ހަބަރު

ހިޔާނާތްވި ބާގިރަށް އިތުރު ތިން އަހަރުގެ ހުކުމެއް

އުމްރާއަށް ގެންގޮސްދޭނެ ކަމަށް ބުނެ ގިނަ ބަޔަކަށް އޮޅުވާލައިގެން ފައިސާ ހޯދި މައްސަލާގައި ހައްޔަރުކޮށްފައިވާ އެސްބީޓީ ހައްޖު އުމުރާ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑްގެ ވެރިޔާ އަބްދުﷲ ބާގިރު އަހުމަދުގެ މައްޗަށް އިތުރު ދައުވާއެއް ސާބިތުވެ، ތިން އަހަރާއި ދެ މަހާއި 12 ދުވަހަށް ޖަލަށްލުމަށް ހުކުމްކޮށްފި އެވެ. އޭނާގެ މައްޗަށް ސާބިތުވީ ދައުލަތުން އުފުލި ހިޔާނާތުގެ ދައުވާ އެވެ.

ހިޔާނާތުގެ ދައުވާ ބާގިރަށް ކޮށްފައިވަނީ 1434 ވަނަ އަހަރުގެ ރޯދަ މަހު އުމްރާއަށް ގެންގޮސްދޭނެ ކަމަށް ބުނެ އައްޑޫ ސިޓީ ހިތަދޫއަށް ނިސްބަތްވާ 13 މީހެއްގެ އަތުން ފައިސާ ނަގައި އެ ފައިސާތަކަށް ހިޔާނާތްތެރިވި މައްސަލާގަ އެވެ.

މިދިޔަ ބުރާސްފަތި ދުވަހު ކުރިމިނަލް ކޯޓުން ކުރި ހުކުމުގައިވާ ގޮތުން ފައިސާތަކަށް ބާގިރު ހިޔާނާތްތެރިވިކަން ދައުލަތުން ހުށަހެޅި ހެއްކާއި ގަރީނާތަކުން އަދި ބާގިރު ދައްކާފައިވާ ވާހަކަތަކުން އެއްވެސް ޝައްކެއް ނެތް މިންވަރަށް ޝަރީއަތަށް ސާބިތުވާ ކަމަށެވެ. ބާގިރު ހިޔާނާތްވެފައިވަނީ 490،000 ރުފިޔާއަށްވުރެ ގިނަ ރުފިޔާއަށެވެ.

ހުކުމުގައިވާ ގޮތުން މި މައްސަލާގައި ގެއްލުންވި ފަރާތްތަކަށް ބާގިރާ ދެކޮޅަށް ވަކިން މަދަނީ ދައުވާކުރުމުގެ ފުރުސަތު އޮންނާނެ އެވެ.

މި މައްސަލާގައި ބާގިރަށް ކުށް ސާބިތުވި ނަމަވެސް އިތުރު ދެ ދައުވާއަކުން އޭނާ ސަލާމަތްވެފައިވެ އެވެ. އެއީ ވެސް ހިޔާނާތުގެ ދެ ދައުވާއެކެވެ. އޭގެ ތެރެއިން އެއް ދައުވާ ސާބިތުނުވިއިރު އަނެއް ދައުވާއިން ސަލާމަތްވީ އެ ދައުވާ ސާބިތުވި ނަމަވެސް އުމްރާ އަށް ގެންގޮސް ނުދިން މައްސަލައިގައި އޭނާ އަށް ޖަލު ހުކުމް އިއްވާފައިވާތީ އިތުރު އަދަބެއް އޭނާ އަށް ދެވެން ނެތީމަ އެވެ.

ބާގިރު މައްޗަށް މިދިޔަ އޭޕްރީލް މަހު ވެސް ޖަލު ހުކުމްކޮށްފައިވެ އެވެ. އެއީ ހައްޖަށް ގެންގޮސްދޭނެ ކަމަށް ބުނެ ހިޔާނާތްތެރިވި މައްސަލާގަ އެވެ. އެ މައްސަލާގައި އޭނާއަށް އިއްވީ އެއް އަހަރާއި ހަތް މަހަށް ޖަލު ހުކުމެކެވެ.