ހަބަރު

ފްލެޓްތަކުގެ ހުސްބިންތައް ސާފުކުރާތީ ކަންބޮޑުވެއްޖެ

ހުޅުމާލެ ފުރަތަމަ ފިޔަވަހީގައި އަޅާފައިވާ ބައެއް ފްލެޓްތަކުގައި ހުރި ހުސްބިންތަކުގައި އަމިއްލަ ފަރާތްތަކުން ހަދާފައިވާ ތަންތަން ނަގަން ހައުސިން ޑިވޮލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން އިއްޔެ މަސައްކަތް ފެށުމާ އެކު އެ ފްލެޓްތަކުގައި ދިރިއުޅޭ މީހުން ކަންބޮޑުވުން ފާޅުކޮށްފި އެވެ.

ފްލެޓްތަކުގެ އެންމެ ތިރީގައި ދިރިއުޅޭ ފަރާތްތަކުން އެ ސަރަހައްދުގައި ހުންނަ ހުސްބިމުގައި ހަދާފައި ހުރި އިމާރާތަށް ނަގައި އެ ބިންތައް ހުސްކުރުމަށް އެޗްޑީސީ އިން ދިން 60 ދުވަހުގެ ނޯޓިސް ވަނީ މިދިޔަ އާދިއްތަ ދުވަހު ހަމަވެފަ އެވެ.

ފްލެޓްތަކުގައި ދިރިއުޅޭ މީހަކު ބުނި ގޮތުގައި ބައެއް އިމާރާތްތައް ހަދާފައި ވަނީ، ވެސް މީގެ ކުރިން އެޗްޑީސީ އިން ދިން ހުއްދައެއްގެ ދަށުން ކަމަށެވެ. މީގެ ކުރިން އެކަމަށް ހުއްދަ ދިނުމަށް ފަހު، ހުއްދަ މިހާރު ބާތިލް ކުރުމަކީ ދެކޮޅު ހަމަނުޖެހޭ އުސޫލެއް ކަމަށް އޭނާ ބުންޏެވެ. އަދި އެކަމުގެ ސަބަބުން އެ ފަރާތްތަކަށް ބޮޑެތި ގެއްލުންތައް ވާ ކަމަށް ވެސް އޭނާ ބުންޏެވެ. އަދި އެކި ފަހަރު އެކި ގޮތަށް އަމަލު ކުރަން ޖެހުމުން ބޮޑެތި ގެއްލުންތަކާ ކުރިމަތިވާ ކަމަށް ވެސް އެ މީހުން ބުންޏެވެ.

"އިއްޔެ މަސައްކަތް ފަށައިގަތީ އަޅުގަނޑުމެންގެ ގެއިން. އަޅުގަނޑުމެންނަށް އެޗްޑީސީން އެންގި، ވާހަކަވެސް ދެއްކި އެކަން ކުރާނެ ގޮތަކާ ގުޅޭ ގޮތުން. އެކަމަކު ފްލެޓް ވަށައިގެން ހުރި ފާރު ތަޅާލަންޖެހޭ ވާހަކައެއް ނުބުނޭ. އެއީ އެ ފާރަކީ އެޗްޑީސީން ރާނާފައިވާ ފާރެއް. ނޯޓިސް އެއް ނެތި އެތަން ތަޅާލާތީ ފާރުން އެތެރޭގައި ހުރި ތަކެއްޗަށް ގެއްލުން ވި. އަޅުގަނޑުމެން އަމިއްލަޔަށް އެތާނގައި ހަދާފައިވަނީ ކުޑަދޮރުން ފެން ވިއްސާތީ ކުޑަދޮރު މަތި ނިވާވާގޮތަށް ޖަހާފައި ހުރި ޓިނުގަނޑެއް. އެކަން ކުރީ އެޗްޑީސީއަށް އެނގިގެން. އެކަމަކު އެތަނުގަ ގަސް ވެސް ހުރި. ދެން ހުރީ ޓޭންކެއް،" މައްސަލަ ހުރި ފްލެޓެއްގެ މީހަކު ބުންޏެވެ.

އޭނާ ބުނީ، ގޯސްކޮށް ހުރި ކަމެއް ރަނގަޅުކުރަން ދެކޮޅު ނުހަދާ ކަމަށެވެ. ނަމަވެސް އެޗްޑީސީ އިން ދިން ނޯޓިސްގައި ވަރަށް ގިނަ ކަންކަން ސާފުނުވާ ކަމަށް ވެސް އޭނާ ބުންޏެވެ. ފްލެޓްތަކުގެ ތިރީ ހުސް ޖާގަ ހުސްކުރަން އެޗްޑީސީން ފޮނުވި ސިޓީގައި ވަނީ ގަވާއިދާ ހިލާފަށް ހުރި ކަންކަން ތަފްސީލުކޮށްފަ އެވެ. އަދި އެ ހުސް ޖާގާގައި އެއްވެސް ތަނެއް ނެހެދޭނެ ކަމާއި އެތަން ބަންދުވާ ގޮތަށް އެއްޗިހި ބެހެއްޓުމަކީ މަނާކަމެއް ކަމަށް ބުނެފައިވެ އެވެ. އެ ނޫން ގޮތަކަށް ހުރި ތަންތަން ނެގުމަށް އޮތީ އަންގައިފަ އެވެ.

މި މައްސަލާގައި އެޗްޑީސީގެ މެނޭޖިން ޑިރެކްޓާ މުހައްމަދު ސައިމަން ވިދާޅުވީ، އެއްވެސް ހުސް ޖާގައެއް ހިޔާކުރަން އެޗްޑީސީން ހުއްދަ ދީފައި ނުވާނެ ކަމަށެވެ. ނަމަވެސް ދެ މީޓަރުގެ ވަށާ ފާރެއް ރާނަން ބައެއް ފަރާތްތަކަށް ހުއްދަ ދިން ކަމަށާއި، ނަމަވެސް އެ ފާރުން އެތެރޭގައި ގަސް އިންދައި ތަންތަން ހަދަން ހުއްދަ ނުދޭ ކަމަށެވެ. ނަމަވެސް ބައެއް ފަރާތްތަކުން އެ ހުސްޖާގަ ބައްދާފައި ވާތީ މުއްދަތެއް ދިނީ އެފަރާތްތަކަށް ގެއްލުމެއް ނުދީ އެކަންކަން ރަނގަޅު ކުރުމަށް ފުރުސަތެއް ދިނުމަށް ކަމަށެވެ.

"މި ފަރާތްތަކަށް ދެ މަސްދުވަހުގެ މުއްދަތެއް އަޅުގަނޑުމެން ދިނިން ކަންކަން ރަނގަޅު ކުރަން، އެ މުއްދަތުގެ ތެރޭގައި ރަނގަޅު ނުކުރެވުމަކީ އެޗްޑީސީގެ މައްސަލައެއް ނޫން. މިކަން މި ކުރަނީ ފްލެޓްތަކުގެ މަތީ ފްލޯ ތަކުގައި އުޅޭ މީހުންނަށް ވެސް ވިސްނަން ޖެހޭތީ. އެއްވެސް ބަޔަކު ބޭނުން ނުވާނެ އެމީހަކު ދިރި އުޅޭ ތަނުގެ ތިރި ބަންދުވެފައި ހަޑިވެފައި އޮތީމަ،" ސައިމަން ވިދާޅުވި އެވެ.

ނުގަވާއިދުން ފްލެޓްތަކުގެ ތިރީގައި ހަދާފައިވާ ތަންތަން ނެގުމުގެ މަސައްކަތް ފަށާފައިވާއިރު އެ މަސައްކަތް ކުރަމުންދާނީ ފްލެޓްތަކުގެ މީހުންނާ އަދިވެސް މަޝްވަރާކޮށްގެން ކަމަށް އެޗްޑީސީން ބުންޏެވެ. އަދި އެ ތަންތަން އަމިއްލައަށް ހުސްކުރަން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު އަދިވެސް އޮންނާނެ ކަމަށް އެޗްޑީސީ އިން ބުނެފި އެވެ. ހުޅުމާލޭގެ ފްލެޓްތަކުގައި ހުރި ހުސްބިންތަކަކީ ޕާކިން ޒޯން އާއި ހިތް ފަސޭހަ މައިދާންތައް ހެދުމަށް ހާއްސަކޮށްފައިވާ ތަންތަނެވެ.