ވިޔަފާރި

އެސްޓީއޯ އިން މާލެއަށް ޑަސްބިން ހަދިޔާކޮށްފި

ރާއްޖޭގެ ތިމާވެށި ހިމާޔަތްކުރުމުގެ ގޮތުން ސަރުކާރުން ފަށާފައިވާ "ސާފު ރާއްޖެ" ކެމްޕޭން އަށް އެހީވުމުގެ ގޮތުން މާލޭގެ އެކި ސަރަހައްދުތަކުގައި ބެހެއްޓުމަށް ޑަސްބިންތަކެއް، އެސްޓީއޯ އިން އެންވަޔަރަމަންޓް މިނިސްޓްރީއަށް ހަދިޔާ ކޮށްފި އެވެ.

އެސްޓީއޯގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ޑަސްބިންތައް މިނިސްޓްރީއާ ހަވާލުކޮށްދެއްވީ އެސްޓީއޯގެ މެނޭޖިން ޑިރެކްޓާ އަހުމަދު ޝަހީރު އެވެ. މިނިސްޓްރީގެ ފަރާތުން ޑަސްބިންތަކާ ހަވާލުވެވަޑައިގެންނެވީ، އެންވަޔަރަމަންޓް މިނިސްޓަރު ތޯރިގް އިބްރާހިމް އެވެ.

އެސްޓީއޯއިން މިއަދު މާލެއަށް ހަދިޔާކޮށްފައިވަނީ ރާއްޖޭގައި ތައްޔާރުކޮށްފައިވާ 20 ޑަސްބިނެވެ. މި މަޝްރޫއަކީ އަޖުމަބެލުމުގެ މަޝްރޫއެއް ކަމަށް އެސްޓީއޯއިން ބުންޏެވެ.

ރަސްމިއްޔާތުގައި އެމްޑީ ޝަހީރު ވިދާޅުވީ، މާލޭގެ އެކި ސަރަހައްދުތަކުގައި ބެހެއްޓުމަށް ހާއްސަ ކަސްޓަމައިޒް ކޮށްފައިވާ ޑަސްބިންތަކެއް ހަދިޔާކުރުމަށް ނިންމީ އެ ކުންފުނީގެ އިޖްތިމާއީ ޒިންމާގެ ދަށުން، ސަރުކާރުން މިދިޔަ އަހަރު ފެށި "ސާފު ރާއްޖެ" ކެމްޕެއިނަށް ހިއްވަރުދީ އެއްބާރުލުމުގެ ގޮތުން ކަމަށެވެ. އެ ޑަސްބިންތައް ޑިޒަންކޮށްފައިވަނީ ރިސައިކަލް ކުރުމަށް އެހީތެރިވެވޭނެ ފަދަ ގޮތަކަށް ކަމަށާއި، އެކި ސަރަހައްދުތަކުގައި ޑަސްބިންތައް ބެހެއްޓުމަށްފަހު ނިކުންނަ ނަތީޖާއަށް ބަލައި އިތުރު ޑަސްބިން ހަދިޔާ ކުރާނެ ކަމަށް ޝަހީރު ވިދާޅުވި އެވެ.

"ސާފު ރާއްޖެ ކެމްޕޭނަށް އެހީތެރިވުމުގެ ގޮތުން މީގެ ކުރިންވެސް އަޅުގަނޑުމެން ވާނީ ޕްރޮގްރާމްތަކެއް ހިންގާފަ. އެގޮތުން މޫދު ސާފުކުރުމުފެ ޕްރޮގްރާމްތަކެއް މި އަހަރުގެ ކުރީކޮޅު ކުރިއަށް ގެންގޮސްފައި ވާނެ، ސަރުކާޜުން ގެންދާ މިފަދަ ފައިދާ ހުރި ޕްރޮގްރާމްތަކަށް އެހެން ކުންފުނިތަކުގެ ވެސް އެއްބާރުލުން ވަރަށް މުހިއްމު،" ޝަހީރު ވިދާޅުވި އެވެ.

އެސްޓީއޯއިން މާލޭގައި ބެހެއްޓުމަށް ހަދިޔާކުރި ޑަސްބިންތަކަކީ ވަކަރުން ދެ ބައި ހިމެނޭ ގޮތަށް ތައްޔާރުކޮށްފައިވާ ޑަސްބިންތަކެކެވެ. އެ ޑަސްބިންތައް ބަހައްޓަން ހަމަޖެހިފައިވަނީ ކޮން ސަރަހައްދުތަކެއްގައިކަން އަދި ބުނެފައެއް ނުވެ އެވެ.

ޑަސްބިންތަކާ ހަވާލުވެވަޑައިގެންނެވުމަށްފަހު މިނިސްޓަރު ތޯރިގް ވިދާޅުވީ އަންނަ އަހަރުގެ ކުރީކޮޅު މާލޭގެ ކުނީގެ ނިޒާމް ހަރުދަނާކޮށް، ކުނި އެއްކުރުމަށް އާ މަސައްކަތްތަކެއް ކުރަން ރާވާފައިވާއިރު، ޑަސްބިންތަކުގެ ސަބަބުން އެ މަސައްކަތަށް ވަރަށް ބޮޑު ލުޔެއް ލިބިގެން ދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

މިނިސްޓަރު ވަނީ ތިމާވެށީގެ ރައްކާތެރިކަމަށް ކުރާ އެކި މަސައްކަތްތަކަށް އެސްޓީއޯއިން ދޭ އެއްބާރުލުން ފާހަގަކުރައްވައި ޝުކުރު އަދާކުރައްވާފަ އެވެ.

"ސާފު ރާއްޖެއަކަށް ހެދުމަށް އެސްޓީއޯއިން ވަރަށް ބޮޑެތި މަސައްކަތް ތަކެއް ކޮށްދެއްވާފައިވޭ. އެގޮތުން ފާހަގަކޮށްލަން ބޭނުންވޭ އެސްޓީއޯގެ ހުރިހާ އައުޓްލެޓަކުން ބޭނުން ކުރާ ކޮތަޅަކީ ރީސައިކްބަލް ނޫނީ ބަޔޯޑީގްރޭޑެބަލް ކޮތަޅަށް ހައްދަވާފަ މިއޮތީ އެސްޓީއޯއިން،" ތޯރިގް ވިދާޅުވި އެވެ.