ހަބަރު

ރާއްޖޭގެ ދާހިލީ ކަންކަމަކާ ބޭރުގެ ފަރާތްތަކަކަށް ނުބެހެވޭނެ: ރައީސް

Mar 9, 2015
1

ރާއްޖެ އާއި ދިވެހިން ކަންކަމުގައި ބަސް ބުނެ، ރާއްޖޭގެ ދާހިލީ ކަންކަމާ ބެހެން ބޭރުގެ ފަރާތްތަކަށް ޖާގަ ނުދެއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން ވިދާޅުވެއްޖެ އެވެ.

ރޭ ލެމަން ގްރާސް "ސިޓްރޯން" ގައި ރައީސް ޔާމީންގެ އަނބިކަނބަލުން ފާތުމަތު އިބްރާހިމް ޒުވާނުންނަށް ދެއްވި ފަރިކޮޅެއްގައި ބައިވެރިވެ ވަޑައިގެން ރައީސް ވިދާޅުވީ ދިވެހިން ކަންކުރާ ގޮތާ ބެހޭ ގޮތުން އެކި ގައުމުތަކުން މީހުން އައިސް ބަސްކިޔައި ދާހިލީ ކަންކަމާ ބެހެން ދިވެހިން ބޭނުން ނުވާ ކަމަށެވެ.

"އަޅުގަނޑުމެން ބޭނުމެއް ނުވޭ އަޅުގަނޑުމެން ކުރާ ކަންތަކަށް އެކި ކަންކޮޅުތަކުން ފަރަންޖީން އައިސް ބަސް ކިޔަން އަޅުގަނޑުމެންގެ ކަންކަމާ ބޭރުގެ މީހުންނަކަށް ނުބެހެވޭނެ! އެޖާގައެއް ނުދޭނަން، އެކަން ކުރަން ނޫޅޭ!" ރައީސް ޔާމީން ވިދާޅުވި އެވެ.

އެ މަނިކުފާނު މި މޭރުމުން ވާހަކަފުޅު ދައްކަވާފައިވާ މި ދަނޑިވަޅަކީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ މައްޗަށް ކުރާ ޝަރީއަތާ ގުޅިގެން ބޭރުގެ ބައެއް ފަރާތްތަކުގެ ފާޑުކިޔުންތައް އަމާޒުވެފައިވާ ދަނޑިވަޅެކެވެ.

ރޭގެ ވާހަކަފުޅުގައި މިހާރު މާލޭގައި ކުރަމުންދާ މުޒާހަރާތަކަށް އިޝާރާތް ކުރައްވާ ރައީސް ވިދާޅުވީ މިހާރު މަގުތައް މަތީގައި ކޮންމެ ރެއަކު މުޒާހަރާ ކުރަނީ ހުރަހަކާއި ނުލައި ސަރުކާރުގެ ސިޔާސަތުތައް ތަންފީޒު ކުރަމުން އަންނާޔީ އެކަންކަން  ހަޖަމް ނުކުރެވޭތީ ކަމަށާއި ނަމަވެސް އެކަމާ ގުޅުވައި ސަރުކާރުން މާލޭގެ މަގުމަތި ހަލަބޮލިކޮށް އަމާންކަން ނަގާލަން ޒުވާނުން މަގުމައްޗަށް ނުނެރޭނެ ކަމަށެވެ.

އަދި މުޒާހަރާ ކުރަމުންގެންދާ އިދިކޮޅު ފަރާތްތަކަށް ރައްދު ދެއްވާ ރައީސް ވިދާޅުވީ ރާއްޖޭގެ މަސްލަހަތަށް ލޯބި ކުރާ ނަމަ 2018 އާ ހަމައަށް މަޑުކޮށްލައިގެން ތިބުމަށް އެދި ވަޑައިގަންނަވާ ކަމަށެވެ.

"ގައުމުގެ މަސްލަހަތަށް ލޯބި ކުރަންޏާ 2018 އަންނަންދެން ކެތް ކޮށްލަން ޖެހޭނީ. އިންތިހާބަކުން ރައްޔިތުން ނިންމާނީ ދެން ކާކުތޯ ވެރިކަމަށް އަންނާނީ. އަޅުގަނޑު މީ ކޮންމެހެން 2018 އަކަށް ބޮޑެތި ހުވަފެންތަކެއް މިހާރު ފެންނާނީ ނުނިދިގެން އުޅޭ މީހެއް ނޫން،" ރައީސް ވިދާޅުވިއެވެ.

މީގެ އިތުރުން ރައީސް މިރޭ ވިދާޅުވީ އެ މަނިކުފާނުގެ ސަރުކާރުން ޒުވާނުން ލައްވާ ކުށް ނުކުރުވާނެ ކަމަށާއި ކޯޓަށް ވަދެފައި މައްސަލަތައް ކޯޓުން ބޭރުގައި ނިންމައިދޭން ބައެއް ފަރާތްތަކުން އެދުނު ނަމަވެސް އެކަމެއް ނުވާނެ ކަމަށާއި ޕްސެކިއުޓް ކުރުމަކީ އެމަނިކުފާނު ބެހިވަޑައިގަންނަވާ ކަމެއް ނޫން ކަމަށެވެ.

"ޕީޖީން ކުރިއަށް ގެންދާ ކަމަކަށް އަޅުގަނޑަކަށް ބާރެއް ނުފޯރުވޭނެ. އަޅުގަނޑު ބޭނުމެއް ނުވޭ އަޅުގަނޑުމެންނާ ހެދި ޒުވާނުން ކުށެއްގެ ތެރެއަށް ވަންނާކަށް. އެފަދަ ކަމެއް އަޅުގަނޑު ނުކުރުވާނަން،" ރައީސް ޔާމީން ވިދާޅުވި އެވެ.