އެސްޓީއޯ

އިންޑިއާ އިން ފިޔާ ލިބުމުގައި ދައްޗެއް ނެތް: އެސްޓީއޯ

އިންޑިއާއިން ރާއްޖެއަށް ފިޔާ ލިބުމުގައި ދައްޗެއް ނެތް ކަމުގައި އެސްޓީއޯއިން ބުނެފި އެވެ.

އެސްޓީއޯ އިން މިހެން ބުނެފައި މިވަނީ އިންޑިއާއިން ފިޔާ އެކްސްޕޯޓް ކުރަން ހުއްދަ ދިން ގައުމުގެ ތަކުގެ ލިސްޓް އަޕްޑޭޓް ކުރިއިރު އެ ލިސްޓްގައި ރާއްޖެ ހިމަނާފައި ނުވާތީ ފިޔާ ލިބުން ދަތިވެދާނެ ކަމުގެ ކަންބޮޑުވުން އާންމުންގެ މެދުގައި އުފެދިފައި ވަނިކޮށެވެ.

އިންޑިއާއިން ފިޔާ އެކްސްޕޯޓްކުރުން މަނާކުރީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގަ އެވެ.

އެގޮތުން މިއަހަރުގެ މާޗްމަހާ ހަމައަށް އެގައުމުން ފިޔާ އެކްސްޕޯޓްކުރުން ވަނީ މަނާކޮށްފަ އެވެ.

މިގޮތަށް ނިންމި ނަމަވެސް އިންޑިއާގެ ކަމާބެހޭ ވުޒާރާތަކުގެ ލަފާއާއެކު ބައެއް ގައުމުތަކަށް ހާއްސަ ހުއްދައެއްގެ ދަށުން ފިޔާ އެކްސްޕޯޓްކުރެ އެވެ.

އެސްޓީއޯ އިން މިއަދު ބުނީ އިންޑިއާއިން ފިޔާ ލިބުމުގައި އެއްވެސް ދަތިކަމެއް ނެތް ކަމަށާއި ކުރިއެކޭވެސް އެއްގޮތަށް އެސްޓީއޯ އިން "ސްޓޭބަލް ސަޕްލައި"އެއްގައި ފިޔާ ފޯރުކޮށްދެމުންދާނެ ކަމަށެވެ.

އެސްޓީއޯ އިން ބުނީ ފާއިތުވި ދެމަހު ބާޒާރުގެ އަގުތަކަށް ބަލާއިރު ރާއްޖޭގެ ބާޒާރުގައި ފިޔާގެ އަގު ދަށަށްދާ ކަންވެސް ފާހަގަކުރެވިފައިވާ ކަމަށެވެ.

ކުރިއަށް އޮތް ރަމަޟާން މަހު އަސާސީ ކާބޯތަކެތި ލިބުމުގައި ދަތިކަމެއް ކުރިމަތިވިޔަ ނުދިނުމަށް އެސްޓީއޯ އިން ފުރިހަމައަށް ތައްޔާރުވެފައިވާ ކަމަށްވެސް އެ ކުންފުނިން ބުނެފައިވެ އެވެ.