ހަބަރު

ސީމެގްގެ އެޖެންޑާގައި ރާއްޖެ ހިމެނުމަށް ތާއީދެއް ނުލިބުނު

Mar 12, 2015
1

ކޮމަންވެލްތްގެ މިނިސްޓްރީއަލް އެކްޝަން ގްރޫޕް (ސީމެގް)ގެ އެޖެންޑާގައި ރާއްޖެ ހިމެނުމަށް މިއަދު މަޝްވަރާ ކުރި ނަމަވެސް އެ އެޖެންޑާގައި ރާއްޖެ ހިމެނުމަށް ތާއީދެއް ނުލިބު ކަމަށް ސަރުކާރުން ބުނެފި އެވެ. 

ރައީސް އޮފީހުގެ އޮފިޝަލަކު ވިދާޅުވީ، ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ މައްޗަށް ކުރާ ޝަރީއަތާގުޅިގެން ރާއްޖޭގެ މައްސަލަ ސީމެގްގެ އެޖެންޑާގައި ހިމެނުމަށް ބައެއް ގައުމުތަކުން މިއަދު ބޭއްވި ބައްދަލުވުމަށް ހުށަހެޅި ކަމަށެވެ. ނަމަވެސް ރާއްޖެ އެެޖެންޑާގައި ބޭއްވުމަށް މިއަދުގެ ބައްދަލުވުމުގައި ނުފެންނަ ކަމަށް ނިންމާފައިވާ ކަމަށް ވެސް އޮފިޝަލް ވިދާޅުވި އެވެ. 

"ކޮމަންވެލްތްގެ ސެކްރެޓަރީ ޖެނެރަލް، ފޮރިން މިނިސްޓަރު ދުންޔާއަށް ގުޅުއްވައި އެކަން ވަނީ މިހާރު ކަށަވަރުކޮށްދީފައި،" ސަރުކާރުގެ އޮފިޝަލް ވިދާޅުވި އެވެ. 

ކޮމަންވްލްތްގެ ހާރިޖީ ވަޒީރުން ހިމެނޭ ސީމެގް ގެ އެޖެންޑާގައި ގައުމެއްގެ މައްސަލަ ހިމަނަނީ އެ ގައުމެއްގައި ޑިމޮކްރަސީ އާއި އިންސާނީ ހައްގުތަކާ ހިލާފު ކަންތައްތަކެއް ކުރަމުން އަންނަ ކަމަށް ގަބޫލުކޮށް އެކަންތައްތައް ހައްލު ކުރުމަށް ފިޔަވަޅުތައް އެޅުމުގެ ގޮތުންނެވެ. އަދި އެފަދަ ހާލަތުގައި އެ ގައުމެއް ސީމެގް ބައްދަލުވުންތަކުން ސަސްޕެންޑް ކުރެ އެވެ. އަދި އެޖެންޑާގައި އޮންނަ މައްސަލަ ބަލައި އެކަމަށް ކޮމަންވެލްތުން އަޅަން ޖެހޭ ފިޔަވަޅުތައް ނިންމަ އެވެ. 

ސީމެގްގެ އެޖެންޑާގައި ރާއްޖެ ބޭއްވުމަށް ކެނެޑާ ފަދަ ގައުމުތަކުން މަސައްކަތް ކޮށްފައި ވަނީ ކްރިމިނަލް ކޯޓްގެ އިސް ގާޒީ އަބްދުﷲ މުހައްމަދު ހައްޔަރުކޮށްގެން ގެންގުޅުނު މައްސަލައިގައި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ މައްޗަށް މިހާރު ކުރިއަށް ދާ ޝަރީއަތަކީ އިންސާފުވެރި ޝަރީއަތެއް ނޫން ކަމަށް ބުނެ އެވެ. އަދި އެމަނިކުފާނު ހައްޔަރުކޮށްގެން ޝަރީއަތް ހިންގުމުގެ ސަބަބުން ގިނަ ހައްގުތަކެއް އެމަނިކުފާނަށް ގެއްލޭ ކަމަށް އެފަދަ ބައެއް ގައުމުތަކުން ބުނެފައިވެ އެވެ.

ނަމަވެސް ރާއްޖެއިން ވަނީ އެކި ފަހަރުމަތިން ބޭރުގެ ޑިޕްލޮމެޓުންނާ ބައްދަލުކޮށް ރައީސް ނަޝީދުގެ ޝަރީއަތް ހިނގަނީ ރާއްޖޭގެ ގާނޫނުތަކާ އެއްގޮތަށް ކަމުގެ ޔަގީންކަން ދީފަ އެވެ. އަދި އެކަމާ ބޭރުގެފަރާތްތަކުން ނުބެހުމަށް ބައިނަލްއަގުވާމީ މުޖުތަމައަށް ރާއްޖެއިން ވަނީ ގޮވާލައިފަ އެވެ. 

ސީމެގްގެ އެޖެންޑާގައި ރާއްޖެ ވަނީ މީގެ ކުރިން ދެ ފަހަރެއްގެ މަތިން ބައިވެރި ކޮށްފަ އެވެ. އެންމެ ފުރަތަމަ ރާއްޖެ އެޖެންޑާގައި ބައިވެރި ކުރީ ރައީސް ނަޝީދުގެ ސަރުކާރު ވެއްޓުނީ ބަޣާވާތަކުން ކަމަށް އެމަނިކުފާނު ވަކާލާތު ކުރައްވަން ފެއްޓެވުމުންނެވެ. ނަމަވެސް ކޮމަންވެލްތްގެ އެހީގައި އެކުލަވާލި މިނިވަން ކޮމިޝަނަކުން މައްސަލަ ބެލުމަށް ފަހު އެއީ ބަޣާވާތެއް ނޫންކަން ސާބިތުވުމުން ރާއްޖޭގެ ނަން އެ އެޖެންޑާއިން ނެގި އެވެ. ނަމަވެސް، މިދިޔަ ރިޔާސީ އިންތިހާބު ލަސްވުމާ ގުޅިގެން، އާ ރައީސަކު އިންތިހާބު ވަންދެން ރާއްޖޭގެ މައްސަލަ އެ އެޖެންޑާގައި ބޭއްވުމަށް އެ ކޮމިޝަނުން އޭރު ނިންމި އެވެ. ރައީސް އަބްދުﷲ ޔާމީން އިންތިހާބު ވުމާ އެކު މައްސަލަ ވަނީ އަނބުރާ ނަގައިފަ އެވެ.