ވިޔަފާރި

ބީއެމްއެލްގައި ގިނަ ދުވަސްވީ މުވައްޒަފުންނަށް އެވޯޑް ދީފި

Dec 8, 2016

ގައުމީ ބޭންކް، ބީއެމްއެލްގައި މެދުކެނޑުމެއްނެތި، ގިނަ ދުވަސް ވަންދެން ހިދުމަތް ކޮށް މިހާރު ވެސް ހިދުމަތުގައި ދެމި ތިބި މުވައްޒަފުންނަށް އަގު ވަޒަން ކުރުމުގެ ގޮތުން، 'ލޯންގް ސާވިސް އެވޯޑް" ދީފި އެވެ.

މިރޭ ބީއެމްއެލްގައި ބޭއްވި ރަސްމިއްޔާތެއްގައި މިއަހަރު އެ އެވޯޑް ލިބިފައިވާ 31 މުވައްޒަފުންނަށް އެވޯޑް ހަވާލުކޮށްދެއްވީ ބޭންކްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އެންޑްރޫ ޖޭ ހީލީ އެވެ. ބީއެމްއެލްގެ ލޯންގް ސާވިސް އެވޯޑް ދެނީ، 15،20،25 އަދި 30 އަހަރު ދުވަހު ބޭންކްގައި ހިދުމަތް ކޮށްފައިވާ މުވައްޒަފުންނަށެވެ.

އެ ހަފްލާގައި ބީއެމްއެލްގެ ސީއީއޯ، އެންޑްރޫ ވިދާޅުވީ ބީއެމްއެލްގެ ލޭނާރަކީ ބޭންކްގެ މުވައްޒަފުން ކަމަށެވެ. އަދި އިހުލާސްތެރި މަސައްކަތަށް ފަރުވާ ބަހައްޓާ މުވައްޒަފުންނާ ނުލައި ބޭންކުން މިހާރު ހޯދާ ކުރި އެރުންތައް ނުހޯދޭނެ ކަމަށް ސީއީއޯ ވިދާޅުވި އެވެ. އޭނާ ވަނީ ގިނަ ދުވަހު ހިދުމަތް ކުރި މުވައްޒަފުން ބޭންކްގެ ހިދުމަތުގައި ކޮށްދެއްވާ އަގުހުރި މަސައްކަތްތަކަށް ޝުކުރު އަދާ ކުރައްވައިފަ އެވެ.

"ބޭންކްގެ މިހާ ގިނަ ދުވަހު އިހުލާސްތެރި މަސައްކަތް ކުރެއްވި މުވައްޒަފުންގެ އަގު ވަޒަންކޮށް މިފަދަ އެވޯޑެއް ހަވާލު ކުރެވޭތީ އަޅުގަނޑު އެ މުވައްޒަފުންނާ މެދު ފަހުރުވެރިވަން،" އަންޑްރޫ ވިދާޅުވި އެވެ.

"ލޯންގް ސާވިސް އެވޯޑް" ދޭން ފަށާފައި ވަނީ މިދިޔަ އަހަރުން ފެށިގެން އެވެ. އަދި ކޮންމެ އަހަރަކު ވެސް އެ އެވޯޑް ލިބޭ މުވައްޒަފުންގެ ޝަރަފުގައި ހަފްލާއެއް ބޭއްވުމަށް ބޭންކުން ވަނީ ނިންމައިފަ އެވެ.