ވިޔަފާރި

ބޭންކްތަކުގެ ފައިދާ އިތުރުވެ، ދެ ބިލިއަން ރުފިޔާއަށް

Dec 17, 2016
3
  • ފައިދާއަށް 62 ޕަސެންޓްގެ ކުރިއެރުން
  • ކޮމާޝަލް ބޭންކްތަކުގެ އަދަދު ވަނީ އަށަކަށް އަރާފައި
  • ބޭންކްތަކުގެ ރައުސްމާލު 12 ޕަސެންޓް އިތުރުވި

ރާއްޖޭގެ އޮޕަރޭޓް ކުރަމުން އަންނަ ކޮމާޝަލް ބޭންކްތަކުގެ ފައިދާ މިދިޔަ ކުއާޓާގެ ތެރޭގައި 62 ޕަސެންޓް އިތުރުވެފައިވާ ކަމަށް މަރުކަޒީ ބޭންކް، އެމްއެމްއޭ އިން އާންމު ކުރި ރިޕޯޓެއްގައި ބުނެފި އެވެ.

އިގްތިސާދީ މުހިންމު ބައިތަކުގެ މައްޗަށް ބަލާލައި އެމްއެމްއޭ އިން މަހަކު އެއްފަހަރު ނެރޭ، "އިކޮނޮމިކް ބްލެޓިން"ގެ މިދިޔަ މަހުގެ އަދަދުގައި ބުނެފައި ވަނީ ޓެކްސް ދެއްކުމުގެ ކުރިން ބޭންކްތަކަށް 2.1 ބިލިއަން ރުފިޔާ ތިންވަނަ ކުއާޓާގައި ފައިދާގެ ގޮތުގައި ލިބިފައިވާ ކަމަށެވެ. މިއީ މިދިޔަ އަހަރާ އަޅާބަލާ އިރު 62 ޕަސެންޓްގެ ކުރިއެރުމެއް އެމްއެމްއޭ އިން ބުންޏެވެ.

ބޭންކިން ސިނާއަތަށް މިދިޔަ ކުއާޓަރުގައި އެހާ ބޮޑު ފައިދާއެއް ލިބުމުގެ މައިގަނޑު ސަބަބަކީ، ދޫކުރާ ލޯނުތަކުގެ އަދަދު އިތުރުވުމުގެ ސަބަބުން އިންޓަރެސްޓްގެ ގޮތުގައި ބޭންކްތަކަށް ލިބޭ އާމްދަނީ އިތުރުވުމެވެ. އަދި ގިނަ ދުވަސް ވަންދެން އެކި ފަރާތްތަކުން ބޭންކްތަކަށް ނުދައްކާ ހުރި ގިނަ ލޯނުތައް ރިކަވާ ކުރެވުމަކީ ވެސް މި ކުއާޓާގެ އާމްދަނީ އިތުރުވި ސަބަބެއް ކަމަށް ރިޕޯޓްގައިވެ އެވެ.

މިދިޔަ ކުއާޓާގައި ރާއްޖޭގައި ވަނީ އިތުރު ކޮމާޝަން ބޭންކެއް ވެސް ހުޅުވައި ހިދުމަތް ފަށައިފަ އެވެ. އެއީ ކޮމާޝަލް ބޭންކް އޮފް މޯލްޑިވްސް، ސީބީއެމް އެވެ. އެއާ އެކު ރާއްޖޭގައި ހަރަކާތްތެރިވާ ކޮމާޝަލް ބޭންކްތަކުގެ އަދަދު އަށަކަށް އިތުރުވެފައިވާކަން ވެސް އެމްއެމްއޭ އިން ފާހަގަ ކުރެ އެވެ.

ރިޕޯޓްގައިވާ ގޮތުގައި، މިދިޔަ ކުއާޓާ ނިމުނު އިރު ބޭންކްތަކުގެ ރައުސްމާލު އަހަރު ދުވަހުގެ ތެރޭގައި 12 ޕަސެންޓް އިތުރުވެ، 44.8 ބިލިއަން ރުފިޔާއަށް އިތުރުވެފައިވެ އެވެ. އަދި ބޭންކްތަކުގައި މީހުން ފައިސާ ޑިޕޮސިޓް ކުރި އަދަދު ވެސް ނުވަ ޕަސެންޓް އިތުރުވެ، 31.8 ބިލިއަން ރުފިޔާއަށް އިތުރުވި ކަމަށް ވެސް ރިޕޯޓްގައިވެ އެވެ. މީގެ އިތުރުން ބޭންކްތަކުން ލޯނު ދޫކުރި އަދަދު ވެސް ވަނީ 22 ޕަސެންޓް އިތުރުވެފަ އެވެ. ރިޕޯޓްގައިވާ ގޮތުގައި، 36 ޕަސެންޓް ލޯނު ދޫކުރީ ޓޫރިޒަމް ސިނާއަތަށެވެ. އަދި ވިޔަފާރީގެ ދާއިރާއަށް 19 ޕަސެންޓް ލޯނު ދޫކުރި އިރު، އިމާޜާތް ކުރުމުގެ ދާއިރާއަށް ވަނީ ލޯނުތަކުގެ 15 ޕަސެންޓް ދޫކޮށްފަ އެވެ.

މީގެ އިތުރުން، މިއަހަރުގެ ތިން ކުއާޓާ ފާއިތުވި އިރު، ބޭންކްތަކަށް ނުދައްކާ ހުރި ލޯނުތަކުގެ އަދަދު ވަނީ 11 ޕަސެންޓަށް ދަށްކުރެވިފައި ކަމަށް ރިޕޯޓްގައިވެ އެވެ. އޭގެ ސަބަބުން ބޭންކްތަކުން ލޯނު ދޫކުރުމަށް އޮތް ރިސްކް ވަނީ ކުޑަވެގެން ގޮސްފަ އެވެ.