ރާއްޖޭގެ ތިމާވެއްޓާ ބެހޭ އިދާރާ، އެންވަޔަރަމަންޓް ޕްރޮޓެކްޝަން އޭޖެންސީ (އީޕީއޭ) ގެ އަށް ވަނަ އަހަރީ ދުވަހާއި ގުޅިގެން ފެށޭ އަހަރަށް އާ ޝިއާރަކާއެކު އާ ލަނޑުދަނޑިތަކެއް ކަނޑައަޅައިފި އެވެ.
އަށްވަނަ އަހަރީ ދުވަހުގެ އުފަލުގައި އީޕީއޭއިން އަލަށް ކަނޑައެޅި ޝިއާރަކީ "ދުޅަހެޔޮ ވެއްޓަކަށް ސާފު ފެން" މިއެވެ. އެ ޝިއާރާއެކު އީޕީއޭ އިން ވަނީ އަންނަ އަހަރު މުޅިން އާ ކެމްޕޭނެއް ފަށަން ވެސް ނިންމާފަ އެވެ. ތިމާވެށި ވުޒާރާގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އާ ޝިއާރު އިފްތިތާހުކޮށްދެއްވީ މިނިސްޓަރު ތޯރިގް އިބްރާހިމް އެވެ.
އީޕީއޭއިން މިއަދު ބުނީ، "ދުޅަހެޔޮ ވެއްޓަކަށް ސާފުފެން" މި ޝިއާރަކީ ދެމެހެއްޓެނިވި ތަރައްގީގެ މައިގަނޑު ތިން ލަނޑުދަނޑި ރަމްޒުވާގޮތަށް ކަނޑައެޅި ޝިއާރެއް ކަމަށެވެ. އެހެން ކަމުން ޝިއާރުގެ ދަށުން މުޅިން އާ ކެމްޕެއިންތަކެއް އަންނަ އަހަރު ފެށުމަށް ތައްޔާރުވަމުންދާއިރު، އެ ތިން ލަނޑުދަނޑި ކާމިޔާބުކުރުމަށް އާންމުންނަށް ފޯރުކޮށްދޭންޖެހޭ މައުލޫމާތު ދިނުމަށް ހޭލުންތެރިކުރުމުގެ ޕްރޮގްރާމްތަކެއް ހިންގާނެ ކަމަށެވެ. ހޭލުންތެރިކުރުވުމުގެ ޕްރޮގްރާމްތައް ސްކޫލް ކުދިންނަށާއި ކައުންސިލްތަކަށާއި ޖަމްއިއްޔާތަކުގެ އިތުރުން އާންމުންނަށް ހުޅުވާލައިގެން ކުރިއަށް ގެންދާނެ ކަމަށް އީޕީއޭއިން ބުންޏެވެ.
"މި ޝިއާރަކީ ދެމެހެއްޓެނިވި ތަރައްގީގެ 6 ވަނަ ލަނޑު ދަނޑި "ސާފު ފެނާއި ނަރުދަމާ" އާއި ދެމެހެއްޓެނިވި ތަރައްގީގެ 14 ވަނަ ލަނޑުދަނޑި "ފެނުއަޑީގެ ދިރުން" އަދި ދެމެހެއްޓެނިވި ތަރައްޤީގެ 15 ވަނަ ލަނޑުދަނޑި" އެއްގަމުގެ ދިރުން" މި ކަންކަން ހިމެނޭ ގޮތައް ތައްޔާރު ކުރެވިފައިވާ ޝިޢާރެކެވެ. 2017 ވަނަ އަހަރަށް މި ޝިއާރު ކަނޑައެޅުމުގެ މައިގަނޑު މަގްސަދުތަކުގެ ތެރޭގައި ސާފު އަދި ރައްކާތެރި ފެން ބުއިމަށް ބޭނުން ކުރުމުގެ މުހިއްމު ކަމާއި، އެއްގަމު އަދި ކަނޑުގެ ދިރުންތަކަށް ސާފު ފެނުގެ މުހިއްމުކަން އަދި ބިމުގެ ފެން ރައްކާތެރިކުރުމުގެ މުހިއްމުކަން ހިމެނެއެވެ،" އީޕީއޭއިން މިއަދު ނެރުނު ބަޔާނެއްގައި ބުންޏެވެ.
މިއަދު ފާހަގަކުރާ އީޕީއޭގެ އަހަރީ ދުވަހާ ގުޅިގެން އެ އިދާރާއިން ވަނީ، މުވައްޒަފުންގެ މެދުގައި އުކާލެވޭ ތަކެތި ބޭނުންކޮށްގެން އެއްޗެހި ހެދުމަށް "ރިސައިކަލް ޗެލެންޗެއް" ވެސް ބާއްވާފައެވެ.
އީޕީއޭގެ ޑިރެކްޓާ ޖެނަރަލް އިބްރާހިމް ނައީމް ވިދާޅުވީ، މީގެ ފަހުން ކޮންމެ އަހަރީ ދުވަހަކު އާ ޝިއާރެއް ކަނޑައަޅައި، އެ އަހަރަކަށް ކަނޑައަޅާ ލަނޑުދަނޑިތައް ހާސިލްކުރަން މަސައްކަތްކުރަން ހަމަޖެހިފައިވާކަމަށެވެ.