- ކުރިން މި ހުއްދަ ދޫކުރަން ގިނަ ދުވަސްވޭ
- މިހާރު ހުއްދައަށް އެދޭ ދުވަހު ހުއްދަ ދޫކުރާނެ
- ޓްރާންސްޕޯޓުގެ ހިދުމަތްތައްވެސް މި އޮފީހުން ލިބޭ
އަމިއްލަ ފަރާތްތަކަށް ވިޔަފާރި ކުރުމަށް އިކޮނޮމިކް މިނިސްޓްރީ އިން ދޫކުރަމުން ސޯލް ޕްރޮފޮޔަޓާސިޕް، އެސްޕީ ހުއްދަ އެކަމަށް ހުށަހަޅާ ދުވަހު އައްޑޫ ސިޓީ އިން އެ ހުއްދަ ދޫކުރަން މިއަދު ފަށައިފި އެވެ.
އިކޮނޮމިކް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އާދަމް ތައުފީގު ވިދާޅުވީ ކުރިން ތިން ދުވަހަށް ވުރެ ގިނަ ދުވަހުން ދޫކުރާ އެސްޕީ ހުއްދަ އެއް ދުވަހުން ލިބޭނެ ގޮތް އައްޑޫގައި ހަމަޖެހުމަކީ އައްޑޫ ސިޓީގައި ވިޔަފާރިކުރާ ފަރާތްތަކަށް ބޮޑު ފަސޭހައެއް ލިިބޭނެ ކަމެއް ކަމަށެވެ.
"ކުރީގައި މާލެ އަށް [އެސްޕީ] ހުއްދަ އަށް އެދި ފޯމްތައް ލުމުން ތިން ދުވަސްވަރު ނަގާނެ. އަދި މި ހުއްދައިގެ ސެޓްފިކެޓުގެ އަސްލު ފޮނުވަން ޖެހެނީ ޕޯސްޓް މެދުވެރިކޮށް. ޕޯސްޓުން ފޮނުވާތީ ބައެއް ފަހަރު ގިނަ ދުވަސް ނަގާ. ނަމަވެސް މިހާރު އެއް ދުވަހުން ދޫކުރާ ގޮތަށް ހަމަޖެހުމަކީ ބޮޑު ކުރިއެރުމެއް،" އާދަމް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އައްޑޫގައި ހުންނަ އިކޮނޮމިކް މިނިސްޓްރީގެ އޮފީހުން މި ހިދުމަތް ފަށާފައިވަނީ ރެޖިސްޓްރާ އޮފް ކޮމްޕެނީސް އަށް ގާނޫނުން ލިބިގެންވާ ބާރުގެ ދަށުން ކަމަށެވެ.
"ހުއްދަ ދޫކުރުން އައްޑޫ ސިޓީ އަށް ބަދަލުކުރީ ރެޖިސްޓްރާ އޮފް ކޮމްޕެނީސް އަށް ގާނޫނީ ގޮތުން ލިބިދޭ ބާރުގެ ދަށުން. މިހާރު ހުއްދައަށް އެދި އަދި ސެޓްފިކެޓްވެސް އެކޮޅުން [އައްޑޫ] އިން ލިބޭނެ،" އާދަމް ތައުފީގް ވިދާޅުވި އެވެ.
ރާއްޖޭގައި އާއްމު ވިޔަފާރީގެ ހަތަރު ބާވަތެއްގެ ހުއްދަ އެއް ދޫކުރެ އެވެ. އެއީ އަމިއްލަ ފަރުދުންގެ ވިޔަފާރި ރަޖިސްޓްރީ ކުރުން އަދި ކުންފުންޏާއި ޕާޓްނާޝިޕް އަދި ކޯޕަރޭޓިވް ސޮސައިޓީ ރަޖިސްޓްރީ ކުރުމެވެ.
ޑެޕިއުޓީ މިނިސްޓަރު އާދަމް ވިދާޅުވީ އެސްޕީ ހުއްދަ ނޫން އެހެން ހުއްދަތަކަށް ވެސް އައްޑޫ ސިޓީއިން އެދެވޭނެ ކަމަށެވެ.
އިކޮނޮމިކް މިނިސްޓްރީން ވަނީ ޓްރާންސްޕޯޓުގެ ބައެއް ހިދުމަތްތައް އައްޑޫ ސިޓީގައި ހުންނަ މި އޮފީހުން ލިބޭނެ އިންތިޒާމު ހަމަޖައްސާފަ އެވެ.
ރާއްޖެއަކީ ވިޔަފާރިއަށް ފަހި މާހައުލެއް އޮތް ގައުމަށް ހެދުމަށްޓަކައި އިކޮނޮމިކް މިނިސްޓްރީން ދަނީ ވިޔަފާރީއާ ގުޅޭ ހިދުމަތްތަކަށް ބޮޑު ބަދަލެއް ގެންނަމުންނެވެ. މީގެ މައިގަނޑު ބޭނުމަކީ ވޯލްޑް ބޭންކުން ނެރޭ ވިޔަފާރިއަށް ފަސޭހަ ގައުމުތަކުގެ ލިސްޓް، ޑުއިން ބިޒްނަސް އިންޑެކްސްގައި ރާއްޖޭގެ ރޭންކިން މަތި ކުރުމެވެ. މިހާރު ރާއްޖެ އޮތީ ވޯލްޑް ބޭންކް ރޭންކިންގެ 135 ވަނައަށް ވެއްޓިފަ އެވެ.