޫގެ ހިދުމަތަަށް ބުރޫ އަރަނީ

ޑިސްޓްރިބިއުޓެޑް ޑިނަޔަލް އޮފް ސާވިސް (ޑީޑޮސް) އެޓޭކުތަކުން ދިރާގާއި އުރީދޫގެ ހިދުމަތްތަކަށް ބުރޫ އަރަމުން ދާ ކަމަށާއި އެފަދަ ހަމަލާތަކުން ރައްކާތެރިވުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް އެ ދެ ކުންފުނިން ބުނެފި އެވެ. ޑީޑޮސް އެޓޭކްތަކަކީ އިންޓަނެޓް މެދުވެރިކޮށް ދެވޭ ހިދުމަތްތަކަށް އަމާޒުކޮށް، ޑޭޓާ ޓްރެފިކް އޯވަލޯޑް ކޮށްގެން، ހިދުމަތް ބޭނުން ނުކުރެވޭނެގޮތް ހެދުމަށް ދެވޭ ހަމަލާތަކެވެ.

އެކަމާ ގުޅިގެން ދިރާގާއި އުރީދޫއިން ގުޅިގެން މިއަދު ނެރުން ނޫސްބަޔާނެއްގައި ބުނެފައި ވަނީ ޑީޑޮސްގެ ހަމަލާތައް އެދެކުންފުންޏަށް ވެސް ދެމުން އަންނަ ކަމަށާއި އެ ހަމަލާތަކުން ރައްކާތެރިވުމަށް ދިރާގާއި އުރީދޫއިން މިވަގުތަށް އެޅެން ހުރި ފިޔަވަޅުތަކެއް ވެސް މިހާރު އަޅާފައިވާ ކަމަށެވެ. ނަމަވެސް އިންޓަނެޓް މެދުވެރިކޮށް ދެވޭ ހިދުމަތްތައް ބޭނުންކުރުމުގައި އަދިވެސް ދަތިތަކެއް ދިމާވުމަކީ އެކަށީގެންވާ ކަމަށް އެ ދެ ކުންފުނިން ބުންޏެވެ.

މިދިޔަ ދެތިން ހަފްތާއެއްހާ ދުވަހުގެ ތެރޭގައި އުރީދޫ އާއި ދިރާގުގެ އިންޓަނެޓާއި މޯބައިލްގެ ބައެއް ހިދުމަތްތަކަށް ދޭތެރެ ދޭތެރެއިން އަންނަނީ މެދުކެނޑެމުންނެވެ. އަދި ބޭންކް އޮފް މޯލްޑިވްސްގެ އިންޓަނެޓް ބޭންކިންގެ ހިދުމަތްތަކަށް ވެސް ވަނީ ބުރޫ އަރައިފަ އެވެ.

ދިރާގާއި އުރީދޫ އިން ބުނީ އެ ހަމަލަތަކުން ރައްކާތެރިވުމުގެ ގޮތުން ހިދުމަތް ދިނުމުގައި ބޭނުން ކުރާ ސިސްޓަމްތައް އިތުރަށް ވަރުގަދަ ކުރަމުން އަންނަ ކަމަށެވެ. އަދި އެ ހަމަލާތަކުން ރައްކާތެރިވުމަށް ކަމާބެހޭފަރާތްތަކާ ގުޅިގެން އިތުރު ފިޔަވަޅުތަކެއް އަޅަމުން ކަމަށް ވެސް ދެ ކުންފުނިން ބުންޏެވެ.

"މިފަދަ ވަގުތެއްގައި އަޅުގަނޑުމެންގެ ހިދުމަތް ބޭނުންކުރައްވާ ކަސްޓަމަރުންގެ ކެތްތެރިކަމާއި އެއްބާރުލުން ބޭނުންވެ އެވެ،" ދެ ކުންފުނިން ނެރުނު ބަޔާނުގައިވެ އެވެ.

ޑީޑޮސްގެ ހަމަލާތަކަކީ ދުނިޔޭގެ އެހެންގައުމުތަކުގެވެސް މުއާސަލާތީ ކުންފުނިތަކަށް އަމާޒުވެގެން އަންނަ ހަމަލާތަކެކެވެ. އެގޮތުން މިފަހުން ދެވުނު ޑީޑޮސް ހަމަލަތަކެއްގެ ސަބަބުން ޓްވިޓާ އާއި ދުނިޔޭގެ އެތައް ބަޔަކު ބޭނުން ކުރާ މަޝްހޫރު ވެބްސައިޓްތައް ޑައުންކޮށްލި އެވެ. ދިރާގާއި އުރީދޫ ނޫނަސް ރާއްޖޭގެ އެކި ހިދުމަތްތައް ފޯރުކޮށްދޭ ފަރާތްތަކަށް އަމާޒުކޮށް ބަޔަކު ޑީޑޯސް ހަމަލާތަކެއް ދޭތާ މި ވަނީ މަހެއްހާ ދުވަސްވެފަ އެވެ.