ވިޔަފާރި

ހުޅުމާލެ ޕޯޓުން މުދާ ކްލެއާކޮށްދޭން ފަށަނީ

Dec 16, 2016
1
  • އެ ޕޯޓުން ކްލެއާ ކުރަނީ އަތޮޅުތަކަށް ގެންދާ މުދާ
  • 400 ކޮންޓެއިނަރު އެ ޕޯޓްގައި ބެހެއްޓޭނެ
  • 24 ގަޑިއިރު ހިދުމަތް ދިނުމަށް ނިންމާފައިވޭ

ހުޅުމާލޭގައި ގާއިމްކޮށްފައިވާ އެމްޕީއެލްގެ ޕޯޓުން ރާއްޖެއަށް އެތެރެ ކުރާ ބައެއް މުދާ ކްލެއާ ކުރުމުގެ ހިދުމަތް ދޭން ނިންމައިފި އެވެ.

މީގެ ކުރިން އެޕޯޓް ބޭނުން ކުރީ މާލެއިން މުދާ ކްލެއާ ކުރުމަށް ފަހު ބައެއް ކޮންޓެއިނަރު ފަދަ ތަކެތި ބޭލުމުގަ އެވެ. އަދި މިދިޔަ ދުވަސްތަކުގައި އެ ޕޯޓްގެ މަސައްކަތް އޮތީ ހުއްޓާލައިފަ އެވެ.

އެމްޕީއެލްގެ ޖެނެރަލް މެނޭޖަރު އިބްރާހިމް ރަޝީދު ޕީއެމްސްއަދް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ ހުޅުމާލެ ޕޯޓުން މުދާ ކްލިއާ ކުރުމުގެ ހިދުމަތް ކުރިއަށް އޮތް ދެމަހުގެ ތެރޭގައި ފެށޭވަރުވާނެ އެވެ. އަދި ހުޅުމާލެ ޕޯޓުން ކްލިއާ ކޮށްދޭނީ އަތޮޅުތަކުގެ ރަށްތަކަށާާއި ރިސޯޓްތައް ހެދުމަށް ގެންނަ މުދާ ކަމަށް އޭނާ ވިދާޅުވި އެވެ.

އިބްރާހިމް ރަޝީދު ވިދާޅުވި ގޮތުގައި، އެ ޕޯޓުން މުދާ ކްލިއާ ކުރަން ފެށުމުން މާލޭގައި ގުދަނެއް ނެތިގެން މުދާ ކްލެއާ ނުކުރެވި ހުންނަ މައްސަލައަށް ހައްލެއް ލިބޭނެ އެވެ. ހުޅުމާލެ ޕޯޓްގައި 400 އަށް ވުރެ ގިނަ ކޮންޓެއިނަރުގެ މުދާ ބެހެއްޓޭނެ ކަމަށް ވެސް ވިދާޅުވި އެވެ.

އެމްޕީއެލްގެ ތަފާސްހިސާބުތައް ދައްކާ ގޮތުން ރާއްޖެ އެތެރެކުރާ މުދަލުގެ 40 ޕަސެންޓް ގެންދަނީ އަތޮޅުތަކަށާއި ރިސޯޓްތަކަށެވެ. އިބްރާހިމް ރަޝީދު ވިދާޅުވީ ރާއްޖެއަށް އެތެރެ ކުރާ މުދާ ދުވަހެއް ދުވަހަކަށް އިތުރުވަމުން އައި ނަމަވެސް މާލޭގެ ޕޯޓް ބޮޑުނުވުމުގެ ސަބަބުން ބޮޑެތި ދަތިތަކާ ކުރިމަތިލާން ޖެހޭ ކަމަށެވެ. އެހެން ނަމަވެސް މުދާ ކްލެއާ ކުރުމަށް ހުޅުމާލެ ޕޯޓް ބޭނުން ކުރަން ފެށުމުން މުދާ ކްލެއާ ކުރަން ބޮޑުލުޔެއް ލިބޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އެ ޕޯޓުން ވެސް 24 ގަޑިއިރު ހިދުމަތް ދިނުމަށް ވަނީ ރާވައިފަ އެވެ. މިއަހަރުގެ ނޮވެމްބަރު މަހާ ހަމަޔަށް ވަނީ 3.1 ބިލިއަން ރުފިޔާގެ މުދާ ރާއްޖެ އެތެރެކޮށްފަ އެވެ. އެއީ 20 ޕަސެންޓްގެ އިތުރުވުމެކެވެ.