ހަބަރު

ސަރުކާރަށް ކުރާ ތާއީދު އަދާލަތުން ގެންގޮސްފި

Mar 9, 2015
4

އަދާލަތު ޕާޓީން ސަރުކާރަށް ކުރަމުން އައި ތާއީދު އަނބުރާ ގެންދަން އެޕާޓީން މިރޭ ނިންމައިފި އެވެ.

އަދާލަތުގެ މަޝްވަރާ މަޖިލީހުން ނިންމީ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރަށް ރައްޔިތުން ދީފައިވާ އިތުބާރު ނަހަމަ ގޮތުގައި ބޭނުން ހިއްޕަވައި ގާނޫނު އަސާސީގެ ރޫހާ ހިލާފަށް މަސައްކަތްކުރަމުންދާ ކަމަށްބުނެ އެވެ. އެ ނިންމުން އެޕާޓީން ނިންމީ މިރޭ ބޭއްވި އެޕާޓީގެ މަޝްވަރާ މަޖިލީހުގެ ބައްދަލުވުމެއްގައެވެ.

އެ ޕާޓީން ވަނީ މިރޭ ނޫސް ބަޔާނެއް ވެސް އާންމުކޮށްފައެވެ. އެ ބަޔާނުގައި ބުނަނީ މިދިއަ ރިޔާސީ އިންތިހާބުގައި ރައީސް ޔާމީނަށް ތާއީދުކޮށް އިންތިހާބު ކާމިޔާބުކޮށްދޭން މަސައްކަތްކޮށްދިން ނަމަވެސް މިވީ ދުވަސްތަކުގެ ތެރޭގައި ކަރަޕްޝަނާއި ފަސާދައިގެ ކަންކަން ފެތުރިފައިވާ ކަމަށެވެ. އަދި އަދުލު އިންސާފު ގެއްލި، އަނިޔާވެރިކަން އިތުރުވަމުންދާކަމަށެވެ.  އެހެން ކަމުން ގާނޫނުއަސާސީގެ ރޫހާ ހިލާފަށް ސަރުކާރުން ބާރުތައް އެއްކުރާ ކަމަށް ފެންނާތީ ސަރުކާރަށް ކުރި ގެންދިޔައީ ކަމަށެވެ.

މީގެ އިތުރުން ބުނެފައި ވަނީ އެ ގޮތަށް ނިންމި އިރު ސަރުކާރުގެ ތެރޭގައި އެހެން ހުރި ކަންކަން އިސްލާހުވޭތޯ ރަސްމީ އަދި ނުރަސްމީގޮތުން ވެސް މަޝްވަރާ ކުރި ކަމަށާއި އެހުރިހާ މަސައްކަތެއް ފޭލްވި އިރު އިތުރަށް ކުރެވޭނެ ކަމެއް ނެތްކަން ކަށަވަރުވެފައިވާ ކަމަށެވެ.

އަދާލަތުން އިސް ލީޑަރުން ވަނީ ދާދި ފަހުން އެ ޕާޓީގެ ކަންބޮޑުވުންތަކާއެކު ރައީސް އަބްދުﷲ ޔާމީނާ ބައްދަލުކޮށްފައެވެ. އޭގެ ފަހުން އަދާލަތުގެ ރައީސް އިމްރާން އަބްދުﷲ މީޑިއާގައި ދެއްކެވި ބައެއް ވާހަކަތަކާ ގުޅިގެން ސަރުކާރުން ބުނެފައި ވަނީ އަދާލަތުގެ ލީޑަރުންނާއެކު ބޭއްވި ބައްދަލުވުމުގައި ސަރުކާރުން ކުރާ ގާނޫނު އަސާސީ އާއި އިސްލާމް ދީނާ ހިލާފު ވާހަކައެއް ފާހަގަ ކޮށްފައި ނުވާ ކަމަށެވެ. އަދި ފަހުން އިމްރާން ދެއްކެވި ވާހަކަތަކާ ގުޅިގެން ރައީސް އަރިހުގައި އިމްރާން ދެއްކެވި ވާހަކަތައް އާންމުކުރައްވަން ރައީސް ގަސްދު ކުރައްވާ ކަމަށެވެ.

އަދާލަތުން ސަރުކާރަށް ކުރި ތާއީދު އަނބުރާ ގެންދިޔައިރު މި ސަރުކާރުގެ އިސްލާމިކް މިނިސްޓަރު މުހައްމަދު ޝަހީމް އަލީ ސައީދަކީ އަދާލަތުގެ އިސް ލީޑަރުންގެ ތެރޭގައި ހިމެނި ވަޑައިގަންނަވާ ބޭފުޅެކެވެ.