ހައުސިން ޔުނިޓް

އައިޖީއެމްއެޗްގެ 20 މުވައްޒަފަކަށް ފްލެޓް ދީފި

ސަރުކާރުގެ މައި ހޮސްޕިޓަލް، އައިޖީއެމްއެޗްގައި މަސައްކަތް ކުރައްވާ 10 ޑޮކްޓަރަކަށާއި 10 ނަރުހަކަށް ސަރުކާރުން ފްލެޓް ދީފި އެވެ. އެ ފަރާތްތަކަށް ފެލްޓް ދީފައިވަނީ ރޭ އައިޖީއެމްއެޗްގެ އާ ހިދުމަތްތައް އިފްތިތާހު ކުރުމަށް ބޭއްވި ރަސްމިއްޔާތުގަ އެވެ.

އައިޖީއެމްއެޗުގެ އޯކިޑު މާލަމުގައި ރޭ ބޭއްވި ރަސްމިއްޔާތުގައި އެ ހޮސްޕިޓަލުގެ 20 މުވައްޒަފަކަށް ފްލެޓް ދީފައިވަނީ އައިޖީއެމްއެޗަށް ގިނަ ދުވަހު ހިދުމަތް ކުރުމުން ދޭ ލައިފްޓައިމް އެޗީވްމަންޓް އެވޯޑު ހާސިލްކުރި ފަރާތްތަކަށް ދޭ އިނާމެއްގެ ގޮތުންނެވެ. އޭގެތެރޭގައި ހޮސްޕިޓަލުގައި މަސައްކަތްކުރައްވާ ސީނީއާ ޑޮކްޓަރުންނާއި ނަރުހުން ވެސް ހިމެނެ އެވެ.

ވިހި މުވައްޒަފަކަށް ފްލެޓް ދިން ނަމަވެސް، ރާއްޖޭގެ ސިއްހީ ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކަށް ސަރުކާރުގެ ބޯހިޔާވަހިކަމުގެ ޕްރޮގްރާމުގެ ދަށުން ފަސޭހައިން ފްލެޓް ލިބޭނެ އިންތިޒާމް ހަމަޖައްސަވައިދެއްވާނެ ކަމަށް ރޭގެ ރަސްމިއްޔާތުގައި ރައީސް އަބްދުﷲ ޔާމީން ވަނީ ވިދާޅުވެފަ އެވެ. އެމަނިކުފާނު ވިދާޅުވީ، ހުޅުމާލޭގައި ސަރުކާރުގެ މުވައްޒަފުންނަށް އަމާޒުކޮށްގެން އިމާރާތްކުރުމަށް ނިންމާފައިވާ 2500 ފްލެޓްގެ ބޮޑު ބައެއް ހާއްސަ ކުރާނީ ސިއްހީ ދާއިރާގެ މުވައްޒަފުންނަށް ކަމަށެވެ.

އައިޖީއެމްއެޗުން ބުނީ، ފްލެޓް ލިބުނު މުވައްޒަފުން ކަނޑައެޅީ އައިޖީއެމްއެޗުގައި އޮންނަ އާންމު އުސޫލުން ބަލަންޖެހޭ ކަންކަން ބެލުމަށްފަހު އެންމެ މަތިން މާރކްސް ލިބުނު ފަރާތްތަކަށް ކަމަށެވެ.