ހަބަރު

"އިންސާނީ ހައްގުތަކުގެ ދާއިރާ އިން ހެޔޮ ބަދަލު އެބަ ފެނޭ"

  • އިންސާނީ ހައްގުތައް ކުރިއަރުވަން ކުރާ މަސައްކަތް ކާމިޔާބު
  • މުޖުތަމައުގެ ތެރެއިން ހެޔޮ ބަދަލުތައް ފެނޭ
  • ބިދޭސީންނާ މެދު ހިންގާ އަމަލުތައް ހުއްޓާލަން ގޮވާލި

އިންސާނީ ހައްގުތަށް ހިމާޔަތްކުރަން ރާއްޖޭގައި އެކި ފަރާތްތަކުން ގައުމީ އަދި ދުނިޔޭގެ ފެންވަރުގައި ކުރާ މަސައްކަތްތައް ކާމިޔާބު ކަމަށާއި އޭގެ ސަބަބުން މުޖުތަމައަށް ހެޔޮ ބަދަލު އަންނަމުންދާ ކަމަށް ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރްސީއެމް) ގެ ރައީސާ އާމިނަތު އީނާސް ވިދާޅުވެއްޖެ އެވެ.

މިއަދު ފާހަގަކުރަމުންދާ ދުނިޔޭގެ އިންސާނީ ހައްގުތައް ރައްކާތެރިކުރުމާ ބެހޭ ދުވަހުގެ މުނާސަބަތުގައި އެޗްއާރްސީއެމުން މިއަދު ބޭއްވި ޖަލްސާގައި އީނާސް ވިދާޅުވީ، ހައްގުތައް ހިމާޔަތްކުރުމަށް އެކި ފަރާތްތަކުން ކުރާ މަސައްކަތްތަކުން ހެޔޮ ބަދަލު އަންނަމުން ދާ ކަމަށެވެ. ނަމަވެސް އެ ބަދަލުތައް އަންނަ މިންވަރު އިތުރުކުރުމަށް މުޖުތަމައުގައި އެކަހެރިވެފައިވާ އެކި ފަރާތްތަކަށް އިތުރަށް އަޅާލައި އެ ފަރާތްތަކުގެ ހައްގަށް ފަރުދީ ފެންވަރުގައި ވެސް ތެދުވެ މަސައްކަތް ކުރަންޖެހޭ ކަމަށް އީނާސް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި އުމުރުން ދުވަސްވީ މީހުންނާ މެދު ކުރެވޭ އަނިޔާތަކާއި ރާއްޖޭގައި މަސައްކަތް ކުރާ ބިދޭސީންނާ މެދު އަމަލު ކުރެވޭ ގޮތްތަކާ މެދު މިހާރަށް ވުރެ ބޮޑަށް މުޖުތަމައު ހޭލުންތެރިވާން ޖެހޭ ކަމަށެވެ. އަދި ހައްގުތަކާ އެކު އެކަކު އަނެކަކަށް އިހުތިރާމް ކުރުމުގެ ރޫހު ވެސް މުޖުތަމައުގައި ގާއިމް ކުރަން ޖެހޭ ކަމަށް އެކަމަނާ ވިދާޅުވި އެވެ. އީނާސް ވިދާޅުވި ގޮތުގައި މި ހުރިހާ ކަމެއް ފުރިހަަމަ ވުމަކީ ހައްގުތައް ކަށަވަރު ކުރުމަށް ކޮންމެހެން ވެސް މުހިންމު ކަމެކެވެ.

"އެގޮތުން ދިރިއުޅޭ ގޭގޭގެ ވެށިންނާއި މުޖުތަމައުގެ ތެރެއިން އަންހެނުންނާއި ފިރިހެނުންނާއި ކުޑަކުދިންނާ ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކާއި އުމުރުން ދުވަސްވީ މީހުންނަށް ކުރިމަތިވަމުންދާ ނަފްސާނީ ޖިސްމާނީ އަދި ޖިންސީ އަނިޔާތަކާއި ދައުލަތުގެ ބެލުމުގެ ދަށުގައި އަދި ބަންދުގައި ތިބޭ ފަރާތްތަކުގެ މެދުގައި ހިނގާ ލާއިންސާނީ އަނިޔާތަކާއި ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީންނަށް ލިބެންޖެހޭ އުޖޫރައާއި، އަދި އެހެނިހެން ވަސީލަތްތައް ނުލިބުމުގެ މައްސަލަތަކާއި އެކަކު އަނެކަކަށް އިހުތިރާމް ނުކުރުމުގެ ސަބަބުން ދިމާވާ މައްސަލަތައް އަދިވެސް ވަރަސް ބޮޑަށް ވާކަން ފާހަގަކުރަން،" އީނާސް ވިދާޅުވި އެވެ. އެހެން ނަމަވެސް ޖުމްލަ ގޮތެއްގައި ރާއްޖޭގެ އިންސާނީ ހައްގުތަކުގެ ހާލަތު ގޯސް ނޫންކަން އެކަމަނާ ފާހަގަ ކުރެއްވި އެވެ. އަދި ކަންބޮޑުވާން ޖެހޭ ދަރަޖައަކަށް ރާއްޖޭގެ އިންސާނީ ހައްގުތަކުގެ ހާލަތު ދަށަށް ގޮސްފައި ނެތް ކަން އެކަމަނާ ފާހަގަ ކުރެއްވި އެވެ.

އެކަމަނާ އެހެން ވިދާޅުވި ނަމަވެސް، ބޭރުގެ ޖަމްއިއްޔާތަކުން ވަނީ ރާއްޖޭގައި ހިޔާލުފާޅު ކުރުމުގެ މިނިވަންކަމާއި އިންސާނީ ބައެއް ހައްގުތައް ހަނިވަމުން ދާ ކަމަށް ބުނެ ކަންބޮޑުވުން ފާޅު ކުރަމުންނެވެ. އެހެން ނަމަވެސް ސަރުކާރުން ވެސް ބުނަމުން އަންނަނީ، ބޭރުގެ ފަރާތްތަކުން އެގޮތަށް ވާހަކަ ދައްކަނީ އިދިކޮޅު ފަރާތްތަކުން ރާއްޖެއާ މެދު ނުބައި ތަސައްވުރެ ބޭރުގެ ފަރާތްތަކަށް ވިސްނައިދޭތީ ކަމަށެވެ. އަދި އިންސާނީ ހައްގުތައް ހިމާޔަތް ކުރުމުގައި އދ ހިއުމަންރައިޓްސް ކޮމިޝަންގެ ތެރެއިން މަސައްކަތް ކުރާކަން ރާއްޖެއިން ފާހަގަ ކުރެ އެވެ.

އީނާސް ވިދާޅުވީ، މުޖުތަމައުގެ ތެރޭގައި ލޯތްބާއި އަޅާލުމާއި ކުލުނު ނެތުމުގެ ސަބަބުން ދިމާވާ އެކި ވަރުގެ މައްސަލަތައް މަދުކުރެވިއްޖެ ނަމަ މުޖުތަމައުގެ ތެރޭގައި ހިނގާ ބޮޑެތި އެހެން މައްސަލަތަކަށް ވެސް ހައްލެއް ލިބޭނެ ކަމަށެވެ. އެހެންކަމުން މިއަހަރުގެ އިންސާނީ ހައްގުތަކުގެ ދުވަހުގެ ޝިއާރާ އެއްގޮތަށް، އެއް ރޫހެއްގައި އެހެން މީހުންގެ ހައްގުތައް ހިމާޔަތްކުރުމަށް ތެދުވުމަށް ވެސް އީނާސްގެ ވާހަކަފުޅުގައި ވަނީ ގޮވާލައްވާފަ އެވެ.

މިއަހަރުގެ މިދުވަހުގެ ޝިއާރެއްގެ ގޮތުގައި ކަނޑައަޅާފައިވަނީ "އަނެކާގެ ހައްގު ހޯދަން ތެދުވަމާ" މި އެވެ. މިއަދުގެ ޖަލްސާގައި ވަނީ، "އުފަންވެނި ސިއްހަތާއި ޖިންސީ ދުޅަހެޔޮކަމާ ބެހޭ މައުލޫމާތު ލިބިގަތުމުގެ ހައްގު" ގެ ނަމުގައި އެޗްއާރްސީއެމުން ތައްޔާރުކޮށްފައިވާ ދިރާސާއެއް ނެރެފަ އެވެ. އަދި މިއަދުގެ ޝިއާރާ ގުޅިގެން ސޯޝަލް މީޑިއާ ކެމްޕެއިނެއް ވެސް ވަނީ ލޯންޗުކޮށްފަ އެވެ.

*އެޑިޓަރުގެ ނޯޓް: މިހަބަރު އެންމެ ފުރަތަމަ ރިޕޯޓް ކުރި އިރު ރާއްޖޭގެ އިންސާނީ ހައްގުތަކުގެ ހާލަތާ މެދު އެޗްއާރުސީއެމްގެ ކަންބޮޑުވުމެއް ނެތް ކަމަށް ލިޔެވުނީ އޮޅުމަކުންނެވެ. އެ ކުށް މިހާރު ވަނީ އިސްލާހު ކުރެވިފަ އެވެ. އެކަމަށް ޓަކައި މި ނޫހުގެ ކިޔުންތެރިންނާއި އެޗްއާރުސީއެމް އަދި އެ ކޮމިޝަންގެ ރައީސާ އައިމިނަތު އީނާސްގެ ކިބައިން ނިހާޔަތަށް މާފަށް އެދެމެވެ.