ސަރުކާރަށް ތިން އަހަރު ފުރުމުގެ މުނާސަބަތާ ގުޅުވައިގެން އެމްޕީއެލުން މީރުބަހުރު ބަނދަރުގައި އެ ކުންފުނީގެ ކެފޭ އެއް މިރޭ ހުޅުވައިފި އެވެ.
އެމްޕީއެލް ކޯ ކެފޭ ހުޅުވުމަށް މިރޭ ބޭއްވި ރަސްމިއްޔާތެއްގައި ސީއީއޯ މުހައްމަދު ޖުނައިދު ވިދާޅުވީ، އެމްޕީއެލުން މިރޭ މީރުބަހުރު ބަނދަރުގައި ހުޅުވި ކެފޭއަކީ ވިސްނުންތެރި ޕްލޭނެއްގެ ދަށުން ތަރައްގީކޮށްފި ނަމަ ދައުލަތުގެ އާމްދަނީއަށް އެތަކެއް ފައިދާވާނެ ހުސް ބިންތަކެއް އެމްޕީއެލްގެ އިހުތިސޯސުން އެތެރޭގައި ވާތީ، އެ ތަންތަނުގެ ބޭނުން އެންމެ ފުރިހަމަ ގޮތުގައި ހިފުމަށް ހުޅުވި ކެފޭ އެއް ކަމަށެވެ. މީގެ ކުރިން ޒަމާންތަކަަށް ބަނދަރު ސަރަހައްދު އެއްވެސް ބޭނުމެއްނެތް ހުސް ބިމެެއްގެ ގޮތުގައި ބޭކާރަށް ދޫކޮށްލާފައިވާކަން ސީއީއޯ ވަނީ ފާހަގަކުރައްވާފަ އެވެ.
ޖުނައިދު ވިދާޅުވީ މިރޭ އެމްޕީއެލުން ހުޅުވި ކެފޭ އަކީ 100 ޕަސެންޓް ދިވެހި ކެފޭއެއް ކަމަށެވެ. އެމްޕީއެލުން ކުރާ އެފަދަ ކޮންމެ މަސައްކަތެއްގެ މަގްސަދަކީ ދިވެހިންނަށް ހިދުމަތްތައް ތަނަވަސްޗކޮށްދިނުމުގެ އިތުރަށް ވަޒީފާ އިތުރުކޮށްދިނުންކަން ވެސް ޖުނައިދު ފާހަގަކުރެއްވި އެވެ.
"މި ކެފޭ އަށް ބަލައިލިޔަސް މިތަނުގެ ކޭޝިއަރުން ފެށިގެން ކުނިކަހާ މީހާއާ ހަމައަށް ތިބޭނީ ދިވެހިން. މިއީ އަޅުގަނޑުމެން ފަހުރުވެރިވާ ކަމެއް. ދާދި ފަހުން އަޅުގަނޑުމެން ޖޫގޯވެސް ވިއްކަން ފަށައިފިން، ބައެއްގެ ހިތަށް އަރާފާނެ، އެމްޕީއެލުން ޖޫގޯވެސް ވިއްކަން ފެށީހޭ، އަޅުގަނޑު ދަންނަވާނީ އެމްޕީއެލުން މި ކުރާ މަސައްކަތަކީ ބޭކާރުވެފައިވާ ބިންތަކަކުން އެތަކެއް އިގްތިސޯދީ ނަފާ ލިބޭނެ ގޮތް ފަހިކުރުމޭ. މި ކަންކަމުން އުފެދޭ ކޮންމެ ވަޒީފާ އަކީ ދިވެހިންނަށް ދާނެ ވަޒީފާ،" ޖުނައިދު ވިދާޅުވި އެވެ.
ޖުނައިދު ވިދާޅުވީ، މިރޭ ހުޅުވި ކެފޭގެ ސަބަބުން އެ ބަނދަރުގެ ހިދުމަތް ހޯދާ އެތަކެއް ފަރާތަކަށް ފަސޭހަ އާއި ފައިދާ ލިބިގެންދާނެ ކަމަށެވެ.