ހަބަރު

ރާއްޖޭގެ ހުރިހާ އެއާޕޯޓެއްގައި މޫސުން ބަލާ ނިޒާމް ގާއިމްކުރަނީ

  • މަޝްރޫއު ހިންގަނީ ޖަޕާންގެ ހިލޭ އެހީގައި
  • މުޅި މަޝްރޫއަށް 3،57 މިލިއަން ރުފިޔާ
  • މަޝްރޫއު ނިންމަން ތިން މަސްދުވަސް

ރާއްޖޭގެ ޑޮމެސްޓިކް އެއާޕޯޓުތަކުގައި މޫސުން ބަލާ ސިސްޓަމް ހަރުކުރަން މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސްއާ އެކު އެއާޕޯޓްތައް ހިންގާ ކުންފުނިތަކުން މިއަދު ސޮއިކޮށްފި އެވެ.

މިއަދު އެންވަޔަރަމަންޓް މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި މެޓް އޮފީހުގެ ފަރާތުން ސޮއިކުރެއްވީ އެންވަޔަރުމަންޓް މިނިސްޓަރު ތޯރިގް އިބްރާހިމް އެވެ. އެއާޕޯޓްތަކުގެ ފަރާތުން އެ އެއާޕޯޓްތައް ހިންގުމާ ހަވާލުވެގެން ތިއްބެވި އިސްވެރިންނެވެ.

މޫސުމަށް އަންނަ ބަދަލުތައް އޮޓަމެޓިކުން އަޕްޑޭޓްކުރާ "އެއާޕޯޓް ވެދާ އިންފޮމޭޝަން ސިސްޓަމް" (އަވިސް) ރާއްޖޭގެ އެއާޕޯޓްތަކުގައި ހަރުކުރުމަށް ނިންމާފައިވަނީ ޖަޕާން ހިލޭ އެހީގެ ދަށުންނެވެ. އެ މަޝްރޫއަށް ގާތްގަނޑަކަށް 3.57 މިލިއަން ރުފިޔާގެ ސިސްޓަމް ޖަޕާނުން ވަނީ މުޅިން ހިލޭ ރާއްޖެއަށް ހަދިޔާކޮށްފަ އެވެ.

އެންވަރަމަންޓް މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ވާހަކަދައްކަވަމުން މިނިސްޓަރު ތޯރިގް ވިދާޅުވީ، މި ޕްރޮޖެކްޓްގެ ދަށުން އެއާޕޯޓްތަކުގައި ސިސްޓަމްތައް ހަރުކުރުމުން ރާއްޖޭގެ ވަރަށް ބޮޑު ބައެއްގެ މޫސުން ކަވަރުވެގެންދާނެ ކަމަށެވެ. އެއީ މޫސުމާ ބެހޭ އިދާރާއަށާއި މިނިސްޓްރީގެ އެކި ސާވޭތަކަށް ލިބޭނެ ވަރަށް ބޮޑު ކުރިއެރުމެއް ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. މިކަމުގެ ސަބަބުން މޫސުން ލަފާ ކުރުމަށް ވެސް ބޮޑު ކުރިއެރުމެއް ލިބޭ ކަން ވެސް މިނިސްޓަރު ފާހަގަ ކުރެއްވި އެވެ.

މޫސުން ބަލާ ސިސްޓަމްތައް މިހާރުވެސް ރާއްޖޭގެ 26 ސަރަހައްދެއްގައި ހަރުކުރެވިފައިވާކަމަށް އިޝާރާތްކުރައްވަމުން ތޯރިގް ވިދާޅުވީ، ރާއްޖެ ފަދަ ގައުމަކަށް މިހާ ގިނަ ސިސްޓަމްތަކާއެކު ވަރަށް ފުރިހަމަޔަށް މޫސުމާ ބެހޭ ކަންކަން ބެލޭނެ ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ، ރާއްޖޭގެ މޫސުމާ ބެހޭ އިދާރާއަކީ ދުނިޔޭގެ ފެންވަރުގެ ވަސީލަތްތަކާއެކު މަސައްކަތް ކުރާ ތަނަކަށް ހެދުމަށް މަސައްކަތްކުރަމުން ދާ ކަމަށެވެ.

"މެޓް އޮފީހާ މެޓް ސާވިސަސް މިހާރު މިދަނީ އައިއެސްއޯ 9001 ސެޓްފިކޭޝަން މަސައްކަތް ކުރަމުން. މިހާޜު އެ މަސައްކަތް އޮތީ އެންމެ ފަހުގެ މަރުހަލާގައި. އިރާދަކުރެއްވިއްޔާ ވަރަށް އަވަހަށް މި ސެޓްފިކޭޝަން ވެސް ލިބިގެންދާނެ،" ތޯރިގް ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ، ރާއްޖޭގެ މޫސުމާ ބެހޭ ދާއިރާއަށް ދިމާވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ ދާއިރާއަށް އެކަށީގެންވާ އަދަދަށް ތައުލީމީ މީހުން ރާއްޖޭގައި ނެތުން ކަމަށެވެ. އެހެންކަމުން މޫސުމާ ބެހޭ ދާއިރާ އިން މީހުން ބިނާކުރުމަކީ މިވަގުތަށް ވަރަށް ބޭނުންތެރިކަމެއްކަން ތޯރިގް ވަނީ ފާހަގަކުރައްވާފަ އެވެ.

ޖަޕާނުން ރާއްޖެއަށް ހަދިޔާކުރި ސިސްޓަމްތައް ހަރުކުރުމުގެ މަސައްކަތް ކުރުމަށް ނިންމާފައިވަނީ މިނިސްޓްރީ އާއި އެއާޕޯޓްތައް ގުޅިގެންނެވެ. މި ޕްރޮޖެކްޓްގެ ދަށުން އައިއެންއައިއޭގައި އަވިސް ސިސްޓަމެއް މިހާރު ގާއިމްކޮށްފައިވާ އިރު، ކުރިއަށް އޮތް ތިން މަސް ދުވަހުގެ ތެރޭގައި ހުރިހާ އެއާޕޯޓެއްގައި ސިސްޓަމް ހަރުކޮށް ނިންމާނެ ކަމަށް އެންވަޔަރަމަންޓް މިނިސްޓްރީން ވަނީ ބުނެފަ އެވެ.