ވިޔަފާރި

ގޯލްޑް ޕާޓްނާ އެސްޓީއޯ: ދިވެހިންގެ ބެލެނިވެރިޔާ!

Dec 8, 2016
1

އެސްޓީއޯއަކީ ދިވެހިންގެ ބެލެނިވެރިޔާއޭ ނުބުނެވޭ ހެއްޔެވެ؟ މި ސުވާލަށް ޖަވާބު ދޭނީ ކުޑަ މިސާލަކުންނެވެ. މިކަމަށް އެންމެ އައުލާކަން ބޮޑު މިސާލަކީ ރޯދަ މަހެވެ. ކޮންމެ އަހަރެއްގެ ރޯދަ މަހަކީ މުދަލުގެ އަގުތައް އިންތިހާއަށް މަތިވާ ދުވަސް ވަރެވެ. މި ދުވަސްވަރާ ދިމާކޮށް އެ ކުންފުނިން ބާޒާރު ހަމައަކަށް އަޅުވަ އެވެ. ބާޒާރުގައި އެންމެ މަތިވެގެންދާ ބާވަތްތައް ގެނެސް ބާޒާރަށް އޮއްސާލަނީ އެވެ. މި ސަބަބާހުރެ އެ ކުންފުންޏަކީ ދިވެހިންގެ ބެލެނިވެރިޔާ އޭ ނުބުނެވޭ ހެއްޔެވެ؟

"އެސްޓީއޯ އަބަދު ވެސް ސާބިތުވެ ތިބޭނީ ދިވެހިންނަށް ހިދުމަތް ކުރުމުގައި. އަޅުގަނޑުމެންގެ މަގުތައް ހުންނާނީ ބޮޑު ފައިދާއެއް ނެގުމުގެ ބަލަދުގައި ހެޔޮ އަގުގައި ވިއްކައިގެން ރައްޔިތުން ބޭނުންވާ ސާމާނު ފޯރުކޮށް ދިނުމަށް،" އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަހީރު ވިދާޅުވި އެވެ.

އެސްޓީއޯ އިން މި އަޒުމުގައި ވިޔަފާރިކުރާތާ ބައި ގަރުނު ވެއްޖެ އެވެ. އެންމެ ފުރަތަމަ ބޮޑު އިސްޓޯރުގެ ނަމުގައި ވުޖޫދަށް އައި އެސްޓީއޯގެ 50 އަހަރުވީ ތާރީހުގައި ގިނަ ކާމިޔާބީ ތަކެއް ހޯދާފައިވެ އެވެ. ނަމަވެސް މި ކާމިޔާބީތައް ވޭތުވެދިޔަ ތިން އަހަރު ތެރޭގައި މިވަނީ ފަށް ފަށުން، އިތުރުވެ އިތުރު ފުރިހަމަ ކަމެއް ހޯދާފަ އެވެ. މިގޮތުން އެ ކުންފުނިން އަމިއްލައަށް ދުނިޔޭގެ 36 ބްރޭންޑެއްގެ އުފެއްދުން ރާއްޖެ ގެނެސް ދަނީ ވިއްކަމުންނެވެ.

އެސްޓީއޯގެ އެމްޑީ ޝަހީރު ވިދާޅުވީ އެސްޓީއޯ އާއި އެސްޓީއޯގެ ސަބްސިޑިއަރީ ކުންފުނިތަކުން އަބަދު ވެސް މަސައްކަތް ކުރަމުން ދަނީ ރައްޔިތުންނަށް ލުއި ފަސޭހަކޮށް ހިދުމަތް ފޯރުކޮށްދިނުމަށް ކަމަށެވެ.

"އެސްޓީއޯ އިން އެތެރެކުރާ ކޮންސްޓްރަކްޝަން މެޓީރިއަލްސް އެތައް ގުނައަކަށް އަގުހެޔޮ ކުރެވި، އެސްޓީއޯ ސުޕަރމާޓުގައި ވިއްކާ މުދަލަކީ 60 އިންސައްތަ ލޯކަލީ ގަނެގެން ވިއްކާ މުދަލަށް ހެދިފައި،" ޝަހީރު ވިދާޅުވި އެވެ.

މީގެ އިތުރުން އެ ކުންފުނިން ހޯދާފައިވާ އެންމެ ބޮޑު އަނެއް ކާމިޔާބީއަކީ ސިއްހީ ދާއިރާއަށް ގެނެސްދީފައިވާ ބޮޑު ބަދަލެވެ. ރާއްޖޭގައި މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައި ބޭސް ފިހާރައެއް ހުޅުވައި، އާސަންދައިގެ ހިދުމަތް ދިނުމެވެ.

"މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައި ފާމަސީއެއް ހުޅުވަން ސަރުކާރުން ހަވާލުކުރި މުއްދަތަށްވުރެ އަވަހަށް އެސްޓީއޯ އިން މިމަޝްރޫއުގެ މަސައްކަތް ނިންމައި ހުރިހާ ރަށެއްގައި ފާމަސީ ހުޅުން މިއީ ބޮޑު ކާމިޔާބީއެއް،" ޝަހީރު ވިދާޅުވި އެވެ.

އެސްޓީއޯގެ ކާމިޔާބީ ތަކާއެކު، ކުރިއަށް އޮތް އަހަރުވެސް އެ ކުންފުނިން ތިބީ ހަމަ މިގޮތުގަ އެވެ. ދިވެހިންގެ ބެލެނިވެރި ކުންފުނީގެ ގޮތުގައި ދެމިތިބުމުގެ އަޒުމުގަ އެވެ.