ވިޔަފާރި

އައްޑޫގެ އުފެއްދުންތައް ޒަމާނީ ފެކޭޖިންގައި ބާޒާރަށް ނެރެނީ

Dec 19, 2016
  • މި މަޝްރޫއުން ގިނަ ވަޒީފާތަކެއް އުފެދޭނެ
  • މަޝްރޫއު ހާއްސަ ކުރަނީ އަންހެނުންނަށް
  • ކާބޯ ތަކެއްޗާއި ހޭންޑި ކްރާފްޓް އުފައްދާނެ

އައްޑޫގައި ތައްޔާރުކުރާ ކާބޯ ތަކެއްޗާއި، އަތްތެރި މަސައްކަތުގެ ސާމާނު ޒަމާނީ ޕެކޭޖިންގައި ބާޒާރަށް ނެރުމުގެ މަސައްކަތް ފަށަން އިކްނޮމިކް މިނިސްޓްރީން ތައްޔާރުވެއްޖެ އެވެ.

އިކްނޮމިކް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އަބްދުﷲ މުހައްމަދު "އަވަސް" އަށް މިއަދު ވިދާޅުވީ ސަބާ ޕްރޮޖެކްޓުގެ ދަށުން، އައްޑޫގައި ހަދާފައިވާ އިމާރާތުގެ މަސައްކަތް ހުއްޓިފައި ހުންނަތާ، ދުވަސް ތަކަކަށްފަހު، މަސައްކަތް އަލުން ފެށުމަށް ތައްޔާރުވަމުން އަންނަ ކަމަށާއި، މި މަޝްރޫއުގެ ދަށުން އަންނަ މޭ މަހު އުފެއްދުންތައް ބާޒާރަށް ނެރޭނެ ކަމަށެވެ.

ވިޔަފާރީގެ ދާއިރާ އަށް އަންހެނުން ބާރުވެރި ކުރަން ކުރި އަށް ގެންދާ ސަބާ ޕްރޮޖެކްޓުގެ ދަށުން އައްޑޫގައި ހަދާފައިވާ އިމާރާތާއި މުޅި މަޝްރޫ އަށް ގާތްގަނޑަކަށް ތިން މިލިއަން ރުފިޔާ ހޭދަކޮށްފައިވެ އެވެ.

އަބްދުﷲ ވިދާޅުވީ މި މަޝްރޫއުގެ މަސައްކަތް އަލުން ފެށުމާއެކު، އައްޑޫ ބޮނޑި ފަދަ ސާމާނު އެންމެ ޒަމާނީ ފެންވަރަށް ބަންދު ކުރެވޭނެ ކަމަށެވެ.

"ޗޮކްލެޓް ހުންނަ ގޮތަށް އެންމެ ޒަމާނީ ޕެކިންގައި ނެރެވޭނީ. ހަމައެކަނި ބޮނޑިއެއް ނޫން. މި ނޫން އެހެން ބާވަތްތައް ވެސް ނެރެވޭނެ،" އަބްދުﷲ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މި މަޝްރޫއުގެ މަސައްކަތް ފެށުމުން، 50 ވަރަށް ވަޒީފާ އުފެދިގެންދާނެ ކަމަށެވެ.

"މަޝްރޫއުން 50 އަށް ވުރެ ގިނަ ވަޒީފާ އުފެދޭނެ. މި ތަނުގައި މުޅިން ވެސް މަސައްކަތް ކުރާނީ ދިވެހިން. ހާއްސަކޮށް ދިވެހި އަންހެނުން،" އަބްދުﷲ ވިދާޅުވި އެވެ.

ރާއްޖޭގެ އެކި ހިސާބުތަކުގައި ތިބި މަސައްކަތްތެރިންގެ ހުނަރު، މާކެޓު ކުރުމުގެ ގޮތުން ރާއްޖޭގައި ތިން ފެސިލިޓޭޝަން ސެންޓަރެއްގެ މަސައްކަތް ދަނީ ކުރަމުންނެވެ.